ޖޭއެސްސީ

ޖޭއެސްސީ އިސްލާހުކުރަން އަނެއްކާވެސް ބިލެއް ހުށަހަޅައިފި

ސިޔާސީ ބޭފުޅުން ނުހިމެނޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް އަނެއްކާވެސް ބިލެއް ހުށަހަޅައިފި އެވެ.

ޖޭއެސްސީ އިސްލާހު ކުރަން މިފަހަަރު ވެސް ބިލު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު އެވެ. ތޯރިގު މިދިޔަ އަހަރު އެ ބިލު ހުށަހެޅުއްވުމުން މަޖިލީހުން އެ ބިލު ބަލައިނުގަނެ ބޭރުކޮށްލީ އެވެ.

އެ ބިލު މިފަހަރު ތޯރިގު ހުށަހެޅުއްވީ ކުރިން ހުށަހެޅުއްވި ބިލަށް ބައެއް ބަދަލުތައް ގެނައުމަށްފަހު އެވެ. އެ ބިލުގެ ފުރަތަމަ ކިއުން މިއަދު މަޖިލީހުގައި ވަނީ އިއްވައިފަ އެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީގައި މިހާރު އޮންނަ ގޮތަށް ޖޭއެސްސީ އެކުލަވާލައިފައި އޮތުމުން އެ ކޮމިޝަނުން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒާއި އަދި ގޮތް ކިއުން އިންތިހާއަށް ބޮޑެވެ. އަދި އިންސާފު ގާއިމުކުުރުމުގެ ބާރަށް ލިބޭ މިނިވަންކަމާއި އަދި މުސްތަގިއްލުކަަމަށް ހުރަސް އެޅެއެވެ. އެހެންކަމުން މިހާރު ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަށް ބިލުގައި ހުށަހަޅާފައި ވެއެވެ.

ޖޭއެސްސީގެ މެމްބަރުން މިހާރު ހިމެނޭގޮތް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު
  • ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކު
  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓު ތަކުން އިންތިހާބު ކުރާ ފަނޑިޔާރަކު
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު
  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު
  • ބަންޑާރަނައިބު
  • ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު

ތޯރިގު ހުށަހެޅުއްވި ބިލުގައި ވަނީ ޖޭއެސްސީގެ މެމްބަރުކަމުގައި މިހާރު ތިއްބެވި ނުވަ މެމްބަރުންގެ ބަދަލުގައި އެ އަދަދު އަށަކަށް ތިރިކޮށް މެމްބަރުން އެކުލެވޭ ގޮތަށް ބަދަލުކުރުމަށް ހިމަނައި ފައެވެ.

އިސްލާހުގެ ބިލުގައި ހިމެނި ޖޭއެސްސީގެ މެމްބަރުން ތިބޭނެ ގޮތް

  • ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރި ކަމާއެކު މުސްކުޅި ކުރައްވާފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ މީހަކު
  • ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު
  • ނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރއިން އިންތިހާބު ކުރާ އަންހެން ގާނޫނީ ވަކީލަކު
  • ރާއްޖޭގެ ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އިންތިހާބުކުރާ ދާރިސަކު
  • ރާއްޖޭގެ ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އިންތިހާބުކުރާ ދާރިސަކު
  • ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބު ކުރާ މީހަކު
  • ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން، އިންތިހާބު ކުރާ މީހަކު
  • ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބު ކުރާ މީހަކު

ޖޭއެސްސީގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށް ކަނޑައަޅައި ވިދިވިދިގެން ދެ ދައުރަށް މީހަކު އައްޔަނު ނުކުރެވޭނެ ގޮތަށް ވެސް ބިލުގައި ހިމަނާފައި ވެއެވެ.

އޭގެ އިތުރުން ޖޭއެސްސީގެ މެމްބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބުމުން އެ މެންބަރަކު ވަކިވާނެކަމަށް ވެސް ބިލުގައި ހިމަނައިފައި ވެއެވެ.