ހަބަރު

އެހީގެ ފައިސާ އެކި އެކައުންޓްތަކުގައި ބެހެއްޓޭ އިސްލާހު ތަސްދީގުކޮށްފި

އެހީގެ ގޮތުގައި ލިބޭ ފައިސާ ޕަބްލިކް ބޭންކް އެކައުންޓުގައި ނޫން އެކައުންޓްތަކުގައި ބެހެއްޓޭ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއު ކޮށްފި އެވެ.

މި އިސްލާޙުގެ ދަށުން ދައުލަތް ހިންގުމަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއާއި، ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ފައިނޭންސް ކުރުމަށްޓަކައި ހިލޭ އެހީ ނުވަތަ ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާއާއި، ބިޔަ މަޝްރޫޢުތައް ތަންފީޒުކުރުމަށާއި ހާއްސަ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާ ފައިސާ އެހެނިހެން ބޭންކް އެކައުންޓްތަކުގައި ރައްކާ ކުރެވޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 26 ވަަނަ ދުވަހު ފާސްކޮށްފައިވާ މި ބިލުގައިވާ ގޮތުން ތިން ހާލަތެއްގައި ޕަބްލިކް ބޭންކް އެކައުންޓް ނޫން އެހެން އެކައުންޓެއް ނުވަތަ އެކައުންޓްތަކެއް ހުޅުވައި ދައުލަތުގެ ފައިސާ ބެހެއްޓުމުގެ އިހުތިޔާރު ފިނޭންސަށް ލިބެ އެވެ.

މިހާލަތްތަކުގެ ދަށުން ހުޅުވާ އެކައުންޓުތައް ބެލެހެއްޓުމުގައި އަމަލުކުރާނެ އުސޫލު މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ކަނޑައަޅައި، ގެޒެޓުގައި ޝާއިޢުކުރަންޖެހެ އެވެ. ބިލް ތަސްދީގު ކުރެއްވުމާއި އެކު ޤާނޫނަށް ވަނީ އަމަލު ކުރަން ފަށާފައެވެ.