މުހައްމަދު އާތިފް

ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ބިނާއެއް ހަދަނީ

Nov 3, 2021
3

ޝަހީދު ހުސައިން އާދަމްގެ ގައުމީ ޖިހާދުގެ ހަނދާނެއްގެ ގޮތުގައި ހަނދާނީ ބިނާއެއް ބިނާކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި ހައްސާ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ޝަހީދު ހުސައިން އާދަމަކީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ގައުމީ ބަތަލަކަށްވާތީ އެފަދަ އަބްތޯލުންގެ ޒިކުރާ އާކުރެވޭނެ ބިނާއެއް ކޮންމެހެން ހުރުން މުހިއްމު ކަމަށެވެ.

މޭޔަރު ވިދާޅުވީ ހުސައިން އާދަމްގެ ގައުމީ ޖިހާދު، އެންމެ ފުރަތަމަ ފާހަގަކުރަންޖެހޭނީ ކުޅިދުއްފުށީގައި ކަމަށްވާތީ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރާނެ ކަމަށެވެ.

"ޝަހީދު ހުސައިން އާދަމްގެ މަތިވެރި ޖިހާދު އަޅުގަނޑުމެން ފާހަގަނުކޮށް ދެން ވަކި އެ ޖިހާދު ފާހަގަކުރާނެ އެހެން ބަޔަކު ނުތިބޭނެ،" މޭޔަރު ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ޝަހީދު ހުސައިން އާދަމަށްޓަކައި ކުޅުދުއްފުށި ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް ފަހުރުވެރިވާނެ އެހެން ބަޔަކު ނުތިބޭނެ ކަަމަށެވެ. އެހެންކަމުން ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ބިނާއެއް ބިނާކުރުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ދުޝްމަނުން ސިފައިންގެ މައި މަރުކަޒަށް ވަނުމަށް ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔައީ ޝަހީދު ހުސައިންގެ މަތިވެރި ގައުމީ ޖިހާދުގެ ސަބަބުން ކަމަށެވެ. ހަމަލާ ދިން ވަގުތު ސިފައިންގެ މައި މަރުކަޒުގެ ގޭޓުގައި ފޯރިމަރަން ޝަހީދު ހުސައިން އާދަމް ހުންނެވި ނަމަވެސް ސިފައިންގެ މަރުކަޒަށް ވަދެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ޝަހީދު ހުސައިން އަށް ވެސް ލިބުނު ކަމަށެވެ. އެކަމަކު ޝަހީދު ހުސައިން އިހްތިޔާރު ކުރެއްވީ ދިވެހި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ދުޝްމަނުންނާ ކުރިމަތިލުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރާއިރު ދިވެހި ކޮންމެ ރައްޔިތަކުވެސް އަޒުމު ކަނޑައަޅަންވީ ޝަހީދު ހުސައިން އާދަމް ފަދަ ގައުމާއި ދީނަށް ވަފާތެރި ގައުމީ ބަތަލަކަށް ވުމަށް ކަމުގައިވެސް މޭޔަރު ވިދާޅުވި އެވެ. އަދި ޝަހީދު ހުސައިންގެ މިސާލުން އިބުރަތް ލިބިގަނެ ގައުމުގެ ދިފާއުގައި ކުރިއަށް ދިއުމަށްވެސް އިލްތިމާސް ކުރެއްވި އެވެ.