ބޮލީވުޑް

މީހުންގެ ފިރިން ދެކެ ލޯބިވީމަ ޖެހެނީ ރޯން: ނީނާ ގުޕްތާ

ފިލްމުތަކުގައި މަންމަ ބައި ކުޅޭ ނީތާ ގުޕްތާ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކޮށްފައިވާ ވީޑީއޯއެއްގައި ބުނެފައިވާ ގޮތުގައި މީހުންގެ ފިރިން ދެކެ ލޯބިވެގެން ލިބޭނީ ހުސް ހިތާމަ އެވެ. އަބަދުވެސް ޖެހޭނީ ރޯށެވެ.

ފޮތަކުން އޭނާ ކީ މޮޅު ޖުމްލައެއް ސް މި ވީޑިއޯގައި ނީނާ، 62، ޝެއާ ކުރި އެވެ. އޭގައި ބުނެ އެވެ:
"މީހެއްގެ ފިރިއަކާ ލޯބިވެވިއްޖެނަމަ ލޮލުގައި މަސްކާރާ ނޫގުޅާތި!"

މީހުންގެ ފިރިންނާ ލޯބީގެ ގޮތުން ގުޅުމުގެ ހުރި ޑިސްއެޑްވާންޓޭޖްތައް ވެސް ނީނާ ވަނީ ތަންކޮޅެއް ކުރިން ޝެއާ ކުރި ވީޑިއޯއެއްގައި ކިޔައިދީފަ އެވެ.

"ފިރިހެނުން އައިސް ބުނާނެ އެމީހުންގެ އަނބިންނާއި އެމީހުންނާ އޮންނަ ގުޅުން ރަނގަޅެއް ނޫނޭ. ނަމަވެސް ކައިވެނި ރޫޅާނުލާ އުޅެނީ ދަރިންނަށްޓަކައޭ. ރައްޓެހިވިޔަސް އެކުގައި ބޭރަށް ދާކަށް ނުކެރޭނޭ އާއިލާއަށް އެނގިދާނެތީ. ޗުއްޓީ ގައި ތަންތަނަށް އެކުގައި ދާކަށް ނުކެރޭނޭ. މިއީ ހަމަ ހުރިހާ ފިރިހެނުން ވެސް ދައްކާ ވާހަކަ،" ނީނާ ބުނެފައި ވެއެވެ.

ނީނާ ބުނި ގޮތުގައި ފިރިހެނުންގެ ބަހަށް ހެއްލޭ އަންހެނުން ވެސް ގިނަ އެވެ. ނަމަވެސް މީހުންގެ ފިރިންނާ ރައްޓެހި ވެގެން ވެސް ގިނަ އަންހެނުންނަށް މާ ގިނަ ދުވަހަކު އެކަން ސިއްރު ކޮށްގެންނެއް ނުތިބެވެ އެވެ.

"ވަކި ހިސާބަކުން އަންހެންމީހާ ވެސް ބޭނުންވާނެ ފިރިހެންމީހާ އަންހެނުން ވަރިކޮށްފައި އޭނާއާ ކައިވެނި ކުރަން. އެންމެ ކުރިން ފިރިހެންމީހާ ކިޔާނީ މުދަލާއި ބޭންކް އެކައުންޓްތައް ވެސް ހުރީ ޖޮއިންޓް ކޮށޭ. އެހެންވެ ވަރިކުރަން އުނދަގޫ ވާނޭ. އެހެންވެ ގިނަ އަންހެނުން މިފަދަ ބަހަނާތައް އަޑު އަހާ އަހާ ފޫހިވެ ހަދާނެ ގޮތް ހުސް ވާނެ. އަދި އެ ހިސާބުން ފިރިހެންމީހާ ބޯދަމައިގަނެގެން ފިލާ ރައްކާވާނެ،" ނީނާ ކިޔައިދިނެވެ.

"މީހުންގެ ފިރިން ދެކެ ލޯބި ނުވާތި!" މިއީ ހުރިހާ އަންހެންވެރިންނަށް ނީނާ ދޭ ނަސޭހަތެކެވެ.

ނީނާ ބުނި ގޮތުގައި އޭނާއަށް ވެސް މާޒީގައި މިފަދަ ކަންތައްތައް ކުރެވިފައި ވެއެވެ. އެކަންކަން ތަޖުރިބާ ކުރެވިފައި ވެއެވެ. އޭނާ ނަސޭހަތް ދެނީ އެ ތަޖުރިބާތަކާއި ހިތްދަތި އިހްސާސްތަކުގެ އަލީގަ އެވެ.

"ބަދާއީ ހޯ" ގައި ވަރަށް މޮޅު ރޯލެއް އަދާކުރި ބަތަލާ ނީނާ އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅުނީ ވެސް މީހެއްގެ ފިރިއަކާ އެވެ. އެއީ ވެސްޓް އިންޑީޒްގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ވިވް ރިޗާޑްސް އެވެ. މި ދެ މީހުންގެ ލޯބީގެ ވާހަކައަކީ 1980 އިގެ މެދު ތެރޭ އަހަރުތަކުގައި ބޮލީވުޑްގައި ވަރަށް މަޝްހޫރުވި ވާހަކަ އެކެވެ. ވިވް އާއި ނީނާއަށް ލިބުނު އަންހެން ދަރިފުޅު މަސާބާ ގުޕްތާއަކީ މިހާރު އިންޑިޔާގައި ވަރަށް މަޝްހޫރު ފެޝަން ޑިޒައިނަރެކެވެ.

ނީނާ ބުނި ގޮތުގައި ކައިވެންޏާ ނުލާ ދަރިއަކު އުފަން ކުރަން އޭނާ ނިންމި ނިންމުމަކީ އޭނާ އާއި ދަރިފުޅު މުޅި އުމުރުގައި ހިތާމަ ކުރާ ކަމަކަށް ވަނީ ވެފަ އެވެ.

"މަސާބާ އަށް އެކަމުން ވަރަށް ވޭނާއި ހިތާމަ ލިބިފައިވޭ. އަދި މުޅި އުމުރަށް އޭނާއަށް އެ ވޭނުން ސަލާމަތެއް ނުވެވޭނެ،" ނީނާ ބުންޏެވެ.