ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިމާވެށީގެ މައްސަލަތަކަށް ފައިސާ ލިބުން ފަސޭހަކޮށްދިނުމަށް އެދިވަޑައިގެންފި

Nov 2, 2021

ތިމާވެށީގެ މައްސަލަތަކުގައި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިސާ ފަސޭހަކަމާއެކު ލިބޭނެ މަގުތައް ފަހިކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހް އެކަމަށް އެދިވަޑައިގެންނެވީ މިރޭ ކޮޕް26ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުވުމުގައި ޕްރިންސް ޗާލްސް އާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެ ފަދަ ކުދި ގައުމުތަކުން މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް ކުރަން ކަނަޑައަޅައިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ"'ކްލައިމެޓް ފައިނޭންސް" ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ގައުމުތަކުގެ ވެރިންނަށް ބާރުއަޅުއްވާފަ އެވެ. ތިމާވެށީގެ މައްސަލަތަކުގައި މިހާރު ފައިސާ ހޯދުމަށް ހުރި އުދަނގޫތައް ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ރައީސް ސޯލިހް ވަނީ ފައިސާއަށް ބޭނުންޖެހިފައިވާ ގައުމުތަކަށް ފައިސާ ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި 'ކޮމަންވެލްތް ކްލައިމެޓް ފައިނޭންސް އެކްސެސް ހަބްގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ނޭދެވޭ އެތައް އަސަރެއް ކޮށް ދިވެހިން ތިމާވެށީގެ ރެފިއުޖީންނަށް ވުމުގެ ބިރު އެބައޮތް ކަމަށެވެ. އެކަމަކު ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނެކޭ އެއްގޮތަށް ދިވެހިންނަށްވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ހައްގު ކަމުގައި ވިދާޅުވި އެވެ. ދިވެހިރާއްޖެ އަކީ ކުޑަ ގައުމަކަށްވީ ނަމަވެސް، އަބަދު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމަކާއި ނުލައި ދިވެހިންނަށް ވެސް ދިރިއުޅުމުގެ ހައްގު އޮންނަން ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލަކީ މުޅި ދުނިޔެ ތަހައްމަލުކުރާނެ ކަމެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ވަގުތު އެންމެން އެކަތިގަނޑަކަށްވެގެން އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށާއި ފާގަތިކަމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. ރާއްޖެއިން ނިސްބަތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކަމުގައިވީ ނަމަވެސް އެ އަދަދު މަދުކުރުމަށް އަދިވެސް ރާއްޖެއިން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް މީހުން އަހުލުވެރިކުރުމުގައި އިސްނަގައި އެހެން ގައުމުތަކަށް ރާއްޖެއިން ނަމޫނާ ދައްކަމުންދާ ކަމަށް ފާހަގަކުރެއްވި އެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖެއިން 2030 ވަނަ އަހަރަށް ނެޓް-ޒީރޯ ގައުމަކަށް ވުމަށް ކަނޑައަޅާފައިވާ އަޒުމާ އެއްގޮތަށް އެހެން ގައުމުތަކުން އެކަހަލަ އަޒުމެއް ކަނޑަނާޅަކީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.

ރައީސްގެ ވާހަަކަފުޅު ނިންމަވާލެއްވީ ކޮޕް26ގެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބަރޯސާވާ މިންވަރު އަންގައިދީ، ގައުމުތަކުގެ ލީޑަރުން ކޮޕް26ގެ ބައްދަލުވުމުގައި ރަނގަޅަށް ގޮތް ނިންމެވުމަށް ބާރުއަޅުއްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ކޮޕް26ގެ ބައްދަލުވުމުގައި ރަނގަޅު ނިންމުންތައް ނުނިންމިއްޖެނަމަ، އިތުރު އެތައް ބިލިއަން މީހުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށާއި، އޭގެތެރޭގައި ދިވެހި ހުރިހާ ރައްޔިތުން ހިމެނޭ ކަމަށްވެސް ވިދާޅުވެފަ އެވެ.