ދުނިޔެ

ސައޫދީން ތިން ބިލިއަން ޑޮލަރު މިސްރަށާއި ޕާކިސްތާނަށް

ސައޫދީން ތިން ބިލިއަން ޑޮލަރު މިސްރާއި ޕާކިސްތާންގެ މަރުކަޒީ ބޭންކަށް ޖަމާ ކޮށްދީފި އެވެ. މިއީ މި ދެ ގައުމު ބޭރު ފައިސާއަށް ޖެހި ދިމާވެފައި އޮތް ދަތިތަކަށް ވަގުތީ ހައްލަކަށް ވާނެ ކަމަށް ސައޫދީ ޕްރެސް އޭޖެންސީން ބުނެ އެވެ.

ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ހޯމަ ދުވަހު ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައޫދީން ވައުދުވި ގޮތަށް މިސްރާއި ޕާކިސްތާނުގެ މަރުކަޒީ ބޭންކުތަކަށް، ކޮންމެ ބޭންކަކަށް ތިން ބިލިއަން ޑޮލަރު ވަނީ ޖަމާ ކޮށް ވައުދު ފުއްދާފަ އެވެ.

އެސްޕީއޭއިން ސައޫދީ ފިނޭންސް މިނިސްޓްރީއާ ހަވާލާދީ ބުނީ ރިޔާޒަކީ އަރަބި އެކުވެރި ގައުމުތަކުގެ ފޮރިން އެކްސްޗޭންޖް ރިޒާވަށް އެންމެ ބޮޑަށް އެހީތެރި ވެދޭ ގައުމު ކަމަށް ވާނެ ކަމަށެވެ. އަދި ސައޫދީއާ ގުޅުން ބޮޑު އެކުވެރިން ވެސް ދޫކޮށްނުލާ ގައުމެއް ކަމަށެވެ.

މިސްރުގެ މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވަކި ގައުމަކުން އެންމެ ގިނައިން ލޯނު ދީފައި ހުރީ ސައޫދީންނެވެ. އަދި އެއީ ވަރަށް ދިގު މުއްދަތަކަށް ބަހާލައިގެން ދައްކާ ގޮތަށެވެ. އަދި އެނޫން ގޮތެއްގައި ލޯނު ދައްކަން ދަތިވާ ހާލަތްތަކުގައި އިތުރު ފަސޭހަތައް ދީފައި ހުރިކަން ލިޔުންތަކުން އެނގެ އެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން މިދާކަށް ދުވަހު ސައޫދީއަށް ކުރެއްވި ދަތުރުފުޅުގައި ސައޫދީން ޕާކިސްތާނަށް އެހީތެރި ވެދޭނެކަން އެ ގައުމުން އޮތީ ކަށަވަރު ކޮށްދީފަ އެވެ.

އިމްރާންގެ ދަތުރުފުޅާ ދިމާކޮށް ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އިން ބުނި ގޮތުންގައި ޕާކިސްތާނުގެ މަރުކަޒީ ބޭންކަށް ތިން ބިލިއަން ޑޮލަރު ޖަމާ ކުރަން ރަސްގެފާން އޮތީ މާކުރިން ވެސް ނިންމަވާފަ އެވެ.

އެސްއެފްޑީން ވެސް އެއިރު ބުނިީ ޕާކިސްތާން ސަރުކާރަށް ވެދޭ އެހީއަކީ ބޭރު ފައިސާގެ ރިޒާވް ޕާކިސްތާންގައި ވަރަށް ބޮޑަށް ދަށްވެފައި ވާތީ ވެދޭ އެހީއެއް ކަމަށެވެ. އަދި ގައުމުން ބޭރުން ކުރަން ޖެހޭ ވިޔަފާރި މުއާމަލާތްތަކަށް ހުރަސްއެޅި އާންމުގެ ދިރިއުޅުގެ ހާލަތު ރަނގަޅު ކުރުމަކީ މަގުސަދު ކަމަށެވެ.