އިންޑިއާގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް ނުރައްކާ އޮތް ކަމަށް ބުނެ ބަޔަކު އެ ވާހަކަ ދައްކާތާ ތިން އަހަރުވީއިރު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް އެއްވެސް ނުރައްކަލެއް އޮތް މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މާރިޔާ ދީދީ މިހެން ވިދާޅުވީ މިއަދު ހެނދުނު ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖެ-އިންޑިއާ ގުޅުމާމެދު ބައެއް ރައްޔިތުންނާއި ސިޔާސީ އިދިކޮޅު ޕާޓީތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަކީވެސް އަދި އެ ނޫން ބަޔަކީވެސް ހަތިޔާރާއެކު މި ގައުމަށް ފައިބާ ތިބި ބައެއް ނޫން ކަމަށެވެ.
އެއީ ޕްރޮފެޝަނަލް މަސައްކަތްތަކުގައި ތިބި ބައެއް ކަަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއިން ކޮންމެ މީހަކީވެސް ސަރުކާރުގެ ހުއްދަ ލިބިގެން ވަކި މުއްދަތަކަށް ރާއްޖޭގައި ތިބި ބައެއް ކަމަށެވެ. އިންޑިއާ ސިފައިން ދުއްވާ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓަކީވެސް ދިވެހި ދައުލަތުގެ ހުއްދައެއް ނެތި އެންމެ ދަތުރެއްވެސް ކުރާނެ އުޅަނދުތަކެއް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އެއިން ހެލްކޮޕްޓަރެއްވެސް އެންމެ ފަހަރަކުވެސް އަޅުގަނޑުމެންގެ އެދުމަކަށް ނޫނީ އުދުހިއެއް ނުގަންނާނެ. އަދި އެ ޑޯނިއާ ފްލައިޓްވެސް އެމްއެންޑީއެފުން ޓާސްކެއް ހަވާލުކުރީމަ ނޫނިއްޔާ ރާއްޖޭގެ ސަރަހައްދުގައިވެސް އުދުހިއެއްވެސް ނުގަންނާނެ. ދެން އަޅުގަނޑު ދަންނާނީ އެކަމުން ރާއްޖޭގެ ވަަރަށް ގިނަ ބަޔަކަށް ފައިދާވެއޭ. 250 ވުރެ ގިނަ ދިވެހި ލައިފްސް އަޅުގަނޑު އައި ފަހުންވެސް ސަލާމަތްކޮށްފި އިނގޭތޯ އެ މީހުން ފްލައިކޮށްގެން،" މާރިޔާ ވިދާޅުވިއެވެ.
އެކަމަނާ މިއަދުވެސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އަދި ހުރި ގޮތުން ބައެއް ކަހަލަ ހަރަދުތައް ދާއިމީކޮށް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އިންޑިއާގެ އެހީގައި ލިބިފައިވާ އުޅަނދުތަކަށް ތެޔޮ އަޅާ އެ ނޫންވެސް ހަރަދުތައް އިންޑިއާއިން ކޮށް ދިނުމަކީ ދައުލަތަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ފުޅާކޮށް ބޮޑުކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅޭގޮތުން މާރިޔާ ވިދާޅުވީ އެ ހަރަކާތް ކުރިއަށް ގެންދާތާ ތިން އަހަރުވީއިރު ރާއްޖޭގެ މިނިވަން ކަމަަށް އެރި ގުނޑުމެއް ފެނިވަޑައިނުގަންވާ ކަމަށެވެ.
"އަޅުގަނޑަށް މި ފެންނަނީ އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލަށް ގުނޑުމެއްވެސް ނާރާ ރީއްޗަށް އަޅުގަނޑުމެން ބޭނުންވާ ކަންކަން ކުރިއަށް ގެންދެވޭތަން،"
މާރިޔާ ވިދާޅުވީ ރާއްޖޭގައި ހެލްކޮޕްޓަރު އޮތުމުން އަދި ޑޯނިއާ އޮޕަރޭޝަން ފުޅާވުމުން ބިރު ގަންނަ ބަޔަކު އުޅޭ ކަމަށެވެ. އެފަދަ އެއް ބަޔަކީ ރާއްޖެއަށް ޑްރަގް އެތެރެކޮށް އޭހެ ވިޔަފާރި ކުރާ މީހުން ކަމަށް ވިދާޅުވިއެވެ.
ޑްރަގް އަތުލައިގަނެވޭ މިންވަރު އިތުރުވެފައިވަނީ ޑޯނިއާ އޮޕަރޭޝަން ބޮޑުކުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އަދި ޑްރަގްގެ މައި މޫތައް އަތުލައިނުގަނެވުނު ނަމަވެސް ސަޕްލައި ހުއްޓުވުމަކީވެސް ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޑްރަގް ހޯދާފައިވަނީ މިދިޔަ ދެ އަހަރެއްހާ ދުވަހު ކަަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
"މި ޑްރަގް އެތެރެކުރާ މީހުން ކަންބޮޑުވާނެ މަތިންދާ ބޯޓެއް މިހެން ސަވައިލަންސް ހެދެންޔާމު އަޅުގަނޑުމެން ބޭނުންވާ ވަރަށް،"
މާރިޔާ ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. މިހާރުވެސް ރާއްޖޭގެ ދިހަ ސަރަހައްދެއްގައި ރައިޑަރު ހަރުކޮށް ބަލަހަައްޓަމުންދާ ކަމަށާ އަދި ދުނިޔޭގެ ގައުމުތަކުގެ ކަމާގުޅޭ އިދާރާތަކާއި ދިވެހި ސިފައިން އޮތީ ވަރަށް ހަރުދަނާ ގުޅުމަކުން ގުޅިފައި ކަމަށެވެ.
އެކުވެރި ގައުމުތަކާއި ގުޅިގެން ކަނޑާއި ވައިގެ މަގުން އަބަދުވެސް މަސައްކަތް ކުރަމުންދާއިރު ދިވެހި އަސްކަރިއްޔާގެ ގާބިލުކަންވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކަނޑުގެ ސިފައިންގެ ތެރެއިން 300 މީހަކު ތަމްރީންކޮށް ނިމިފައިވާ ކަަމަށް ވިދާޅުވިއެވެ.
"ސިއްސުމެއް ލިބޭ ގޮތަކަށް ބަޔަކަށް މިހާރު މި ގައުމަށް އައުން އުނދަގޫވާނެ އިނގޭތޯ،" ނޮވެންބަރު ތިނެއްގެ ހަނދާން އައު ކުރައްވާ މާރިޔާ ވިދާޅުވިއެވެ.