އެމްޑީޕީން އެންމެ ފަހުން ބޭއްވި ދާއިރާތަތަކުގެ އިންތިހާބަށް 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
އެމްޑީޕީގެ ފަރާތުން އެ މައުލޫމާތު ހާމަކުރީ ދާއިރާތަކުގެ އިންތިހާބުގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް އަލަށް ހޮވުނު މެންބަރުންނާއެކު ރޭ ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.
މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު 25 ވަނަ ދުވަހު ބޭއްވި ދާއިރާތަކުގެ އިންތިހާބުގެ ހުރިހާ ކަމަކަށް ހަރަދު ކުރީ 2.3 މިލިއަން ރުފިޔާ ކަމަށެވެ.
ދާއިރާތަކުގެ އިންތިހާބުގައި އެމްޑީޕީން ވަނީ 377 މަގާމަކަށް ބޭފުޅުން އިންތިހާބުކޮށްފަ އެވެ. އެ އިންތިހާބުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް 282 ވޯޓް ފޮށި ބެހެއްޓި އެވެ. އިންތިހާބުގެ އެކި ކަންކަމުގައި 846 އޮފިޝަލުން ހަރަކާތްތެރިވެފައިވާއިރު 47،100 އެމްޑީޕީގެ މެންބަރުން ވޯޓްލާފައިވެ އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޖުމްލަ 93،612 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް ކަމަށް އެ ޕާޓީން ކުރިން ހާމަކޮށްފައިވެ އެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި އިންތިހާބުގެ މައިގަނޑުގެ ހަރަދުތައް ކުރީ ވަކި ކަހަލަ ސެކިއުރިޓީ ފީޗައަކާއި އެކު ވޯޓް ކަރުދާސް ޕްރިންޓް ކުރުމަށާއި ވޯޓް ފޮށިތައް އުފުލުމަށާއި އޮފިޝަލުން ދަތުރުކުރުމާއި ތިބުމާއި ކެއުމަށެވެ.
"އެހެންވީމާ އަޅުގަނޑު އެދޭނަން އަދި ތިޔަ ބޭފުޅުންގެ އިޒުނައާއި އެކީގައި އަޅުގަނޑުމެން މިކުރި ހަރަދުގެ ތަފްސީލް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހަށްވެސް އަޅުގަނޑުމެން ފޮނުވާނަން. އިންތިހާބުތައް ބާއްވާއިރު ކަންކަން ކުރާނެ އުސޫލެއް މީގެތެރެއިން ހަރަދު ކުޑަކޮށް ކުރެވޭނެ ގޮތް ހޯދުމަށްޓަކައި،" ހަސަން ލަތީފް ވިދާޅުވި އެވެ.
ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެންބަރުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ އަލަށް އިންތިހާބުވި ގައުމީ މަޖިލީހުގެ މެންބަރުންނާ އެކު ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް މެންބަރުން އިތުރުކުރުމާ ގުޅޭގޮތުންނެވެ.
އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލޭންޑްގައި ތިއްބެވުމާ ގުޅިގެން ރޭގެ ބައްދަލުވުމުގައި އެ ދެ ބެފުޅުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.