ބޮލީވުޑް

ރާޖޭޝް ކަންނާގެ "ހިތުގެ ރާނީ" އަކީ ޑިމްޕަލް އެއް ނޫން!

ހިންދީ ފިލްމު އިންޑަސްޓްރީން އުފަންވި ފުރަތަމަ ސުޕަސްޓާރަކީ ރާޖޭޝް ކަންނާ ކަމަށް އިންޑިޔާގެ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެއީ އެ ދުވަސްވަރު އޭނާގެ ފިލްމުތަކަށް ލިބުނު ބޮޑު ކާމިޔާބުގެ ސަބަބުންނެވެ.

ދެ އަހަރު ތެރޭ -- 1969 އާއި 1971 އާ ދެމެދު ރާޖޭޝް ކަންނާގެ 15 ފިލްމެއް ހިޓްވެފައިވެ އެވެ. މި ހުރިހާ ފިލްމުގައި ވެސް އެންމެ މުހިއްމު ރޯލެއް އަދާކުރީ ރާޖޭޝް ކަންނާ އެކަނި މާއެކަންޏެވެ. މި ރެކޯޑް އަދިވެސް އެއްވެސް އެކްޓަރަކަށް މުގުރައެއް ނުލެވެ އެވެ.

ފިލްމުތަކުގެ ކާމިޔާބީގެ އިތުރުން ރާޖޭޝް ކަންނާ ވަނީ އޭނާގެ ރީތިކަމާއި ސްޓައިލުން އެ ދުވަސްވަރުގެ ގިނަ އަންހެން ކުދިންތަކެއްގެ ހިތްތަކުން ވެސް ޖާގަ ހޯދާފަ އެވެ. އަދި އޭރުގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނުނު ޑިމްޕަލް ކަޕާޑިއާ އާއި ޓީނާ މުނީމް އާއި ރާޖޭޝް ކަންނާ ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސް ތަކަކު އުޅުނެވެ.

މި ދެ ބަތަލާއިން ނޫން އެހެން ބަތަލާއަކު ވެސް ރާޖޭޝްގެ ހަޔާތަށް އައެވެ. އަންޖޫ މެހެންދުރަ އެވެ. އަންޖޫއަށް ފިލްމީ ދުނިޔޭގައި މާބޮޑު ކުރިއެރުމެއް ނުލިބުނަސް ރާޖޭޝް ކަންނާގެ ހިތުގެ ރާނީ އަކީ އޭނާ އެވެ. ރާޖޭޝް ކަންނާގެ ހަޔާތުގައި އޭނާ އެންމެ ލޯބިވީ އަންޖޫ ދެކެ ކަމަށް އޭނާގެ އަންހެނުން ޑިމްޕަލް ވެސް އަދި އޭނާ ރައްޓެހިވީ އެހެން މީހުން ވެސް ގަބޫލު ކުރެ އެވެ.

އަންޖޫ އަކީ ބަތަލާއެއްގެ އިތުރުން ފެޝަން ޑިޒައިނަރެއް ވެސް މެއެވެ. "އާރާދަނާ"ގެ ބަތަލު ރާޖޭޝް ކަންނާ އާއި އަންޖޫ ފުރަތަމަ ބައްދަލުވީއިރު އަންޖޫ އަކީ ކުޅޭނެ ފިލްމުތައް ހޯދަން ގަދައަޅާ މަސައްކަތް ކުރަމުންދިޔަ އެކްޓަރެކެވެ. އޭރުވެސް ރާޖޭޝް ކަންނާ އަކީ ސުޕަސްޓާރެކެވެ.

ފުރަތަމަ ބައްދަލުވުމާއެކު ވެސް ރާޖޭޝް ކަންނާ އާއި އަންޖޫގެ ލޯބީގެ ވާހަކަތައް މީޑިއާއަށް ފެންމަތިވި އެވެ. އަދި އެމީހުން ވެސް މިކަން ސިއްރު ކުރާކަށް މަސައްކަތެއް ނުކުރެ އެވެ. ރާޖޭޝް ކަންނާ ދާ ކޮންމެ ތާކުން އޭނާގެ އެންމެ ކައިރީގައި އަތާ އަތް ގުޅާލައިގެން އޭރު އަންޖޫ ހުރެ އެވެ. އެމީހުންގެ ލޯބި ސިއްރުކުރާކަށް އެކަމާ ލަދުގަންނާކަށް އެމީހުން ބޭނުމެއް ނުވި އެވެ.

ރާޖޭޝް ކަންނާގެ ހަޔާތަށް އަންޖޫ އައިއިރުވެސް އޭނާ އުޅެނީ ޑިމްޕަލްއާ ކައިވެނި ކޮށްގެންނެވެ. ރާޖޭޝް ކަންނާ މަރުވުމުން އާއިލާއިން އެކަމުގެ ހިތާމައިގައި ބޭއްވި އެކި އިވެންޓުތަކުން ވެސް އަންޖޫ ފެނިފައިވެ އެވެ.

އަންޖޫ އާއި ކައިވެނިކުރަން ރާޖޭޝް ކަންނާ ހުރީ ތައްޔާރަށެވެ. އަދި އެ ކައިވެންޏަށް އަންޖޫގެ މަންމަ ވެސް ވަރަށް ޕްރެޝަރު ކުރި އެވެ. ނަމަވެސް އަންޖޫ އޭރު ކައިވެންޏަށް ތައްޔާރެއް ނޫނެވެ. ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރެވޭތޯ މަސައްކަތް ކުރަން ބޭނުންވާތީ އެވެ.

އީޓައިމްސް އަށް އަންޖޫ ވަރަށް ކުރިން ދިފައިވާ އިންޓަވިއު އެއްގައި ރާޖޭޝް ކަންނާ އާއި އޭނާ ކައިވެނި ނުކުރި ސަބަބު ކިޔައިދީފައި ވެއެވެ. އަންޖޫ ބުނި ގޮތުގައި ރާޖޭޝް ކަންނާ އަކީ ހަރުކަށި ފިކުރުގެ މީހަކަށް، ޒަމާނީ އަންހެން ކުދިންނާ ވަރަށް ގަޔާވާ މީހެކެވެ.

އެމީހުންގެ ގުޅުމަކީ ވަރަށް އޮޅުން ބޮޅުން ބޮޑު ގުޅުމެއް ކަމަށް އަންޖޫ ބުންޏެވެ.

"އަހަރެން ސްކާޓެއް ލައިފިއްޔާ އޭނަ ބުނޭ ސާޅިއެއް އަޅަންވީ ނޫންހޭ؟ އަހަރެން ސާޅިއެއް އަޅައިފިއްޔާ ބުނާނެ ތިޔަ އުޅެނީ މާ އިންޑިއާ ވަންތަ އަންހެނަކަށް ވާހިތުންހޭ؟" އަންޖޫ ކިޔައިދިނެވެ.

އަންޖޫ ދެކެ ރާޖޭޝް ކަންނާ އިންތިހާއަށް ލޯބިވީ ނަމަވެސް ދެ މީހުން ދުވަހަކުވެސް އެއްގަލަކަށް އަރައިގެން ހަމަޖެހޭ ދިރިއުޅުމެއް އުޅެފައެއް ނެތެވެ. ޚާއްސަކޮށް އަންޖޫ އާ ގުޅުނުފަހުން ރާޖޭޝް ކަންނާގެ ގިނަ ފިލްމުތަކެއް ފްލޮޕްވުމުން އެކަމުގެ ރުޅިއާއި ހިތްހަމަނުޖެހުން އިންތިހާއަށް އިތުރުވެ އެކުގައި އުޅެން ދަތިވާ ދަރަޖައަށް ރާޖޭޝް ކަންނާގެ މޫޑު ގޯސްވެގެން ދިޔަ ކަމަށް އަންޖޫ ބުންޏެވެ.

"އެ ދުވަސްވަރު އޭނާއާ ވާހަކަ ދައްކަން ވެސް އިންތިހާއަށް އުނދަގޫވި. އަބަދު ހުންނަނީ ރުޅި އައިސްގެން ފަޅައިގެންދާވަރު ވެފައި. މީހާގެ މޫޑު ހުންނަނީ އިންތިހާއަށް ގޯސްކޮށް،" އަންޖޫ ބުންޏެވެ.

ނަމަވެސް އަންޖޫ އޭނާއާ ވަކިވި ސަބަބު ރާޖޭޝް ކަންނާ ކިޔައިދީފައިވާ ގޮތް ތަފާތެވެ. އޭނާގެ ވަރަށް ކުރިގެ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ޝޫޓިންގައި ވަރަށް ބުރަކޮށް އުޅެފައި ގެޔަށް އަންނައިރުވެސް އަންޖޫ ގެއަކު ނޫޅޭނެ އެވެ. ނޯޓެއް ލިޔެފައި ބާއްވާފައި އަންޖޫ ގޮސް އުޅެނީ ކޮންމެވެސް ޕާޓީ އެއްގަ އެވެ. އަދި ބައެއް ދުވަސްދުވަހު ވަރަށް ވަރުބަލިވެގެން ގެއަށް އަންނައިރު ގެ ފުރެންދެން ރައްޓެހިން ވައްދައިގެން އެ މީހުންނާ އެކު މަޖާކުރަން އަންޖު އުޅޭ ކަމަށް ރާޖޭޝް ކަންނާ ބުނެފައިވެ އެވެ.

"އަހަރެން ބޭނުންވަނީ އަންޖޫއާ އެކު އެކަނި ވަގުތުތައް ހޭދަކޮށް ވަރުބަލި ފިލުވާލަން. ނަމަވެސް އަންޖޫ އުޅެނީ އެކުވެރިންނާއެކު މަޖާ ކުރުމުގައި،" ރާޖޭޝް ކަންނާ ބުނެފައިވެ އެވެ.

އަންޖޫ އާއި އެ ދުވަސްވަރުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔެއް ކަމަށްވާ ގެރީ އާއި އަޅުވާ ކިޔާ މީޑިއާ ތަކުން ލިޔަން ފެށުމުން ރާޖޭޝް ކަންނާގެ ރުޅިގަނޑު އިތުރަށް ބޮޑުވި އެވެ. އަދި ކައިވެނިކުރަން އަންޖޫ ދެކޮޅު ހެދުން ވެސް ރާޖޭޝް ކަންނާ ދުށީ އަންޖޫ އޭނާ ދެކެ ލޯބިނުވާތީ ދައްކާ ބަހަނާގެ ގޮތުގަ އެވެ. ކިތަންމެ ލޯބިވިޔަސް އަންޖޫ އާއި ވަކިވާން ރާޖޭޝް ކަންނާ ނިންމީ އެހެންވެ އެވެ.

އަންޖޫ އާއި ރާޖޭޝް ކަންނާ ވަކިވީ 1972 ގައެވެ. އަދި ޑިމްޕަލްއާ ކައިވެނިކުރީ 1973 ގައެވެ. އޭގެ ފަހުން އެތައް އަހަރެއް ވަންދެން އަންޖޫއާ ވާހަކަ ނުދައްކާ ރާޖޭޝް ކަންނާ ހުއްޓެވެ. ނަމަވެސް 1988 ގައި އަނެއްކާވެސް ދެ މީހުން ވާހަކަ ދައްކަން ފަށައި އެކުވެރިކަން އާލާ ކުރި އެވެ. ރާޖޭޝް ކަންނާގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅުވެސް އޭނާ ހޭދަކުރީ އަންޖޫއާ އެކުގަ އެވެ.

މިހާރު އުމުރުން 75 އަހަރުވެފައިވާ އަންޖޫގެ ހަޔާތަށް އެކި ދުވަސްވަރު އެކި މީހުން އަޔަސް އެއްވެސް މީހަކާ އޭނާ ކައިވެންޏެއް ނުކުރެ އެވެ.