ރައީސް މުހައްމަދު ނަޝީދު

ނަޝީދަށް އޭޑީކޭގައި ފަރުވާ ދީފި

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އޭޑީކޭއިން ފަރުވާދީފި އެވެ.

މިއަދު ކަރެކްޝަނުން ނަޝީދު އޭޑީކޭ އަށް ގެނައި ނަމަވެސް، އެމަނިކުފާނު ގެނައީ ކޮން ކަމަކަށް ފަރުވާދޭން ޖެހިގެން ކަމެއް ސާފެއް ނުވެ އެވެ. އެމަނިކުފާނު އޭޑީކޭއަށް ގެނައި ކަމުގެ ހަބަރުފެތުރުމުން އެމަނިކުފާނަށް ސަޕޯޓް ކުރާ މީހުން އޭޑީކޭއަށް އެއްވި އެވެ. މީގެކުރިންވެސް އެތައް ފަހަރަކު ރައީސް ނަޝީދުވަނީ މާލެ ގެެނެސް އޭޑީކޭގައި ފަރުވާދީފަ އެވެ. އެމަނިކުފާނަށް މީގެ ކުރިން ފަރުވާދިނީ ބުރަކަށީގައި ރިއްސާތީ އެވެ.

އެކަމާ ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން އެމަނިކުފާނު މަހެއްހާ ދުވަހަށް ގެޔަށް ވެސް ބަދަލު ކުރި އެވެ. އަދި އޭގެ ފަހުން ވެސް އެމަނިކުފާނު ގޭގައި ބެހެއްޓުމަށް ލަފާދެއްވި ނަމަވެސް، އެކަން ކުރެވެން ނެތިގެން ޖަލުގައި ބަހައްޓައިގެން ފަރުވާދޭން ވަނީ ޖަލަށް ބަދަލުކޮށްފަ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށްލާފައިވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައެވެ.