ލައިފްސްޓައިލް

30 ކިލޯ ހިކެން މި މީހާ ބޭނުންކުރީ ފައްކާ އުކުޅެއް!

ބަރުދަން ލުއިކުރަން ބޭނުންވެގެން އުޅޭ މީހުންނަށް އެކި މީހުން އެކި ކަހަލަ ކަންކަން ކުރަން އިރުޝާދު ދެއެވެ. އެއްބަޔަކު ކަސްރަތުކުރަން އިރުޝާދު ދޭއިރު އަނެއް ބަޔަކު އެކި ފާޑުގެ ޑައިޓްތައް ކުރާނެ ގޮތް ކިޔައިދެ އެވެ. ނަމަވެސް ވަރަށް ފަސޭހައިން 30 ކިލޯ ހިއްކާލިކަމަށް މި އަންހެންމީހާ ބުނާ ގޮތް ހަދަން ކެރޭނީ ވަރަށް މަދު ބަޔަކަށެވެ. ނަމަވެސް މި މީހާ ބުނާ ގޮތުން ނަމަ އެގޮތަށް ކަންތައް ކޮށްގެން ބަރުދަން ލުއިކޮށްލުމަކީ އެއްވެސް އުނދަގޫ ކަމެއް ނޫނެވެ.

މި އަންހެންމީހާ ހިކެން ބޭނުންކުރި އުކުޅު ވަރަށް އާދަޔާޚިލާފެވެ. އޭނާ ބުނަނީ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްތަކެއް އެއްކޮށް ފޮހެލުމުން އޭނާގެ ހަށިގަނޑުން 30 ކިލޯ ލުއިވެފައިވާ ކަމަށެވެ.

ބްރެންޑާ ފިން، 33، ބުނާ ގޮތުގައި އޭނާއަކީ އަބަދުވެސް ފަލަބަޔަށް ހުންނަ މީހެކެވެ. ނަމަވެސް ކެއުމުގެ އާދަތައް ގޯސްކޮށް ހުރުމުގެ ސަބަބުން އިތުރަށް ފަލަވާން ފެށީ 2016 އާއި 2019 އާ ދެމެދުގަ އެވެ. ފަލަވަމުން ގޮސް ބަރުދަން 99 ކިލޯއަށް އަރާފައި ވަނިކޮށް މި އަންހެންމީހާގެ ހަޔާތަށް އިންގިލާބެއް އައީ މިދިޔަ އަހަރު އެވެ.

އުއްބައްތި ހަދައިގެން ވިއްކުމުގެ ވިޔަފާރިކުރާ ބްރެންޑާ ބުނަނީ އޭނާ ފަލަވީ ސޯޝަލް މީޑިއާގެ ސަބަބުން ކަމަށެވެ. ސޯޝަލް މީޑިއާއަށް އޮއްސާފައި އޮންނަ އެކި ކަހަލަ މީރު ކާއެއްޗެތީގެ އިޝްތިހާރުތައް ފެނިގެން އެތަކެތި ކާހިތްވެގެން ކެއުމުން އޭނާގެ ބަރުދަން އެތައް ތަނެއް އިތުރުވާން މެދުވެރިވި ކަމަށެވެ.

ބްރެންޑާ އަމިއްލައަށް ވެސް އެއްބަސްވާ ގޮތުގައި އޭނާއަކީ ސޯޝަލް މީޑިއާއަށް ދެވިހިފާފައި ހުރި އަންހެނެކެވެ. ނަމަވެސް ވަރަށް ހިތްވަރުކޮށްފައި ބްރެންޑާ ވަނީ އޭނާގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓުވިޓާ އެކައުންޓް މުޅިން ފޮހެލާފަ އެވެ. އެއާއެކު ކުއްލިއަކަށް ކަހަލަ ގޮތަކަށް އޭނާގެ ބަރުދަން ލުއިވާން ފެށި އެވެ.

މިހާރު އޭނާގެ ކުރިން ހުރި ބަރުދަނުގެ ތިންބައިކުޅަ އެއްބައި ވަރު ލުއިވެފައިވާ ކަމަށް ބްރެންޑާ ބުންޏެވެ. އޭނާގެ މިހާރުގެ ބަރުދަނަކީ 61 ކިލޯ އެވެ.

"އަހަންނަކަށް ގަބޫލެއް ވެސް ނުކުރެވޭ އަހަރެންނަށް މިކުރެވޭ އިހްސާސްތަކެއް. އަހަރެންގެ ސިއްހަތު ރަނގަޅުވެ ހިތަށް ވަނީ ވަރަށް ބޮޑު ހަމަޖެހުމެއް ލިބިފައި. އަހަރެން މިހާރު ވަރަށް ފިޓް. އަހަރެން މިހާރު މުޅިން ވެސް ކަނީ ސިއްހަތަށް ފައިދާހުރި އެއްޗެތި. އެހެންވެ ހަށިގަނޑުގައި މާ ހަކަތަ ހުރެފައި ރޫހަށް ހަމަޖެހުން ލިބިއްޖެ،" އަދި ކަސްރަތުކުރުމާ މެދު އަހަރެން ދެކޭ ގޮތް ވެސް މިހާރުވަނީ ބަދަލުވެ،" ބްރެންޑާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މިހާރު ކޮންމެ ދުވަހަކު ހެނދުނު ހޭލާއިރުވެސް ހަށިގަނޑަށް ލުއި ވެފައި މުޅިން އާ މީހެއް ކަމުގެ އިހްސާސް ކުރެވެ އެވެ. އެހެންވެ ސޯޝަލް މީޑިއާ އެކައުންޓްތައް ފޮހެލުމަކީ އޭނާއަށް ކުރެވުނު އެންމެ ރަނގަޅު ކަންތައް ކަމަށް ބްރެންޑާ މިހާރު ހިތުގެ އަޑިން ގަބޫލު ކުރެ އެވެ.