އެމްޓީސީސީ

އެމްޓީސީސީއަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ މިދިޔަ އަހަރު

Jan 24, 2022

އެމްޓީސީސީގެ 41 އަހަރުގެ ތާރީހުގައި އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރަކަށް މިދިޔަ އަހަރު ވެއްޖެ އެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް 224.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްޓީސީސީ އަށް 2020 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 220.75 މިލިއަން ރުފިޔާ އެވެ. އެހެންކަމުން 2020 ވަނަ އަހަރު ލިބުނު ސާފު ފައިދާ އަށް ވުރެ މިދިޔަ އަހަރު އެމްޓީސީސީ އަށް ލިބުނު ސާފު ފައިދާ ވަނީ 15 ޕަސަންޓް އިތުރުވެފަ އެވެ.

މިދިޔަ އަހަރު އެމްޓީސީސީ އަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 1.96 ބިލިއަން ރުފިޔާ ލިބުނުއިރު 2020 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 1.36 ބިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީހިސާބުތަކަށް ބަލާއިރު އެ ކުއާޓަރުގައި 626 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 67 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީހިސާބުތަކަށް ބަލާއިރު ތިންވަނަ ކުއާޓަރުގައި 409 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 99 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

އެމްޓީސީސީ އަށް ލިބޭ ފައިދާ އާއި އާމްދަނީ އިތުރުވީ ރެކޯޑް އަދަދަކަށް މަޝްރޫއުތައް ލިބުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިދިޔަ އަހަރު އެންމެ ގިނައިން އެމްޓީސީސީން ކޮށްފައިވަނީ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކުގެ މަސައްކަތްތަކެވެ. ބަނދަރު ހެދުމުގެ 43 މަޝްރޫއެއް ކުރިއަށް ގެންދިޔައިރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ 19 މަޝްރޫއެއް ކުރިއަށް ގެންދިޔަ އެވެ.