ލައިފްސްޓައިލް

ކޯމާއިން ހޭލެވުނުއިރު ވާހަކަ ދެއްކޭ ގޮތް ބަދަލުވެފައި!

އެމެރިކާގެ ލޮސް އެންޖަލިސްގައި ދިރިއުޅޭ އަންހެނަކު ދެ ހަފުތާ ވަންދެން ކޯމާގައި އޮވެފައި ހޭލިއިރު ވާހަކަ ދެއްކޭ ރާގު ބަދަލު ވެއްޖެ އެވެ. އޭނާއަށް މިހާރު ވާހަކަ ދެއްކެނީ ނިއު ޒިލެންޑް މީހުން ވާހަކަ ދައްކާ ކިވީ އެކްސެންޓުންނެވެ. އެންމެ މަޖާ ކަމަކީ މި މީހާ އަކީ ދުވަހަކު ވެސް ނިއު ޒިލެންޑަށް ދިޔަ މީހަކަށް ވެސް ނުވާތީ އެވެ.

އުމުރުން 24 އަހަރުގެ ސަމާ ޑިއަޒް ފާއިތުވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޮފީސް ނިންމާފައި ހިނގާފައި ގެޔަށް ދަނިކޮށް އޭނާގެ ގައިގައި ކާރަކުން ޖެހި ވަރަށް ބޮޑަށް ޒަޚަމްވި އެވެ. ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އުނަގަނޑާއި ކޮނޑުގެ ކަށިތައް ފުނޑުފުނޑުވުމުގެ އިތުރުން ސިކުނޑިއަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.

ދެ ހަފުތާ ވަންދެން އޭނާ ކޯމާގައި އޮވެފައި ހޭލެވުނުއިރު އެ ދުވަހުގެ އެއްވެސް ހަނދާނެއް ވެސް ނެތެވެ.

ދެ ހަފުތާ ފަހުން ސަމާއަށް ހޭލެވުނުއިރު އޭނާއަކަށް ވާނުވާއެއް ނޭނގެ އެވެ. އަދި ވާހަކައެއް ވެސް ނުދެއްކެ އެވެ. ޔުނިވާސިޓީ އިން ސައިން ލޭންގްއޭޖް ދަސްކޮށްފައިވާތީ އޭނާ އޭރު މީހުންނާ ވާހަކަ ދެއްކީ އަތުގެ އިޝާރާތުންނެވެ. ދުވަސްކޮޅެއް ފަހުން އޭނާއަށް މަޑުމަޑުން ވާހަކަ ދެއްކެން ފެށިއިރު މުޅި ތަފާތު އެކްސެންޓަކުން ވާހަކަ ދެއްކޭ ކަން ސަމާއަށް ވެސް އެނގުނެވެ.

"އަހަރެން ރަނގަޅުވީއިރު ވެސް އަޑު ނައިމަ ސްޕީޗް ތެރަޕިސްޓެއް ކައިރިއަށް ގޮސްގެން ވާހަކަ ދެއްކޭތޯ ކުރި މަސައްކަތުން އަޑު އަނބުރާ އަންނަން ފެށިއިރު ވާހަކަ ދެއްކެނީ ވަރަށް މަޑުމަޑުން. ކިރިޔަ ކިރިޔާ ކިޔާ އެއްޗެއް އެނގެނީ އެހެން މީހުންނަށް. އަހަރެންގެ އަޑު ގަދަވަމުން އައި ވަރަކަށް މުޅިން ތަފާތު އެކްސެންޓެއް ހުރިކަން އެނގެން ފެށީ،" ސަމާ ބުންޏެވެ.

ސަމާ ބުނި ގޮތުގައި އޭނާގެ އާ އެކްސެންޓް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށެވެ.

"އަހަރެންނަށް ފަރުވާ ދޭ ނަރުހުން އައިސް އަހާނެ ތީ ކޮން ގައުމެއްގެ މީހެއްހޭ؟ އަހަރެން މީ ހަމަ މި ރަށު މީހެކޭ ބުނީމަ އެމީހުންނަކަށް ގަބޫލެއް ވެސް ނުކުރެވޭ. އަހަރެން ބުނަން އަހަރެން އުފަންވީ މި ރަށުގައޭ. އެހެން ބުނީމަ އެމީހުން ބުނޭ އެކަމަކު ވާހަކަ ދައްކާ އެކްސެންޓް ހާދަ ތަފާތޭ. އަހަރެންގެ އެކްސެންޓް ބަދަލުވީ އެކްސިޑެންޓަށް ފަހުގައޭ އަހަރެން ބުނަން އެމީހުން ކައިރީ،" ސަމާ ކިޔައިދިނެވެ.

ވަރަށް މަދުން ނޫނީ މީހުންނަށް ނުޖެހޭ ބައްޔެއް ކަމަށްވާ "ފޮރިން އެކްސެންޓް ސިންޑްރޯމް" ސަމާ އަށް ވެސް ޖެހިފައިވާކަން އެނގުނީ އޭގެ މާފަހުންނެވެ. އޭގެ ފަހުން ސަމާއަށް އެކި ކަހަލަ އެކްސެންޓް އެކި ފަހަރު ބޭނުން ކުރެވޭތަން ވެސް އާދެ އެވެ. ނަމަވެސް އެއް އެކްސެންޓަކުން މާ ގިނަ އިރަކު ވާހަކައެއް ނުދެއްކެ އެވެ. އަނެއްކާވެސް އެހެން އެކްސެންޓަކަށް ބަދަލުވެ އެވެ. ބައެއް އެކްސެންޓްތަކުން ވާހަކަ ދެއްކެނީ މަދު ގަޑިއިރަކު އެވެ. ނަމަވެސް އަނެއް ބައި އެކްސެންޓުން އެތައް މަހެއް ވާއިރު ވެސް ވާހަކަ ދެއްކެ އެވެ.

"އަހަރެން ވާހަކަ ދައްކަނީ ބްރިޓިޝް އެކްސެންޓުން. ނަމަވެސް އެކްސިޑެންޓަށް ފަހު މި ޖެހުނު ބަލީގެ ސަބަބުން ބައެއް ފަހަރު ފްރެންޗް މީހުން ވާހަކަ ދައްކާ އެކްސެންޓުން ވެސް އެބަ ވާހަކަ ދެއްކޭ. އަނެއްބައި ފަހަރު ރަޝިޔާ މީހުންގެ އެކްސެންޓުން. އަނެއް ބައި ފަހަރު އޮސްޓްރޭލިޔާ މީހުން ވާހަކަ ދައްކާ ގޮތަށް. އަދި ނިއު ޒިލެންޑްގެ މީހުން ވާހަކަ ދައްކާ ގޮތަށް ވެސް ވާހަކަ ދެއްކޭ އެބަ،" ސަމާ ބުންޏެވެ.