އާދަމް އާޒިމް

"މަޝްރޫއުތައް މިހާރު އަހަރަކުން ނިންމާލެވޭ"

އެމްޓީސީސީގެ ޕްރޮޖެކްޓަކުގެ ސްޕީޑް އަވަސްވެ ކުރިން ތިން އަހަރުން ހިންގި ބޮޑެތި މަޝްރޫއުތައް މިހާރު އެއް އަހަރުން ނިންމާލެވޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާަޅުވީ އެމްޓީސީސީގެ 41 އަހަރީ ދުވަހުގެ މުނާަސަބަތާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

އާޒިމް މިރޭ ވިދާޅުވީ ކުރިން ތިން އަހަރުން ރަށެއްގެ ބަނދަރު ހޭދަވާ ކަމަށާއި ނަމަވެސް މިހާރު އެއް އަހަރުގެ ތެރޭގައި ނިިންމާލެވޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ މިދިޔަ އޮކްޓޫބަރު މަހު ހުޅުވި ހިމަންދޫ ބަނދަރެވެ.

ބަނދަރެކޭ އެއްފަދައިން އެއާޕޯޓްތައް ހެދުމުގައިވެސް އެމްޓީސީސީގެ ދުވެލި މިހާރު ވަރަށް ބޮޑަށް ހަލުވިވެގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އެއާަޕޯޓެއް އަޅަން ތިން އަހަރު ނަގާ. މިހާރު ބިމެއް ހިއްކައިގެން އަޅަން ނަގަނީ 18 ވަރަކަށް މަސް ދުވަސް. ހޯރަފުށީ އެއާޕޯޓަކީ އަޅުގަނޑު މި ދެންނެވި ބަހުގެ ސާފު މިސާލެއް" އާޒިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް ފާއިތުވި ތިން އަހަރު އެމްޓީސީން މަޝްރޫއުތައް ކެނޑިނޭޅި ހިންގަމުންދާ ކަމަށެވެ. މީގެ ތެރޭގައި ބިން ހިއްކުމާއި، މަގުހެދުމާއި، ބަނދަރު ހެދުމާއި، އެއާޕޯޓް ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ހޮސްޕިޓަލް އެޅުން ފަދަ އެތައް މަޝްރޫއުތަކެއް ހިމެނެއެވެ.

"މަޝްރޫއެއް ނުހިނގާ އެންމެ އަތޮޅެއް ރަށެއްވެސް މިއަދަކު މި ރާއްޖޭގައި ނެތް. އަޅުގަނޑު ހިތަށް އަރާ މި މަޝްރޫއުތަކުގެ މޮޑެލްތަކެއް މި ދިމާލުގައި އޮންނަ ބްރިޖެއްގެ މަތީ އަތުރާލެވޭނެނަމަޔޭ. އޭރަށް ކަންނޭނގެ މި މަންޒަރު ނުފެންނަ ލޯތަކަށް ވެސް މި މަންޒަރު ފެންނާނީ. ގަބޫލުކުރެވޭނީ މިހާ ގިނަ މަޝްރޫއު ހިނގަމުންދާކަން" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ 2018ގެ ކުރިން އެމްޓީސީސީއަށް އެއްފަހަރާ ހިންގުނީ ގާތްގަނޑަކަށް 25 އަކަށް މަޝްރޫއު ކަމަށާއި ނަމަވެސް މިހާރު އެއްފަހަރާ 94 މަޝްރޫއެއްގައު ހަރަކާތްތެެރިވެ އަދި 64 މަޝްރޫއެއް އެއްވަގުތެއްގައި ހިންގަމުންދާ ކަމަށެވެ.