ރާޖް ކުމާރު ރާއޯ އާއި ކްރީތީ ސެނޯން ކުޅެފައިވާ "ހަމް ދޯ ހަމާރޭ ދޯ" ޕްރޮމޯޓްކުރުމަށްޓަކައި ދާދިފަހުން މި ދެ އެކްޓަރުން ވަނީ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ބައިވެރިވެފަ އެވެ. މި ޝޯގައި ރާޖް ކުމާރު ވަނީ އޭނާގެ ހަގީގީ ލޯބިވެރިޔާގެ ވަރަށް ގިނަ ވާހަކަތަކެއް ވެސް ހިއްސާ ކޮށްފަ އެވެ.
ރާޖް ކުމާރާއި ޕަޓްރާލެކާ ރައްޓެހިވެގެން އުޅޭތާ މިހާރު ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ އެވެ. ފުރަތަމަ ބައްދަލުވުމަށްފަހު ރާޖް ކުމާރާ އަކީ ވަރަށް ގޮތެއް ނެތް މީހެއް ކަމަށް ޕަޓްރާލޭކާ ގަބޫލުކުރި ކަމަށް މި ޝޯގައި ރާޖް ކުމާރު ބުންޏެވެ. އެއީ އެ ދުވަސްވަރު ޕަޓްރާލޭކާ ބަލާފައި އޮތީ ރާޖް ކުމާރުގެ "ލަވް ސެކްސް އައުރު ދޯކާ" ކަމަށް ވެފައި އެ ފިލްމުގައި އޭނާ ކުޅެފައިވަނީ އެފަދަ ކެރެކްޓާ އަކަށް ވާތީ އެވެ.
"އޭނާ ހީކުރީ އަހަރެންނަކީ ހަގީގަތުގައިވެސް އެހާ ގޮތްކުޑަ މީހެކޭ. އެހެން ހިތާ އަހަންނާ ވާހަކަ ވެސް ނުދެއްކި،" ރާޖް ކުމާރު ބުންޏެވެ.
ރާޖް ކުމާރަށް ޕަޓްރަލޭކާ ފުރަތަމަ ފެނުނީ ޓީވީ އިޝްތިހާރަކުންނެވެ. ފުރަތަމަ ފެނިލުމުން ވެސް ހާދަ ރީތި އަންހެންކުއްޖެކޭ، އޭނާ އާ ކައިވެނި ކުރެވޭނެ ނަމައޭ ހިތަށް އެރި ކަމަށް ރާޖް ކުމާރު ބުންޏެވެ.
ގެއެއް އާބާދުނުކޮށް ދެ މީހުން އެކަކު އަނެކަކުގެ ފިލްމުތަކާއި އިޝްތިހާރުތައް ބަލަބަލާ ތިބޭނީތޯ ކަޕިލް ކުރި ސުވާލުގެ ޖަވާބުގައި ރާޖް ކުމާރު ބުނީ ދިރިއުޅޭނެ ގެއެއް ވެސް ހޯދަމުންދާ ކަމަށެވެ.
އިންޑިޔާގެ ބައެއް ނޫހުން ބުނެފައިވަނީ މިހިނގާ ނޮވެމްބަރުމަހުގެ ތެރޭގައި ރާޖް ކުމާރާއި ޕަޓްރާލޭކާ ކައިވެނިކުރަން ހަމަޖެހިފައިވާ ކަމަށެވެ. ކައިވެނީގެ ރަސްމިއްޔާތު ފަށާނީ ނޮވެމްބަރު 10ގައި ކަމަށާއި 11 އާއި 12 ވަނަ ދުވަހުގެ ނިޔަލަށް ރަސްމިއްޔާތުތައް ކުރިޔަށް ދާނެކަމަށް ވެއެވެ.