މިއީ 1999 ގައި ރިލީޒްކުރި ހިންދީ ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާ ދާދި އެއްގޮތް ވާހަކައެކެވެ. މި ހާދިސާގައި ވެސް ކަންތައްތައް ވެގެން ދިޔައީ އެ ފިލްމުގައި ވީ ގޮތާ ދާދި އެއްގޮތަކަށެވެ.
އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ކާންޕޫރުގައި މީގެ ފަސް މަސް ދުވަސް ކުރިން ފިރިހެނަކު ކުރި ކައިވެންޏެއް ރޫޅާލައި އޭނާ ވަނީ އަންހެނުންގެ ކުރީގެ ލޯބިވެރިޔާ އާ އަންހެނުންނާ އަލުން ގުޅުމުގެ ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. ހަގީގަތުގައި މި ދިމާވި ކަމާއި ފިލްމުގެ ވާހަކައިގައި ހުރި ހަމައެކަނި ތަފާތަކީ ފިލްމު ނިމޭއިރު އަންހެންމީހާ އޭނާގެ ލޯބިވެރިޔާ އާއެކު ނުގޮސް ފިރިމީހާ އާއެކު ދިރިއުޅެން ނިންމަނީ އެވެ. ނަމަވެސް މިހާރު ދިމާވެގެން އުޅޭ ކަމުގައި ފިރިމީހާ އާ ވަކިވެގެން އަންހެންމީހާ އޭނާގެ ލޯބިވެރިޔާ ކައިރިއަށް ވަނީ ގޮއްސަ އެވެ.
ޕަންކަޖް ޝަރުމާ އަކީ ގުރުގުރާމް ކިޔާ ރަށެއްގައި އެކައުންޓެންޓެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. މިއަހަރުގެ މޭ މަހު ކޯމަލް ނަމަކަށް ކިޔާ އަންހެނަކާ އޭނާ ކައިވެނި ކުރި އެވެ. މިއީ ދެފަރާތުގެ އާއިލާއިން ހަމަޖައްސައިގެން ކުރި ކައިވެންޏެކެވެ.
ރިޕޯޓަރުން ކައިރީ ޕަންކަޖް ބުނި ގޮތުގައި ކައިވެންޏަށް ފަހު ވެސް އޭނާގެ އަންހެނުން އުޅެފައިވަނީ އޭނާ އާ ވަރަށް ދުރުދުރުންނެވެ. އެއްގޮތަކަށް ވެސް އޭނާ ކައިރިވާން އަންހެނުން ގަބޫލެއް ނުވެ އެވެ.
"އަހަރެމެންގެ ކައިވެންޏަކީ ހަމައެކަނި ލިޔެކިޔުމުން ފެންނަން އޮތް އެއްޗެއް. އޭނާ އެއްގޮތަކަށް ވެސް އަހަރެންގެ ކައިރިއަކަށް ނާދޭ. އަދި ވާހަކައެއްވެސް ނުދައްކާ. އަހަރެން ވަރަށް ބޮޑަށް ސުވާލުކޮށް ހެދުމުން ބުނި ޕިންޓޫ ނަމަކަށް ކިޔާ މީހެކޭ އޭނާގެ ލޯބިވެރިޔަކީ. އެ މީހާއާ ކައިވެނި ކުރާށޭ ބޭނުމީ،" ޕަންކަޖް ކިޔައިދިނެވެ.
ކޯމަލްގެ މައިންބަފައިންނަށް ޕަންކަޖް މި ވާހަކަތައް ކިޔައިދިނުމުން އެމީހުން އައިސް ކޯމަލް އަށް ވިސްނައި ދެވޭތޯ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެމީހުން ދެއްކި ވާހަކަތައް ކޯމަލް ގަބޫލެއް ނުކުރި އެވެ.
މި މައްސަލަ ދެން ހުށަހެޅީ އެންޓި-ޑޮމެސްޓިކް ވައަލެންސް ސެލް އަށާއި އާޝާ ޖޯތީ ސެންޓަރަށެވެ. މިއީ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވަން މަސައްކަތްކުރާ ވަރަށް ބޮޑު ދެ ޖަމާއަތެވެ.
މި ދެ ސެންޓަރުން ވަނީ ޕަންކަޖް އާއި ކޯމަލް އަދި ކޯމަލްގެ ލޯބިވެރިޔާ އާއި މި އެންމެންގެ މައިންބަފައިން އެ ތަނަށް ހާޒިރުކޮށް އެމީހުން އެއްކޮށް ބައްދަލުވުމެއް ބާއްވައި، މިކަމަށް އޮތް ހައްލަކީ ކޮބައިތޯ އޮޅުން ފިލުވާފަ އެވެ.
ކޮންމެ ގޮތެއް ވިޔަސް ޕަންކަޖް އާއެކު ދިރިއުޅެން ކޯމަލް ބޭނުން ނޫންކަން ޔަގީންވުމުން ޕަންކަޖް ވަނީ ކޯމަލް ވަރިކޮށް އަދި އޭނާގެ ލޯބިވެރިޔާ ޕިންޓޫ އާއި ކައިވެނި ކޮށްދީފަ އެވެ. މި ކައިވެނީގެ ރަސްމިއްޔާތުގައި ދެ މީހުންގެ އާއިލާގެ މެމްބަރުންނާއި ބައެއް މެހެމާނުން ވެސް ބައިވެރިވި އެވެ.