ލައިފްސްޓައިލް

ހެނދުނު ހޭލަން އުނދަގޫވޭތަ؟ މިއޮތީ ފަރުވާއެއް!

Dec 6, 2015
3

އަހަރުމެންގެ ތެރެއިން ގިނަ މީހުން ހެނދުނު އޮފީހަށް ދާން ހޭލަނީ ވަރަށް މަސައްކަތުންނެވެ. ފޯނުގެ އެލާމް ފަނަރަ މިނެޓުން ފަނަރަ މިނެޓުން ބަދަލުކުރަމުން އައިސް ހޭލެވޭއިރު އޮންނަނީ ގަޑިޖެހެން ވަގުތު ކުޑަތަންވެފަ އެވެ.

ތެޅެމުން ފޮޅެމުން ތައްޔާރުވެގެން އޮފީހަށް ގިނަމީހުންނަށް ދެވޭއިރު، ޖަޑިޖެހިގެން ގޮސްފައިވާއިރު، މުޅި ދުވަސް ފެށިގެންދަނީ ހާސްކަމުގެ ތެރެއިންނެވެ.

ނަމަވެސް އަހަރުމެންގެ ތެރެއިން ވަގުތު އޮއްވާ ކުރިން ހޭލައިގެން، ވަރަށް ތާޒާކަމާއެކު ހަމަޖެހިލައިގެން ދުވަސް ފަށާ މަދު މީހުންވެސް އުޅެ އެވެ.

މަސައްކަތުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވަރަށް ޕްރޮޑަކްޓިވް ދުވަހަކަށް ހެދުމަށް ދުވަސް ފަށަން ޖެހޭނީ ވަރަށް އުފަލާއި ހިތްހަމަޖެހިގެން ހުރެ އެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އެއް ނޫނެވެ.

އުފަލާއި ހިތްހަމަޖެހުމާއެކު ދުވަސް ފެށުމަށް ކޮންމެހެން މާބުރަ މަސައްކަތެއް ކުރާކަށް ނުޖެހެ އެވެ، ނަމަވެސް ސަމާލުކަން ދީގެން ކުރަން މުހިންމު ކަންތައްތަކެއް ހުރެ އެވެ.

ނިދި ހަމަކުރޭ!

ނިދި ހަމަނުވެ، ކަންނެއްކަމާއެކު ހެނދުނު ހޭލަން ޖެހުމުން ހިތަށް އަރަ އެވެ، މިރޭ އަވަހަށް ނިދާނަމެވެ، އޭރުން މާދަމާ ހެނދުނު ފަސޭހައިން ހޭލެވޭނެ އެވެ. ހެނދުނުގެ އަރާމު ނިދިކޮޅު ގުރުބާންކޮށްލާފައި ހޭލަން ޖެހުމުން މިހެން ކިތަންމެ ވަރަކަށް ހިތަށް އެރި ނަމަވެސް މިކަމަށް އަމަލުކުރެވޭ މީހުން ނުތިބެޔޭ ބުުންޏަސް ދޮގަކަށް ނުވާނެ އެވެ. ދުވަސް ހިތްހަމަޖެހިގެން އުފަލާއެކު ހޭދަކުރުމަށް ރޭގަނޑުގެ ނިދި ހަމަވާނެ ޖެހެ އެވެ. ކިތަންމެ ދަންކޮށް ނިދަން އެނދަން އެރިޔަސް ފޭސްބުކަށް ވަދެ ނުލާ ލޮލަށް ނިދި ސަވާރުނުވާ ކިތަންމެ މީހުން އުޅެ އެވެ. މިކަމުން ތިމާގެ ހިތަށް ހިތްހަމަޖެހުމަށް އެވަގުތު ލިބުނަސް، މިއީ މީހާގެ ނިދި މުޅިން ހަރާބުކޮށްދޭ ކަމެކެވެ. އެހެންކަމުން ނިދަން އެނދަށް އަރައި، ފޯނާއި ވީހާވެސް ދުރުވާށެވެ. މީގެއިތުރުންވެސް ރޭގަނޑު ރައްޓެހިންނާއިއެކު ނުވަތަ ބައިވެރިޔާއާއެކު ރެސްޓޯރެންޓަކަށް އަރާލާނަމަ އެއްގޮތަކަށް ވެސް ކެފެއިން ހުންނަ ބުއިންތަކާއި ގާތްނުވާށެވެ. ނިންޖަށް ހުރަސްއެޅޭ މިފަދަ ނުރަނގަޅު ކަންކަމުން ދުރުވާށެވެ. ތަފާތު އިހްސާސްކުރެވޭނެ އެވެ.

ދުވަސް އުފާވެރިކޮށް، ޕޮޒިޓިވްކޮށް ފެށުން

ކޮންމެ ދުވަހަކީ ވެސް މުޅިން އާ ދުވަހެކެވެ، މުޅިން އާ ކަންތައްތަކެއް ދަސްވެ އަ ތަޖްރިބާއެއް ކުރެވޭނެ ދުވަހެކެވެ، އެހެންކަމުން ކޮންމެ ދުވަހަކީވެސް އުފާވެރިކޮށް އަދި ހިތްހަމަޖެހިގެން ވޭތުކުރެވޭ ދުވަހަކަށް ހެދުމަށް ހެނދުނު ތެޅެމުން ފޮޅެމުން ހޭލައިގެން ނޫޅޭށެެވެ. ހެނދުނު ހޭލައިގެން އެއްވެސް ހާލެއްގައި މިއަދު މިއުޅެނީ މެރަތަން އެއްގައި ދުވަން ދާން ކަމަށް ނުދެކޭށެެވެ. ހަމަޖެހިގެން ކަންތައް ކުރިއަށް ގެންދަން ބޭނުންނަމަ ތިމާ ފުރަތަމަ ހަމަޖެހޭށެވެ. އެގޮތުން ލަވަ އަޑުއަހާލައި ނުވަތަ ކޮންމެވެސް ޝައުގުވެރިވާ އެއްޗެއް ކިޔާލެވިދާނެ އެވެ. ހާސްކަމުގެ ތެރެއިން ނިކުތުމަށް ތާޒާ ވައިކޮޅެއް ލިބޭ ތަނެއްގައި ހަމަޖެހިލައިގެން މަޑުކޮށްލެވިދާނެ އެވެ.

ދުވަސް ކުރިޔާލަ ރޭވުން

އަބަދުވެސް އެދުވަހެއްގައި ތިމާކުރާނެ ކަންތައް ރޭވުން މުހިންމެވެ. އެދުވަހެއްގައި ކުރާނެ ކަންތައް ކުރިޔާލާ ރާވާލުމުން ހަމަޖެހިލައިގެން ހުރިހާ ކަމެއް ކުރުމަށް ފުރުސަތު ލިބޭނެ އެވެ. އޭރުން ބޭކާރު ގޮތުގައި މީހާ ސްޓްރެސްވުމާއި ހާސްކަމުގެ ތެރެއަށް ވައްޓާލުމުން ސަލާމްތްކުރެވޭނެ އެވެ. ރޭގަނޑު ނިދަން އެނދަށް އަރައި ސްމާޓް ފޯނުގެ ތެރެއަށް ގެއްލުމުގެ ބަދަލުގައި މާދަމާ ކުރާނެ ކަންތައްތައް ސިކުނޑީގައި ރާވާލާށެވެ. އޭރުން ހެނދުނު ހޭލާއިރު އެދުވަހެއްގައި ކުރަން ޖެހޭ ކަންތައްތައް ރާވާލަން ފުރުސަތުލިބި، ހުރިހާކަމެއް އެދުވަހުން ދުވަހަށް ނިންމާލުމަށް ފަސޭހަވާނެ އެވެ.

ސާފުތާހިރުވޭ!

ލަހުން ހޭލެވިގެން މަތި ހަދާލައިގެން އޮފީހަށް ދަނީ ކިތައް މީހުން ހެއްޔެވެ؟ ހެނދުނު ހޭލައިގެން ފެންވެރުން ވަރަށް މުހިންމެވެ. މިއީ މީހާ ތާޒާކޮށް ހުރެެގެން ދުވަސް ފެށުމަށް ލިބޭ ބާރެކެވެ. މީގެއިތުރުން ވެސް ތިމާ ނިދާ ކޮޓަރިއާއި ނިދާ ތަންމައްޗަކީ ވެސް ވަރަށް ސާފުތާހިރުކޮށް އޮންނަޖެހޭ ތަނެކެވެ. ހެނދުނު ހޭލާއިރު، ކޮޓަރިތެރެ ސާފުކޮށް އޮތުމުން ހަމަޔގީނުންވެސް ހިތްހަމަޖެހޭނެ އެވެ.