މެލޭޝިއާގެ ހަޕް ސެންގް ބްރޭންޑުގެ ކްރީމް ކްރޭކަރު ބިސްކޯދުގައި ސިއްހަތަށް ނުރައްކާވާ ކަހަލަ މާއްދާއެއް ނެތް ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭ އިން މިހެން ބުނެފައި މިވަނީ ހަޕް ސެންގް ބްރޭންޑުގެ ކްރީމް ކްރޭކަރު ބިސްކޯދުގައި ކެންސަރު ޖެހޭ މާއްދާއެއް ކަމަށްވާ ކާސިނޮޖެންސް އެކުލެވޭ ކަމަށް ހޮންކޮން ކޮންސިއުމާ ކައުންސިލް (އެޗްކޭސީސީ) އިން ބުނެފައިވާތީ އެ އޮތޯރިޓީން އެކަން ބެލުމަށްފަހު އެވެ.
އެމްއެފްޑީއޭ އިން ބުނީ ރާއްޖޭގައި ކެއުމަށް ބޭނުންކުރާ ބާވަތެއްގައި ސިއްހަތަށް ނުރައްކާވާ މިންވަރަށް އެއްވެސް މާއްދާއެއް ހިމެނޭނަމަ އެ އޮތޯރިޓީން އެކަމެއް ބަލައި އާންމުންގެ ސަމާލުކަމެއް ގެންނާނެ ކަމަށެވެ.
އެޗްކޭސީސީގެ ރިޕޯޓާ ގުޅިގެން މެލޭޝިއާ ސަރުކާރުން ވެސް ވަނީ ހަފް ސެންގް ބިސްކޯދުގައި ކާސިނޮޖެނިކްގެ މާއްދާއެއް ކޮންމެވެސް މިންވަރަކަށް ހުރި ނަމަވެސް އެއީ ސިއްހަތަށް ގެއްލުންވާ މިންވަރަށް ހިމެނޭ މާއްދާއެއް ނޫން ކަމަށް ބުނެފަ އެވެ.
ކާސިނޮޖެންސްގެ މާއްދާތަކުގެ ތެރޭގައި ހިމެނޭ އެކްރިލަމައިޑް އަދި ގްލެސިޑޮލް އަކީ ކެންސަރު ޖެހުމުގެ ފުރުސަތު އޮތް މާއްދާތަކެއް އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސާގެ ދިރާސާތަކުގައި ބުނެފައިވެ އެވެ.