އެމްޑީޕީގެ ޗެއާޕާސަން ގެ މަގާމާއި އިތުރު ދެ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީއިން މިއަދު ހުޅުވައިލައިފި އެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އެޕާޓީގެ ޗެއާޕާސަންގެ އިތުރުން ޒުވާނުންގެ ޔޫތު ވިންގު އަދި އަންހެނުންގެ ރޫހުގެ އިންތިހާބަށް ކުރިމަތިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފައިވާ ކަމަށެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހުގެ 4:00 އެވެ. މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް މިމަހުގެ 22 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ނަންނަތައް އިއުލާނުކުރުމަށްފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވައިލާނެ ކަމަށެވެ. ތިން އިންތިހާބަށް ވެސް ޝަކުވާ ބަލާ ކޮމެޓީއެއް އެކުލަވައިލާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވެފައި ވަނީ އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކަށް ޕާޓީގެ ފަރާތުން ދެ މަންދޫބުން ވެސް ހަމަޖައްސާނެ ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިބާހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އިންތިހާބުގެ ކަންކަން ވެސް ވަރަށް ފުރިހަމައަށް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ތިން އިންތިހާބު އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޗެއާޕާސަންގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާ މަގާމަށް މީހަކު އައްޔަނު ކުރަންޖެހެ އެވެ. އެ މަގާމުގައި ވޭތުވެދިޔަ ފަސް އަހަރު ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. މިއީ މި މަގާމުގައި ދައުރު ހަމަކުރެއްވި ފުރަތަމަ މެމްބަރެވެ.