ދުނިޔެ

ސައުދީ އިން ޕާކިސްތާނުގައި 20 ބިލިއަން ޑޮލަރު އިންވެސްޓުކޮށްފި

Feb 18, 2019
1

އިސްލާމްއާބާދު (ފެބްރުއަރީ 18) - އިގުތިސޯދު ވަޅުޖެހިފައިވާ ޕާކިސްތާނުގައި 20 ބިލިއަން ޑޮލަރު އިންވެސްޓުކުރަން ސައުދީ އަރަބިއްޔާ އިން ނިންމައިފި އެވެ.

އެކަން އިއުލާނުކޮށްފައިވަނީ، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޕާކިސްތާނުގެ އިގުތިސޯދު ހީނަރުވެ، ދަރަނިތައް އަނބުރާ ދައްކަން ނުކުޅެދި، އެ ގައުމުގެ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ރަހުމަތްތެރި ގައުމުތަކުގެ އެހީތެރިކަމަށް އެދިފަ އެވެ.

ޕާކިސްތާނުގައި ސައުދީން އިންވެސްޓުކުރާ މަޝްރޫއުތަކުގެ ތެރޭގައި، ތެލާއި، ހަކަތައާއި، މައިނިންގް ސިނާއަތްތައް ހިމެނެ އެވެ.

"ފުރަތަމަ ފިޔަވައްސަށް މިއީ ވަރަށް ރަނގަޅު ފެށުމެއް، ޔަގީނުންވެސް މިކަން މަހުން މަހަށް އަދި އަހަރުން އަހަރަށް ފުޅާވަމުންގޮސް، ދެ ގައުމަށް ވެސް މުސްތަގުބަލުގައި ވަރަށް ފައިދާ ކުރާނެ،" ވަލީއަހުދު ވިދާޅުވި އެވެ.

އޭޝިއާގެ ތިން ގައުމަކަށް ވަލީއަހުދު ފަށްޓަވާފައިވާ ދަތުރުފުޅުތަކުގައި، ޕާކިސްތާނަށްފަހު ދެން ވަޑައިގަންނަވާނީ އަވަށްޓެރި އިންޑިއާ އަށެވެ. އެއަށްފަހު، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ޗައިނާއަށް ވަޑައިގަންނަވާނެ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލެވުނު ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ އާއި ގުޅިގެން ސީދާ ވަލީއަހުދަށް ކުރެވޭ ތުހުމަތުތަކާއެކު، ބައިނަލްއަގުވާމީ މައިދާނުގެ ނަޒަރުގައި އެމަނިކުފާނުގެ ތަސައްވަރު ބަދަލުކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.