ގައުމަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން އިލްތިމާސް ކޮށްފި އެވެ.
މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ދެއްވި ހިތާބުގައި ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ތަމަޅައިންނާ ގުޅިގެން ދިވެހީންގެ މަދު ބަޔަކު ބައިވެރިވެގެން ދިން ހަމަލާއިގައި ތަމަޅައިންނަށް ކާމިޔާބުވި ނަމަވެސް އެފަދަ ދިވެހީންނަށް ވަކި ހެޔޮ ގޮތެއް ނުވާނެ ކަމަށެވެ. އަދި އެކަން ތާރީހުން ވެސް ވަރަށް ރީއްޗަށް އެނގޭ ކަމަށެވެ.
އެގޮތުން ހޮޅީންގެ އަތް ދަށަށް ރާއްޖެ ދިޔަ ދިޔުމަށް އިޝާރާތްކުރައްވައި ނާޒިމް ވިދާޅުވީ އެ ފަހަރު ވެސް އެކަމުގައި ބައިވެރިވި ދިވެހީންނަށް ރަނގަޅުގޮތެއް ނުވި ކަމަށެެވެ.
"ހޮޅީންގެ އަތް ދަށަށް ރާއްޖެ ދިއުމުން ދިވެހީންނަށް ހެދީ ކިހިނެއްތޯ. ތާރީހުން އެނގޭގޮތުގައި ކަނޑުފައްތާ މެރީ. އެހެންކަމުން ނަސްރުގެ ދުވަހަކީ އަމިއްލަ ގައުމާމެދު ވިސްނުމުގެ ދުވަސް. މާޒީން އިބުރަތްލިބިގަތުމުގެ ދުވަސް. ގައުމަށް ތެދުވެރިވުމުގެ އަޒުމް ކަނޑައަޅަންވީ ދުވަސް. ޝަހީދުންގެ މަތިވެރި ގުރުބާނީން އިލްހާމް ލިބިގަންނަންވީ ދުވަސް. ގައުމަށް އެއްވެސް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް އަޒުމް ކަނޑައަޅަންވީ ދުވަސް. އެމްއެންޕީގެ ފަރާތުން ކޮންމެ ދިވެއްސަކަށް ކުރާ އިލްތިމާސްއަކީ މީ. އެމްއެންޕީގެ އެދުމަކީ އަދި އާދޭހަކީވެސް މިއީ." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ދިވެހިންނަކީ ދިވެހި ގައުމު ދިފާއުކުރުމުގައި ލާމަސީލު މިސާލު ބައެއް ކަމަށާއި ތިނެއް ނޮވެމްބަރުގައި ތަމަޅައިންނާ ހަނގުރާމަކޮށް ޝަހީދުވި ޝަހީދު އާދަމް ހުސެއިންގެ ކިބައިން ވެސް ދިވެހި ސިފައިން އެ ދުވަހު ދެއްކި ހިތްވަރު އެނގިގެން ދިޔަ ކަމަށެވެ. އެހެންކަމުން ގައުމު ދިފާއުކުރުމުގައި ގައުމީ ލޯބި އަބަދުވެސް އިންތިހާއަށް ބޭނުންވާ ކަމަށެވެ.