ދުނިޔެ

އިޒްރޭލުން އަގްސާއަށް ވަދެގަތުން ގަލްފު ކުށްވެރިކޮށްފި

ފަލަސްތީންގެ އަގްސާ މިސްކިތަށް ހުކުރު ދުވަހު ފަތިހު އިޒްރޭލު ސިފައިން ވަދެގަނެ ނަމާދަށް ތިބި މީހުން ކޮއްޕައި ރުޅިވެރި ކަމާއެކު ފައިންތަޅައި ވަނީ ވަރަށް ބޮޑަށް އަނިޔާ ކޮށްފަ އެވެ. ނަމާދު ހޯލަށް ސްޓަން ގްރޭނޭޑް އުކައި ނޭވާލާން ދަތިވާ ވަރަށް ކަރުނަ ގޭސް ވެސް ޖެހި އެވެ.

އިޒްރޭލުގެ މި އަމަލުތައް ދުނިޔޭގެ ގައުމުތަކުން ވަނީ ކުށްވެރި ކޮށްފަ އެވެ. މެދުއިރުމަތީ އިޒްރޭލާ ގުޅުން ގާތް ގައުމުތަކުން ވެސް އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް ހަރުކަށި ބަޔާންތައް ވަނީ ނެރެފަ އެވެ.

ސައޫދީން ބުނީ އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން ސައޫދީއާ ގުޅުން ދުރުވާނެ ކަމަށެވެ. އަދި އަގްސާ މިސްކިތުގައި ހަމަނުޖެހުން ހިންގުމަކީ އިސްލާމީ އުންމަތަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހުރޭން އަދި މިސްރުން ވެސް ވަނީ ބަޔާންތައް ނެރެފަ އެވެ. އިޒްރޭލު ސިފައިންގެ އަމަލުތައް ކުށްވެރިކޮށް އަގްސާ މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް އަނިޔާކުމުގެ ސަބަބުން 152 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައި ވާކަން ވަނީ ހިތާމައާއެކު ފާހަގަކޮށްފަ އެވެ.

ޔޫއޭއީ ބުނި ގޮތުގައި އިޒްރޭލުގެ އަމަލުތައް ގައުމުތަކުގެ މެދުގައި އޮތް އެއްބަސްވުންތަކާ ޚިލާފު ކަމަށާއި އިޒްރޭލަށް މިހާރު ދަސްނުވެ އޮތް ކަމަކީ ކެތްތެރިވުން ކަމަށެވެ.

އިޒްރޭލަށް އަދި ފަލަސްތީނަަށް ވެސް މިނިވަން ދައުލަތެއް އޮންނަން ވާނެ ކަމަށް ޔޫއޭއީ ބަޔާނުގައި ވެއެވެ. އެނޫން ގޮތެއްގައި ސަރަހައްދު މަސްލަހަތު ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ޔޫއޭއީން ބުނީ ފަލަސްތީންގެ ވެރިރަށަކަށް ވާން ޖެހޭނީ ގުދުސް ކަމަށާއި އިޒްރޭލުން ފޭރިގެންފައި އޮތް ބިންތައް ފަލަސްތީންގެ އިމަށް ފައްތަން ޖެހޭ ކަމަށެވެ.

ބަހުރޭނާއި މިސްރުން ވެސް މިފަދައިން ބަޔާންތައް ވަނީ ނެރެފަ އެވެ. ބަހުރޭނުން ބުނީ މުސްލިމުންގެ އިހުސާސްތައް ފޭރިގަނެވެމުން ދާކަން އިޒްރޭލަން އެނގެން ޖެހޭ ކަމަށާއި ސުލްހަވާން އުޅޭ ބަޔަކު ކެތްތެރިވާން ޖެހޭ ކަމަށެވެ.

އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގައި އާންމުންނަށް ބަޑިން ހަމަލާދީ މި ރޯދަ މަހު ވެސް އެތައް ބަޔަކު ވަނީ މަރާފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. ގުދުސްގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަނިޔާ ލިބިގެން މިސްކިތުން ނެރުނު މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.