ބޮލީވުޑް

ސަލްމާނަށް ކެޓުރީނާ ކުރި ތުހުމަތަށް ދެކޮޅެއް ނުހެދި

ސަލްމާން ޚާން ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ހަފުތާ ބަންދު އެޕިސޯޑުގައި މި ހަފުތާގައި ބައިވެރިވެފައި ވަނީ ކެޓުރީނާ ކައިފް އާއި ޑައިރެކްޓަރު ރޯހިތު ޝެޓީ އެވެ.

މި ޝޯގައި ކެޓުރީނާ ވަނީ ސަލްމާނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ކެޓުރީނާ ކުރި އެއް ތުހުމަތަކީ ސަލްމާން ތަންތަނަށް ގަޑިޖެހިގެން ދާ މައްސަލަ އެވެ. ކެޓުރީނާ ބުނާ ގޮތުން އެއްވެސް ތަނަކަށް ސަލްމާން ގަޑިއަކަށް ނުދެ އެވެ. ކޮންމެ ތަނަކަށް ދިޔަސް ދަނީ ގަޑިޖެހިގެން އެތައް ގަޑިއެއް ފާއިތުވީ ފަހުންނެވެ.

ކެޓުރީނާ ކުރި ދެ ވަނަ ތުހުމަތަކީ ސަލްމާންގެ ނަށާއިރު ކޯރިއޯގްރާފަރުގެ ބަސް ނޭހުމެވެ. ކޯރިއޯގްރާފަރު ދައްކާ ސްޓެޕްތައް ނަހަދައި ކޮންމެ ލަވައެއްގައި ވެސް ސަލްމާން ނަށަނީ އޭނާއަށް ފެންނަ ގޮތަކަށް ކަމަށް ކެޓުރީނާ ބުންޏެވެ.

"ބިގް ބޮސް" ގައި ކެޓުރީނާ އާއި ރޯހިތު ބައިވެރިވީ އެމީހުންގެ ފިލްމު "ސޫރިޔަވަންޝީ" ރިލީޒް ކުރަން ތައްޔާރު ވެފައިވާތީ އެ ފިލްމު ޕްރޮމޯޓް ކުރުމަށެވެ.

ކެޓުރީނާގެ މި ތުހުމަތުތަކަށް ސަލްމާން ބުނީ އެއީ އޭނާ ކުރާ ކަންކަން ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ކެޓުރީނާ ދިން ކޮންމެ އަދަބެއް އުފަލާއެކު ގަބޫލު ކުރަން ތައްޔާރު ކަމަށް ވެސް ސަލްމާން ބުންޏެވެ.

އަދަބެއްގެ ގޮތުން ސަލްމާން ކުރަން ކެޓުރީނާ ބުނަނީ އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރި 30 ސިކުންތު ވަންދެން އޭނާއަށް ތައުރީފު ކުރުމަށެވެ.

އޭނާއަށް ލަވައެއް ކިޔައިދޭން ކެޓުރީނާ އެދުނު އެދުން ވެސް ސަލްމާން ފުރިހަމަ ކޮށްދިނެވެ. ކެޓުރީނާއަށް ސަލްމާން ކިޔައިދިނީ "އޯ މެރޭ ދިލް ކެ ޗޭން" އެވެ. އަދި މި ލަވަ ކިޔަމުން ކެޓުރީނާ އާއެކު ސަލްމާން ކުޑަކޮށް ނަށާ ވެސް ލިއެވެ.

ކެޓުރީނާ ދެކެ ލޯބިވާ ވާހަކަ އާއި އޭނާ ކުރާ ބުރަ މަސައްކަތް ވަރަށް ފާހަގަކުރާ ކަމަށް ބުނެ ސަލްމާން ކެޓުރީނާއަށް ވަރަށް ގިނައިން ތައުރީފު ކުރެ އެވެ.

"އޭނާގެ އެހެރެ ލޮލެއް ބަލާބަލަ. އެހެރަ ހިނިތުންވުމެއް ދެކިބަލަ. އޭނާގެ ކިބައިގައި ކުޑަ ކުއްޖެއްގެ ހުންނަ މައުސޫމް ކަމެއް ހުރޭ. ކެޓުރީނާއަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ އެކްޓަރެއް. އޭނާގެ ފިލްމެއް ފޭލިވިޔަސް އަދި އޭނާ އެކްޓްކުރާ ގޮތް ކަމުނުގޮސްގެން ކޮންމެ މީހަކު ކޮންމެ އެއްޗެއް ލިޔުނަސް ކެޓުރީނާ އެކަމާ ޑިޕްރެސް ވެގެނެއް ނޫޅޭނެ،" ކެޓުރީނާއަށް ތައުރީފު ކުރަމުން ސަލްމާން ބުނެފައި ވެއެވެ.

ކެޓުރީނާ އަށް ތައުރީފުކޮށް ސަލްމާން އިތުރަށް ބުނީ ކެޓުރީނާއަކީ މޮޅު ނެށުންތެރިޔެއް ކަން އެންމެން ވެސް ގަބޫލު ކުރެ އެވެ. އަދި މީހުން އޭނާއަށް ތައުރީފު ކުރާނަމަ ކެޓުރީނާ އެއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރެވޭތޯ ކެޓުރީނާ ހިތްވަރު ކުރާނެ އެވެ. އަދި އޭނާގެ އެކްޓް ފީކަޅާކަމަށް ބުނެ ފާޑު ކިޔަސް އެކަން ރަނގަޅުކުރެވޭތޯ ކެޓުރީނާ ގަދައަޅާ މަސައްކަތް ކުރާނެ އެވެ. އޭގެ ބަދަލުގައި ފާޑު ކީ މީހުންނަށް ރައްދު ދީ އެމީހާ ދެއްކީ ދޮގު ވާހަކައެއްކަން ސާބިތު ކޮށްދޭކަށް ކެޓުރީނާ މަސައްކަތް ނުކުރާނެ ކަމަށާއި އެއްވެސް މީހުންގެ އަގު ވައްޓާލާ ދެރަކޮށްލުމަކީ ކެޓުރީނާ ކުރާ ކަމެއް ނޫންކަމަށް ސަލްމާން ބުންޏެވެ.

"އެއްވެސް މީހަކާ ބެހޭ ގޮތުން ކެޓުރީނާ ގޯސް ވާހަކައެއް ނުދައްކާނެ. އޭނާ އުޅެނީ ވަރަށް ރީތި އެހާމެ ފުރިހަމަ ދުނިޔެއެއްގައި،" ސަލްމާން ބުނެފައި ވެއެވެ.