މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ 11 އަތޮޅަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރިފި އެވެ.
މެޓް އޮފީހުން އެލާޓް ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 11:00 އިން ހަވީރު 4:00 އަކަށެވެ.
މެޓުން ބުނީ އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަގައި އިއްޔެ ވަނީ މ. އަތޮޅުގެ ތިން ރަށެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެ އެ ރަށުގެ ބައެއް ގެތަކުގެ ތަކެއްޗަށް ގެންލުން ލިބިފަ އެެވެ. މި ވިއްސާރައަކީ ރާއްޖޭގެ އިރު އުތުރުން ސްރީލަންކާ ކައިރީގައި ކޮޅިގަނޑެއްގެ އަސަރެވެ. މެޓުން ކުރިން ވެސް ބުނެފައިވާ ގޮތުގައި އެ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ އެވެ.
މޫސުން ގޯސްވެފައި ވާތީ ސިފައިންނާއި މޫސުމާއި ބެހޭ އިދާރާއިން ވަނީ ކަނޑުއުޅަދު ފަހަރު ދަތުރުކުރާއި ސަމާލުވުމަށް އެދިފަ އެވެ.