ބޮލީވުޑް

ކައިވެންޏަށް ކެޓުރީނާ އެއްމަހުގެ ޗުއްޓީ ނަގަނީ

ކެޓުރީނާ ކައިފްގެ ވާހަކަ މިހާރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިންޑިޔާގެ ނޫސްތަކުން ފެނެ އެވެ. އޭނާގެ ފިލްމު "ސޫރިޔަވަންޝީ" ރިލީޒް ކުރާ ދުވަސް ކައިރިވެފައި ވުމާއި ވިކީ ކޯޝަލް އާއި އޭނާގެ ކައިވެނީގެ ވާހަކަ ވެސް މި ދުވަސްވަރު މާ ހިނގާތީ އެވެ.

ކައިވެނީގެ ވާހަކަ އަދިވެސް ދެ ފަރާތުން ކުރެ ފަރާތަކުން ޔަގީން ކޮށް ނުދިނަސް ޑިސެމްބަރު މަހު މި ކައިވެނި ކުރާ ވާހަކައަކީ މިހާރު ވަރަށް ގަދަޔަށް ދެކެވެމުންދާ ވާހަކަ އެކެވެ. ކައިވެނި ކުރާ ހޯލުގެ ފޮޓޯތައް ވެސް ބައެއް ނޫސްތަކުގައި ޖަހާފައި ވެއެވެ. އަދި އެމީހުން އަޅާ ހެދުންތަކުގެ ތަފްސީލުތައް ވެސް ގެނެސްދީފައި ވެއެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ކައިވެންޏަށްޓަކައި ކެޓުރީނާ އެއް މަސް ދުވަހުގެ ޗުއްޓީ އެއް ނަގަން މިހާރު ވަނީ ހަމަޖެހިފަ އެވެ. މިވަގުތު ކެޓުރީނާ އުޅެނީ އަކްޝޭ ކުމާރާއި ޑައިރެކްޓަރު ރޯހިތު ޝެޓީ އާއެކު "ސޫރިޔަވަންޝީ" ގެ ޕްރޮމޯޝަންގެ މަސައްކަތުގަ އެވެ. އެ ފިލްމު 5 ނޮވެމްބަރުގައި ރިލީޒް ކުރުމާއެކު ޕްރޮމޯޝަންގެ މަސައްކަތްތައް ނިމޭނެ އެވެ.

އޭގެ ފަހުން ކެޓުރީނާ ބައިވެރިވާން ހަމަޖެހިފައި އޮތީ ސަލްމާން ހާނާއެކު ކުޅޭ "ޓައިގާ 3" ގެ ޝޫޓިންގް ގައެވެ. ނަމަވެސް މިހާރު މި ފިލްމުގެ ޝޫޓިންގް 2022 ގެ ކުރީކޮޅަށް ވަނީ ފަސްކޮށްފަ އެވެ. ޝާހްރުކް ޚާންގެ "ޕަތާން" ގައި ސަލްމާން ކުޅޭ ބައި އޭގެ ކުރިން ފުރިހަމަ ކުރަން މިހާރު ވަނީ ހަމަޖެހިފަ އެވެ.

ދަރިފުޅު ހައްޔަރު ކުރުމާ ގުޅިގެން ޝާހް ރުކްގެ ޝޫޓިންގްތައް ފަސް ކުރުމުގެ ސަބަބުން މިހާރު "ޕަތާން" ގެ ޝޫޓިން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރުގައ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އެހެންކަމުން "ސޫރިޔަވަންޝީ" ގެ ޕްރޮމޯޝަން ނިމުމުން ކެޓުރީނާ އަށް މަހެއްހާ ދުވަހުގެ ޗުއްޓީ ވަރަށް ފަސޭހައިން ލިބޭގޮތް ވަނީ ވެފަ އެވެ. ކެޓުރީނާ އާއި ވިކީގެ ކައިވެނީގެ ރަސްމިއްޔާތުތައް ފެށޭނީ ޑިސެމްބަރު 7 ގައި ކަމަށާއި 9 އާ ހަމައަށް އެކި ކަހަލަ ރަސްމިއްޔާތުތައް ކުރިޔަށް ދާނެ ކަމަށް ވެއެވެ.

ސަވާއީ މަދޯޕޫރުގެ ސިކްސް ސެންސަސް ފޯޓް ބަރްވާރާ ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިކައިވެނީގެ އެކި އިވެންޓުގައި ބޮލީވުޑްގައި ތިބި ވިކީ އާއި ކެޓުރީނާގެ އެކުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ފިލްމީ ތަރިން ބައިވެރިވާން ވަނީ ހަމަޖެހިފަ އެވެ.