ޕުނީތު ކުމާރަކީ ކަންނާޑާ ފިލްމުތަކުން ވަރަށް މަޝްހޫރުކަން ހޯދާފައިވާ ކުޅަދާނަ އެކްޓަރެކެވެ. އުމުރުން އެންމެ 46 އަހަރުގައި މިދިޔަ އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހު ޕުނީތު ކުއްލިއަކަށް މި ދުނިޔެ ދޫކުރުމުން އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ އެތައް މިލިއަން ފޭނުންނެއް ހިތާމައިން ގޮސް ހިތް ހަލާކުވި އެވެ. އަދި ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޕުނީތުގެ މަރުގެ އަޑު އަހާފައި ވީ ދެރައިން އޭނާގެ ދެ ސަޕޯޓަރަކު ވެސް ވަނީ ހިތް ހުއްޓިގެން މަރުވެފަ އެވެ. އަދި އިތުރު މީހަކު އަމިއްލައަށް މަރުވިކަމަށް ވެސް ވެއެވެ.
ޕުނީތު މަރުވުމަށް ފަހު އޭނާގެ ދެ ލޯ އިންސާނިއްޔަތަށް ހަދިޔާ ކުރަން އޭނާގެ އާއިލާއިން ނިންމައި ހަމަ އެ ދުވަހު އެ ދެ ލޯ ނެގި އެވެ. ޕުނީތުގެ ލޯ ހަދިޔާކުރީ ހަތަރު މީހަކަށެވެ. އަދި މި ހަތަރު މީހުންނަށް އެ ލޮލުގެ ބައިތައް ބޭނުން ކޮށްގެން ދިން ފަރުވާ އިން ލޮލުގެ ފެނުން ލިބިފައި ވެއެވެ.
ޕުނީތުގެ ލޯ ހަދިޔާކުރި މީހުންގެ ތެރޭގައި ހިމެނެނީ ތިން ފިރިހެނަކާއި އަންހެނެކެވެ. ޕުނީތު މަރުވި ދުވަހު އޭނާގެ ދެ ލޯ ނެގުމަށް ފަހު މި ހަތަރު މީހުންނަށް އެ ދެ ލޮލުން ފަރުވާ ކޮށްދިނީ ބެންގަލޫރޫގެ ނާރަޔާނާ ނެތުރަލަޔާގެ ޑޮކްޓަރުންނެވެ.
ޕުނީތުގެ ދެ ލޯ ނަގައި އޭގެން ފަރުވާ ދިން ޑޮކްޓަރުން ބުނި ގޮތުގައި ޕުނީތުގެ ދެ ކޯނިއާ ނަގައި އެ ދެބައިކޮށް ކޯނިއަލް ބްލައިންޑް ބަލި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ލޮލަށް އެ ލައްވައިގެން ފަރުވާކޮށް އެމީހުންގެ ލޮލުގެ ފެނުން އަނބުރާ ލިބިފައިވާ ކަމަށެވެ.
ނޮވެމްބަރު 1 ވަނަ ދުވަހު ބެންގަލޫރޫގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ނާރަޔާނާ ނެތުރަލަޔާގެ ޗެއާމަން އަދި މެނެޖިން ޑައިރެކްޓަރު ޑރ. ބުޖަންގް ޝެޓީ ވިދާޅުވީ ޕުނީތުގެ ކޮންމެ ލޮލަކުން ދެ މީހަކަށް ފަރުވާ ދިން ކަމަށެވެ.
"މިއީ ވަރަށް ޔުނީކް ގޮތަކަށް ކޮށްފައިވާ ކަމަށްވާތީ މި ސާޖަރީތައް އެހާ ޚާއްސަކަމަކަށްވީ. އަހަރެން ޕުނީތުގެ ދެ ލޮލުގެ ކޯނިއާގެ ސުޕީރިއާ އާއި ޑީޕް ލޭޔާ ވަކިކޮށްލައި އެ ބައިތައް ހަތަރު މީހެއްގެ ލޮލަށް ޓްރާންސްޕްލާންޓް ކޮށްދީފައިވާނެ،' ޑޮކްޓަރު ވިދާޅުވި އެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި މިއީ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހެދި މައިކްރޯސާޖަރީ ތަކެކެވެ. ޕުނީތު މަރުވި ދުވަހު އިތުރު އެހެން ހަތަރު މީހެއްގެ ލޮލުގެ ފެނުން އަނބުރާ ލިބުމަށް މެދުވެރިވީ މި ސާޖަރީތައް ކާމިޔާބު ވުމުން ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.
ކޯނިއާގެ އެކި ބައިތައް ޓްރާންސްޕްލާންޓް ކޮށްދިން ހަތަރު މީހުންނަކީ ކަރްނާޓަކާ އަށް ނިސްބަތްވާ މީހުންނެވެ. މި ސާޖަރީތައް ކާމިޔާބުވުމުގެ މާނައަކީ އެންމެ ލޮލެއް ވެސް އެކި ބަޔަށް ބައިކޮށްގެން އެތައް ބަޔަކަށް ފަރުވާ ދެވިދާނެ ކަމެވެ. މި ފަރުވާ ބިނާ ވާނީ އެ މީހަކަށް ލޮލުގެ ފެނުން ގެއްލެން މެދުވެރިވެފައިވާ ސަބަބުގެ މައްޗަށެވެ.
ޕުނީތުގެ ކޯނިއާގެ ކުރިމައްޗަށް އިންނަ ބައި 'ދަ ކޯނީއަލް ބަޓްން" ޓްރާންސްޕްލާންޓްކުރީ ވަރަށް ޒުވާން ދެ ބަލި މީހަކަށެވެ. އެދެ މީހުންނަކީ ކެރަޓޯކޯނަސް އެންޑް ކޯނިއަލް ޑިސްޓްރޮފީ ކިޔާ ބައްޔެއް ހުރި ދެ މީހުންނެވެ. ކެރަޓޯކޯނަސް އަކީ ކޯނިއާގެ ސްޓްރަކްޗާއަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ލޮލުގެ ފެނުން ގެއްލެ އެވެ. މި މީހުންނަށް ކޯނިއާގެ ބައިތައް ލައްވައިގެން ހެދި ސާޖަރީ އަށް ކިޔަނީ ޑީޕް އެންޓީރިއާ ލެމެލާ ކެރަޓޯޕްލާސްޓީ އެވެ.
ޕުނީތު އަކީ އެކްޓަރެއްގެ އިތުރުން ސެލެބްރިޓީ ޓީވީ ހޯސްޓެއް ވެސް މެއެވެ. ގިނަ މީހުން އޭނާއަށް ލޯބިން "އައްޕޫ" އަދި "ޔުވަރަތުނާ"ވެސް ކިޔާ އުޅެ އެވެ. މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕުނީތު މަރުވީ ކުއްލިއަކަށް ވަރަށް ވަރުގަދަ ހާޓް އެޓޭކެއް ޖެހިފަ އެވެ.