ދެހާސް އަށާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު ސިންމެތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުގެ މައްސަލާގައި ޑަބްލިއު ކޮންސްޓްރަކްޝަނުން ބަދަލުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ހަތް އަހަރުގެ ޖީއާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓިފައި ވަނީ ޑަބްލިޔު ކޮންސްޓަރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުންނެވެ. ޖިއާންގެ މަރުގެ މައްސަލައާއި ގުޅިގެން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ 17.4 މިލިއަން ރުފިޔާގެ ބަދަލު ނަގައިދިނުމަށެވެ. ނަމަވެސް ކޯޓުން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމްގައި ނަގައިދެވޭނެ ބަދަލަކީ 4.2 މިލިއަން ރުފިޔާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މި ހުކުމާމެދު ހިތްހަމަނުޖެހިގެން ޑަބްލިއު ކޮންސްޓްރަކްޝަނުން ހައިކޯޓުގައި ވަނީ މައްސަލަ އިސްތިއުނާފްކޮށްފަ އެވެ. އަދި އެދުނުގޮތަށް ސިވިލް ކޯޓުން ބަދަލު ނަގައިދީފައިނުވާތީ ޖިއާންގެ އާއިލާގެ ފަރާތުން ވެސް ވަނީ މައްސަލަ އިސްތިއުނާފްކޮށްފަ އެވެ. އެ ހުކުމް ކޮށްފައި ވަނީ ރަގަޅަށް ނޫން ކަމަށް ޖިއާންގެ ފަރާތުން ވަކާލާތުކުރި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ވަނީ ކުރިން ބުނެފަ އެވެ.
ހައިކޯޓްގައި ޑަބްލިއު ކޮންސްޓްރަކްޝަނުން އެދުނީ މައްސަލަ ނިމެންދެން ބަދަލު ދިނުން ފަސްކޮށް ދިނުމުގެ އަމުރަކަށެވެ. އެ އަމުރު ކޯޓުން މިއަދު ވަނީ ނެރެފައެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި އެ ފައިސާ ދައްކަން އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފައި ވަނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ.
ޖިއާންގެ މަރު މައްސަލައިގައި ދައުލަތުގެ ފަރާތުން ވަނީ ޖިނާއީ ދައުވާ ވެސް އުފުލާފަ އެވެ. އެގޮތުން ދައުވާ އުފުލީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ހާދިސާ ހިނގި ސައިޓްގެ ސްޕަވައިޒަރު މޫސާ ހަސަން އަދި އެ ތަނުގައި އެ ވަގުތު މަސައްކަތް ކުރަމުން ދިޔަ ހަތަރު ބިދޭސީންގެ މައްޗަށެވެ. މި މައްސަލައިގައި 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އާދަމް ޝަފީގު ފިޔަވައި އެހެން މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ.