ލައިފްސްޓައިލް

މިކްސާއެއްގައި އޮޅި އިސްތަށިގަނޑުން ބައެއް ނެއްޓިއްޖެ

ސްކޮޓްލެންޑްގައި ދިރިއުޅޭ އަންހެނަކު އޭނާގެ ފަސް އަހަރުގެ އަންހެން ދަރިފުޅަށް ދިމާވި ވަރަށް ހިތާމަވެރި ހާދިސާއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވެއެވެ. މި ހާދިސާ ހިނގާފައިވަނީ ކޭކު މިކްސަރެއްގެ އެނބުރޭ ބައި ކުޑަ ކުއްޖާގެ އިސްތަށިގަނޑުގައި އޮޅިގެންނެވެ. ކޭކު ގިރަމުން ދަނިކޮށް ކުއްޖާގެ އިސްތަށިގަނޑު މިކްސަރުގެ އެނބުރޭ ބައިގައި އޮޅުމުގެ ސަބަބުން ވަގުތުން އިސްތަށިގަނޑުގެ ބޮޑު ބައެއް ނެއްޓި އެ ކުއްޖާގެ ބޮލުގެ އެބައި މިހާރު ވަނީ މުޅިން ތަލަވެފަ އެވެ.

ސްކޮޓްލެންޑްގެ އަޔިރްޝަޔާގައި މި ހާދިސާ ހިނގިއިރު ކުއްޖާ އުޅުނީ އޭނާގެ މާމަ އާއެކު ކޭކު އެޅުމުގެ މަސައްކަތުގަ އެވެ. ފާއިތުވީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ހިނގި މި ހާދިސާގެ ސަބަބުން ކުއްޖާގެ އިސްތަށިގަނޑަށް ލިބުނު ގެއްލުމުގެ ސަބަބުން އޭނާގެ އާއިލާގެ އެންމެން ތިބީ ވަރަށް ދެރަވެފަ އެވެ.

ކުއްޖާގެ އިސްތަށިގަނޑުގައި މިކްސަރުގެ އެނބުރޭ ބައި އޮޅެން މެދުވެރިވީ ކޭކު ރަނގަޅަށް ގިރިއްޖެތޯ ބަލަން އެ ކުއްޖާ މިކްސަރާ ދިމާލަށް ގުދުވެލި ވަގުތު އޭނާގެ އިސްތަށިގަނޑުން ބައެއް އޭގެ ތެރެއަށް ވަދެ އެނބުރޭ ބައިގައި އޮޅިގެންނެވެ. ކުއްޖާގެ މާމައަށް މި މަންޒަރު ފެނުމާއެކު މިކްސަރުގެ ކަރަންޓު ވަގުތުން ކަނޑާލި ނަމަވެސް އޭރު އޮތީ އިސްތަށިގަނޑުގެ ބޮޑުބައެއް ނެއްޓިގެން ގޮސް މިކްސަރުގެ އެނބުރޭ ބައިގައި އޮޅިފަ އެވެ.

މި ކުޑަކުއްޖާގެ މަންމަ ބުނި ގޮތުގައި އޭނާ މި ވާހަކަ ހިއްސާ ކުރީ ކުޑަ ކުދިން ގެންގުޅޭ މީހުން މިކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުންނެވެ.
"ކޭކު ފުށްގަނޑު ގިރަމުންދިޔަ ބޯތައްޓާ ދިމާލަށް ދަރިފުޅު ކުޑަކޮށް ގުދުވެލިތަނާ މިކްސަރުގެ އެނބުރޭ ބައިގައި އިސްތަށިގަނޑު އޮޅި ވަގުތުން ބޮޑު ބައެއް ނެއްޓުނީ. އެކަން ހިނގައި ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި. މަގޭ މަންމަގެ ވިސްނުން ރަނގަޅުކަމުން އަވަހަށް އައިސް ކަރަންޓު ކަނޑާލިކަމުން އެއަށް ވުރެ ބޮޑު ގެއްލުމެއް ދަރިފުޅަށް ނުލިބުނީ،" އަންހެންމީހާ ބުނެފައި ވެއެވެ.

މި ހާދިސާގެ ސަބަބުން ދަރިފުޅު ވަރަށް ބިރުގަނެ ހާސްވެފައި ހުރި ކަމަށާއި އޭނާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށް އެ މަންމަ ބުނެފައި ވެއެވެ.
މި ހާދިސާގެ އެއް ދުވަސްފަހުން މި އަންހެންމީހާ ވަނީ އޭނާގެ ދަރިފުޅު ގޮވައިގެން އިސްތަށީގަނޑަށް ޚާއްސަ ތަޖުރިބާކާރެއް ކައިރިއަށް ގޮސް ފަރުވާ ހޯދާފަ އެވެ. ނަމަވެސް އަލުން ބޮލުގައި އިސްތަށި ފަޅަން ހައެއްކަ މަސް ނަގާނެކަމަށް ސްޕެޝަލިސްޓް ބުނި ކަމަށް ވެސް އަންހެންމީހާ ބުންޏެވެ.