ސައުދީ އަަރަބިއްޔާ

ސައުދީގެ ސުލްހައިގެ މަޝްވަރާޔާއެކު ހާން އިރާނުގައި

ސައުދީއަރަބިއްޔާ އާއި އިރާނުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރަން ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ސުލްހައިގެ މަޝްވަރާތަކަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން އީރާނަށް ވަޑަައިގެންފި އެވެ.

ހާން ވަނީ މިހާރު އިރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރައްވާ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. މި ބައްދަލުވުމުގައި ސައުދީގެ ފަރާތުން ހަނގުރާމައަކަށް ނުގޮސް ނުތަނަވަސްކަން ނައްތާލެވޭނެ ގޮތާއި ބެހޭ ގޮތުން ސައުދީން ގެންގުޅޭ ވިސްނުން ހާން ވަނީ ރޫހާނީއާ ހިއްސާ ކުރައްވާފަ އެވެ.

ބައްދަލުވުމުގެ މައުލޫމާތު ދެމުން، ހާން ވިދާޅުވީ، އެއްވެސް ގައުމަކުން އިރާނާއި ސައުދީގެ ދެމެދުގައި ހަނގުރާމައެއް ފަށަން ހިތްވަރު ނުދޭ ކަމަށެވެ. އަދި މަޝްވަރާތަކުގެ ބޭނުމަކީ ވެސް ގަލްފު ސަރަހައްދުގެ އަމަން ބަލަހައްޓައި އިރާނާއި ސައުދީ ސުލްހަ ކުރުވުން ކަމަށެވެ. އަދި އެކަން ކުރެވޭނީ މަޝްވަރާގެ އުސޫލުން ކަމަށެވެ.

އިރާނާއި ސައުދީގެ ގުޅުމަށް ހީނަރުކަން އައިސްފައި ވަނީ ސައުދީގެ ތެޔޮ ކުންފުނި ކަމަށްވާ އަރަމްކޯ ފެސިލިޓީސްއަށް ހަމަލާ ދިނުމުގެ ތުހުމަތު އިރާނަށް ކުރެވިގެނެވެ. މި ތުހުމަތު އިރާނުން ދޮގު ކުރި ނަމަވެސް އެކަން ސައުދީން ގަބޫލެއް ނުކުރެ އެވެ. އެއީ އަރަމްކޯއަށް ހަމަލާދިން ޑްރޯންތައް އުދުއްސާލާފައި ވަނީ އިރާނުންކަން ސާބިތުވާ ވަރަށް ހެކި ތަހުގީގީ އިދާރާތަކަށް ލިބުމާ ގުޅިގެންނެވެ. ހަމަލާގައި ބޭނުންކުރި ޑްރޯން ތަކަކީ އިރާނުގެ އަސްކަރިއްޔާއިން ވެސް ބޭނުންކުރާ ޑްރޯންތަކެވެ.

ސުލްހައިގެ މަޝްވަރާތަކުގައި ރޫހާނީ ބައިވެރިވެ ވަޑައިގަތް ނަމަވެސް، ގަލްފު ސަރަހައްދު ބަލަހަޓަން އެމެރިކާ ސިފައިން ތިބުމުގެ ހުއްދަ ދިނުމުގެ ސަބަބުން އިރާނުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެއީ ނުރައްކަލުގެ އިންޒާރެއް ކަމެއް ވެސް ބުނެފަ އެވެ. ހާން އާއެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގެ މައުލޫމާތު ދެއްވަން ރޫހާނީ ވަނީ ދެކޮޅު ހައްދަވާފަ އެވެ.

އިރާނާއެކު ސުލްހަ ވާން ސައުދީން ނިންމީ، އިރާނާއެކު ހަނގުރަމާއަކަށް ދާނަމަ ދުނިޔޭގެ އިގްތިސޯދު ހަލާކުވެދާނެ ކަމަށް ބުނެ އެވެ.