ދުނިޔެ

ސައޫދީއާ މަޝްވަރާކުރަން ލުބްނާން އެދިއްޖެ

ސައޫދީއާ މަޝްވަރާކުރަން ލުބްނާން އެދޭ ކަމަށް އެ ގައުމުގެ ރައީސް މިޝޭލް އައޫން ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ. އޭނާ މަޝްވަރާއަށް އެދިވަޑައި ގެންނެވިއިރު ސައުދީއާ ލުބްނާންގެ ގުޅުން އޮތީ ހަރާބުވެފަ އެވެ.

ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކަރުދާހީ ހޫތީންނަށް ތާއީދު ކުރައްވައި އަދި ސައޫދީއާ ކޯލިޝަނަށް ބަދުބަސް ވިދާޅުވެ ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ސައުދީން ވަނީ އެގައުމުގައި ހުންނެވި ލުބްނާން ސަފީރު ގައުމަށް ވަޑައިގަތުމަށް ދަންނަވާފަ އެވެ.

ކަރުދާހީ ވިދާޅުވީ ޔަމަނުގައި ހޫތީން އެކުވަނީ ހައްގު ޖިހާދެއް ކަމަށާއި އެއީ ނަފުސާއި ވަތަންގެ ދިފާއުގައި ހޫތީންވާ ގުރުބާނީއެއް ކަމަށެވެ. އަދި ސައުދީއާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ބަހްރޭނުން ކުރަނީ ބޭކާރު ހަނގުރާމައެއް ކަމަށެވެ.

މި މައްސަލަ ސިޔާސީ ކޯޅުންގަނޑަކަށް މިހާރު އޮތީ ބަދަލުވެފަ އެވެ. ޔޫއޭއީ އާއި ބަހްރޭނުން ވެސް ވަނީ ލުބްނާންގައި ހުންނެވި ސަފީރު ގައުމަށް ވަޑައިގަތުމަށް ދަންނަވާފަ އެވެ. އަދި ލުބްނާގައި ތިބި އެގައުމުގެ ރައްޔިތުން އެގައުމުން ފޭބުމަށް ވެސް ވަނީ އަންގާފަ އެވެ.

ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ، ކުވައިތު އަދި ބަހްރޭނުން ވަނީ ލުބުނާނުން އެކައްޗެއް ވެސް އެއިން ގައުމަކަށް އެތެރެ ކުރުން ވެސް މަނާކޮށްފަ އެވެ.

ސައޫދީއާ ގަލްފު ގައުމުތަކާއެކު ރަނގަޅު ގުޅުމެއް ގާއިމް ކުރައްވަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް އައޫން ވިދާޅުވި އެވެ. އޭނާ އެދިވަޑައިގެންފައި ވަނީ ސީދާ މަޝްވަރާ ތަކަށެވެ.

ސައުދީ އަރަބިއްޔާއާ ލުބްނާން ގުޅުން ބަލިކަށިވެފައި އޮންނަތާ 10 ވަރަކަށް އަހަރު ވެދާނެ އެވެ. މައިގަނޑު ސަބަބަކީ ލުބްނާންގައި ހިޒްބުﷲއިން ހިންގާ ހަރަކާތްތަކެވެ.

އެ ޖަމާއަތުގެ ވާގިވެރިކަމާއެކު ޔަމަނުގައި ތިބި ހޫތީންނަށް އީރާނުން ހަތިޔާރު ފޯރުކޮށް ދިނުމަކީ ވެސް ލުބްނާނަށް އެނގިގެން ހަދާ ގޯހެކެވެ.

ޖޯޖް ކަރުދާހީ އަކީ ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މިގާތީގެ ކެބިނެޓް މިނިސްޓަރެއް ނަމަވެސް، އޭނާގެ ސަބަބުން އަރަބި އެކުވެރި ގައުމުތަކާއެކު އޮތް ގުޅުން ކަނޑައިގެން ދާއިރު ވެސް ކަރުދާހީ އިސްތިއުފާ ދެއްވުމަށް ދަންނަވާފައި ނުވެ އެވެ.

ކަރުދާހީ ވިދާޅުވި ގޮތުގައި އިސްތިއުފާ ދެއްވުމަށް ހިޔާލުވެސް ނުކުރައްވަ އެވެ. އަދި އެއީ އިހުތިޔާރެއް ވެސް ނޫނެވެ. އިސްދިއުފާ ދެއްވުމަކުން މައްސަލައަށް ހައްލެއް ނާންނާނެ ކަމަށާއި އިސްތިއުފާ ނުދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި ބެއިރޫތާ މަޝްވަރާ ކުރަން ޝައުގުވެރިކަމެއް ނެތެވެ. އޭނާ ވިދާޅުވީ ސައުދީން ޝައުގުވެރި ނުވަނީ ލުބުނާނުގެ ވެރިންގެ މައްޗަށް ހިޒްބުاللهގެ ބާރު ގަދަކޮށްފައި ވާތީ އާޢި އިސްލާހީ ބަދަލުތައް ގެނައުމަށް ލުބްނާން ނުކުޅެދިފައި އޮތުމުން ކަމަށެވެ.