ވަދު ދަމައިގެން މަސްވެރިކަން ކުރަން ބޭނުންވާ މީހުންނާއި ސްޕޯޓްސް ފިޝިންގެ ގޮތުގައި މަސްވެރިކަން ކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން މިއަދު އެޅި ކަނދުފަތި އަޑިއަށް ހިނގައްޖެ އެވެ.
ހއ މޮޅަދޫއާ ދިމާލުން ތިން މޭލު ބޭރުގައި މިއަދު މިކަނދުފަތި އެޅުމުގެ ރަސްމިއްޔާތު ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ދައްކާފައިވާއިރު މިރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި މޮޅަދޫގެ ބައެއް ކައުންސިލަރުން ވެސް ބައިވެރިވެފައިވެ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން މީގެކުރިން މުޅިން ވެސް އަޅާފައި ހުންނާނީ ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން އަޅާފައިވާ ކަނދުފަތިތަކެއް ކަމަށާއި އެހެންކަމުން މިއަދުގެ ހާދިސާ އަކީ ކަނދުފަތިއެޅުމުގައި އުޅޭ މިނިސްޓްރީގެ މުވައްޒަފުންނަށް ވެސް ކަމަކާ ވިސްނާލުމަށް ލިބުނު ރަނގަޅު ތަޖުރިބާއަކަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސްޕޯޓްސް ފިޝިންއަށް ކަނދުފަތި އެޅި ސަރަހައްދަށް ކަނދުފަތި ފެއްތީ ޗާޓަކުން ދެއްކި ފުންމިނަށް ބަލައި އެއަށްވުރެ ކުޑަތަންކޮޅެއް ދިގުކޮށް ވާ ވެސް ތައްޔާރުކޮށްގެން ކަމަށެވެ. މީގެކުރިން ދޮށީގެ މަސްވެރިކަމަށް ކަނދުފަތި އަޅަނީ އެންމެ ފުންވެގެން ދެ ކިލޯމީޓަރަށް ކަމަށާއި މިއަދު ފެއްތި ކަނދުފައްޗަކީ އެއަށް ވުރެ މާބޮޑަށް ވެސް ތިލަ ހިސާބަކަށް ފެއްތި ކަނދުފައްޗެއް ކަމުގައިވެސް ވިދާޅުވި އެވެ.
"މިއަދު ކަނދުފަތި އަޅަން ވާ ތައްޔާރުކުރިން ގާތްގަނޑަކަށް 270 މީޓަރަށް. އަޅުގަނޑުމެންނަށް ޗާޓުން ދެއްކީ އެ ސަރަހައްދުގެ ފުންމިނަކީ 180 މީޓަރު ކަމަށް. އެކަމަކު ކަނދުފަތި ފެއްތިތަނާ އޭގައިވާ ބަރާއެކު އަޑިއަށް ދިޔައީ. އަޅުގަނޑުމެން ފަހުން އެ ސަރަހައްދު ބަލާލިއިރު ގާތްގަނޑަކަށް 700 މީޓަރުގެ ފުންމިން އެބައުޅޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ހުސައިން ވިދާޅުވީ ޗާޓުން ދައްކާ ފުންމިން ގޯސްކަމަށް މިއަދު ޔަގީންކުރެވިފައިވާތީ ޗާޓަށް ބަލައިގެން ދެން ކަނދުފަތި ނާޅާނެ ކަމަށެވެ. އިތުރު ސާވޭއެއް ކުރުމަށްފަހު މާލަސްތަކެއް ނުވެ މޮޅަދޫ ބޭރުގައި ސްޕޯޓްސް ފިޝިން އަށް ކަނދުފައްޗެއް އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ކަނދުފަތި އެޅުމުގެ ކުރިން އެ ސަރަހައްދުގެ ފުންމިން ބެލުމަށް އެކަމަށް ހާއްސަކޮށްފައި ހުންނަ "އެކޯ ސައުންޑަރު" ފަދަ ވަސީލަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ބޭނުންކުރާނެ ކަމަށާއި އެފަދަ ވަސީލަތްތައް މިނިސްޓްރީގައި އެބަހުރި ކަމަށްވެސް ވިދާުޅުވި އެވެ.
"މިއަދު މިދިމާވި ކަންތައްތަކުގައި އަޅުގަނޑުމެން ލަދެއް ނުގަނޭ. މިއީ އަޅުގަނޑުމެން ވެސް އަލަށް ކުރި ކަމެއް. މިކަމުން މިލިބުނީ ހަމަ ރަނގަޅު ތަޖުރިބާއެއް. މިކަމެއް ސިއްރުކުރާކަށް ވެސް އަޅުގަނޑުމެން ނޫޅެން،" ޑރ. ހުސައިން ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން ހަދާ ކަނދުފައްޗަކަށް އާންމު ގޮތެއްގައި ހަރަދު ވަނީ ތިންލައްކަ ރުފިޔާ ކަމަށެވެ. މިއަދު ފައްތަށް މަަސައްކަތް ކުރި ކަނދުފަތީގެ އަގު ތިންލައްކަ އަށް ވުރެ މާބޮޑަށް ކުޑަ ވާނެ ކަމަށްވެސް ވިދާޅުވި އެވެ،
ރާއްޖޭގެ އެކި ސަރަހައްދުގައި ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން ޖުމްލަ 56 ކަނދުފައްޗެއް ފިޝަރީޒް މިނިސްޓްރީން ވަނީ އަޅާފަ އެވެ.