ދުނިޔެ

އިޒްރޭލުން އިބްރާހިމީ މިސްކިތް ބަންދުކޮށްފި

އިޒްރޭލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގެ އަލްޚަލީލް (ހިބްރޫން) ސިޓީގައި ހުންނަ އިބްރާހީމީ މިސްކިތް ހޮނިހިރު ދުވަހު މުސްލިމުންނަށް ބަންދު ކޮށްފި އެވެ. މިސްކިތުގެ ޑިރެކްޓަރާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ވެސް މި ހަބަރު ގެނެސްދިނެވެ.

ހަބަރުތައް ބުނާ ގޮތުން ހުކުރު ދުވަހުގެ ހަވީރު ތިނަކުން ރޭގަނޑު 10 އަށް މިސްކިތް ބަންދު ކޮށްފައި ބަހައްޓާނެ އެވެ. އެއީ ޔަހޫދީންގެ ހަރަކާތަކަށް އެ ސަރަހައްދު ހާއްސަކުރަން ކަމަށް ވެއެވެ.

ޔަހޫދީ ބަންދު ދުވަސްތަކުގައި އިޒްރޭލު ސިފައިން އަހަރަކު 10 ދުވަހު މިސްކިތް މުސްލިމުންނަށް ބަންދުކުރެ އެވެ.

އިބްރާހީމީ މިސްކިތަކީ މުސްލިމުން ގަބޫލުކުރާ ގޮތުގައި މުގައްދަސް ބިނާ އެކެވެ. ޔަހޫދީން ވެސް މިފަދައިން ގަބޫލުކުރެ އެވެ.

ޔަހޫދީ ހައްދުފަހަނަ އަޅާފައިވާ ވަޒަންވެރިއެއް ކަމަށްވާ ބަރޫޗް ގޯލްޑްސްޓޭން މިސްކިތުގެ ތެރޭގައި 1994 ވަނަ އަހަރު ފަލަސްތީނުގެ 29 މީހަކު ގަތުލުކުރި އެވެ. އެ ހާދިސާއަށް ފަހު އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިސްކިތާއި ގޯތިތެރެ މުސްލިމުންނާއި ޔަހޫދީން އަޅުކަންކުރާ މީހުންނަށް ބައިކޮށްފަ އެވެ.

އިބްރާހީމީ މިސްކިތާއި ހިބްރޫންގެ ދުވަސްވީ ސިޓީއަކީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނަން ޖެހޭ ތަނެއް ގޮތުގައި ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ކޮމިޓީން 2017 ވަނަ އަހަރުގެ ޖުލައި މަހު ވަނީ ނިންމާފަ އެވެ.

ހިބްރޫން ސިޓީގައި ގާތްގަނޑަކަށް 160،000 ފަލަސްތީނު މުސްލިމުން ދިރިއުޅެވެ. ޔަހޫދީންގެ 500 އެއްހާ ޔަހޫދީ ވަޒަންވެރިން ވެސް ދިރިއުޅެ އެވެ.