މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 55.6 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ ހޯދައިފި އެވެ.
މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް ލިބުނީ 51.2 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ވަނީ 4.4 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެމްޓީސީސީ އަށް އަހަރުގެ ތިންވަނަ ކުއާޓަރުގައި 51 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނު ނަމަވެސް މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ލިބުނު ފައިދާއަށް ވުރެ ތިންވަނަ ކުއާޓަރުގައި ލިބުނު ފައިދާގެ އަދަދު ވަނީ ދަށްވެފަ އެވެ.
އެގޮތަށް ދިމާވީ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ހަރަދު އިތުރުވުމުންނެވެ. އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު ހިންގުމުގެ ހަރަދުގެ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 36.7 މިލިއަން ރުފިޔާ ދެވަނަ ކުއާޓަރުގައި 42.6 މިލިއަން ރުފިޔާ އަދި ތިންވަނަ ކުއާޓަރުގައި 56.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެމްޓީސީސީ އަށް އަހަރުގެ ތިންވަނަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ ކޮންޓްރެކްޓަށް ނެގި މަސައްކަތްތަކުންނެވެ. ތިންވަނަ ކުއާޓަރުގައި އެފަދަ މަސައްކަތްތަކުން ލިބުނު އާމްދަނީ ވަނީ އަށް ޕަސަންޓް އިތުރުވެފަ އެވެ
މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީގެ ހުރިހާ ވިޔަފާރިތަކަކުން ވެސް ފައިދާ ލިބިފައިވާއިރު ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ޖުމްލަ 484.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެމްޓީސީސީ އަށް ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުން ގިނަވެ، އެ ކުންފުނިން ދަނީ ބޮޑު ފައިދާއެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެ ކުންފުނިން ވަނީ އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާ ކުންފުނީގެ ތާރީހުގައި ރެކޯޑެއް ހަދާފަ އެވެ.