ލައިފްސްޓައިލް

ކައިވެނި ކުރިތަނާ ޒުވާން ޖޯޑަކަށް ކުރިމަތިވީ އިމްތިހާނެއް!

ކައިވެންޏަކީ ދެ މީހަކު ހަޔާތެއް ބިނާ ކުރަން އަޅާ ބިންގަލެވެ. ބިންގާ އެޅުމަށް ފަހު ދެ މީހުން އެކަކު އަނެކަކު ދަސްކޮށް އަދި ހިތާމަތަކާއި އުފާތަކުގައި އެއްވަރަކަށް ބައިވެރިވެވޭތޯ މަސައްކަތް ކުރެ އެވެ. އަދި މުސްތަގްބަލަށްޓަކައި ފޮނި ހުވަފެންތަކެއް ދެކެ އެވެ.

ޓުވިޓާގައި އިއްޔެ 22 އަހަރުގެ ޒުވާން ފިރިހެނަކު ޝެއާކުރި ޕޯސްޓް ކިޔާފައި ގިނަ ބަޔަކަށް ރޮވުނެވެ. އިނގިރޭސި ވިލާތުގެ މި ޒުވާނާ ބުނެފައިވާ ގޮތުގައި އޭނާއަށް ކެންސަރުޖެހި ފުރާނައަށް ނުރައްކާވެފައިވާ ކަން އެނގުނީ ކައިވެނި ކުރިތާ ފަސް ވަނަ ހަފުތާގަ އެވެ. އަދި މިކަމާ ހެދި އޭނާ އާއި އަންހެނުންގެ ހިތް ހަލާކުވެ މިހާރު ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ.

"ދަ ޔަންގް ރިޓަޔަރީ" ގެ ނަމުގައި އިން ޓުވިޓާ އެކައުންޓަކުން މި ޒުވާނާ ޝެއާ ކުރި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ނޭފަތުން ލޭ އައުމާއި ގައިގެ އެކި ހިސާބުގައި ލޭ ގަނޑުގަންނަން ފެށުމުންނެވެ.

ޑޮކްޓަރަށް ދައްކައިގެން ޓެސްޓް ކުރުމުން އޭނާގެ ގައިގައި ޕްލެޓްލެޓްސް ވަރަށް މަދުކަން އެނގުނުކަމަށް ވެސް އޭނާ ލިޔެފައި ވެއެވެ.
ކައިވެނި ކުރިތާ ފަސް ހަފުތާ ތެރޭ ކެންސަރު ޖެހުނުކަން އެނގުމުން ދެރަވިޔަސް އޭނާގެ އަންހެނުން ވަރަށް ހިތްވަރު ކޮށްފައި އޭނާއަށް އެހީތެރިވަމުންދާކަމަށް ވެސް މި ޒުވާނާ ބުނެފައި ވެއެވެ.

ދެމަފިރިން ހޮސްޕިޓަލުގެ އެނދުގައި ތިބެ ނަގާފައިވާ ފޮޓޯއެއް ޝެއާ ކުރަމުން ޒުވާނާ ބުނީ ލޯތްބަކީ ސިއްހަތު ރަނގަޅުއިރު އާއި ބަލި ވީމަ ވެސް އެކަކު އަނެކަކަށް އަޅާލާ އެހީތެރިވުމަކީ ދެމަފިރިން އެކަކު އަނެކަކަށް ވެފައިވާ ވައުދެއް ކަމަށެވެ. އަދި އޭނާގެ ޒުވާން އަނބިމީހާ ކޮށްދެމުންދާ ޚިދުމަތަށް ހިތުގެ އަޑުން ޝުކުރުވެރިވާ ކަމަށެވެ.

"މިކަހަލަ ރަނގަޅު އަންބެއް ލިބުނީތީ އުފާކުރަން. މިފަދަ ވޭނަކާއި ބިރުވެރި ތަޖުރިބާއެއް ތަހައްމަލުކުރުމުގައި އޭނަ ކަހަލަ ލޯބިވާ އަންބެއްގެ އެހީ އަހަރެން ވަރަށް ބޮޑަށް ބޭނުންވޭ،" ޒުވާނާ ލިޔެފައި ވެއެވެ.

މި ޕޯސްޓް އެތައް މިލިއަން ބަޔަކު ކިޔާފައި ވެއެވެ. އަދި ގިނަ އަދަދެއްގެ މި ޒުވާނާއަށް ހެޔޮ ދުއާކޮށް ދެމަފިރިންނަށް ހިތްވަރުދިނުމުގެ މެސެޖުތައް ލިޔެފައި ވެއެވެ.