ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފަސް ދުވަހުގެ ދަތުރުފުޅަކަށް ފަހު ރައީސް ސޯލިހް މާލެ ވަޑައިގެންފި

Nov 4, 2021

ސްކޮޓްލެންޑުގެ ގްލަސްގޯގައި ކުރިޔަށްދިޔަ 2021ގެ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖައްވަށް ވިހަގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުން ޒިންމާއަދާކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަށް ވަކާލާތުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޕް26ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި އދގެ އިންސާނީ ހައްގުތަކާބެހޭ ކުރީގެ ހައިކޮމިޝަނާ ޕްރިންސް ޒެއިދު ރައަދު އަލް ހުސައިން ހަމަޖައްސަވާފައެވެ.

ކޮޕް26ގެ ވޯލްޑް ލީޑާސް ސަމިޓްގައި ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކާތެރި ހާލަތު ބަޔާންކުރައްވައި ރާއްޖެއިން ދައްކަމުންގެންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުއަހާނީ ކޮންކަމެއް ކޮށްދީގެންތޯ ސުވާލުކުރައްވާފައެވެ.

މި ސަމިޓުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި އިއްޒަތްތެރިންނާ ހިއްސާކުރައްވާފައެވެ. އަދި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަޖުރިބާ ހިއްސާކުރައްވަމުން ރާއްޖޭގެ ރަށަކަށްފަހު ރަށެއް ފެނުއަޑިއަށް ދިއުމުގެ ބިރު މިހާރު ހީވާން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުންހެން އާދަޔާ ހިލާފަށް ރަށްގިރުމުގެ މައްސަލަ ފާހަގަ ކުރެވޭ ކަމަށާ މިއީ ދިވެހިންނާ މިއަދު ކުރިމަތިލާންޖެހިފައިވާ އެއް ހަގީގަތް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ކުޑަ މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ލީޑަރުންނާއި މަތީ ފަންތީގެ އެކިއެކި މަންދޫބުންނާ ބައްދަލުކުރައްވާފައެވެ. އޭގެ އިތުރުން ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)- ކޮމަންވެލްތު ހައި-ލެވެލް ޕެނަލް ޑިސްކަޝަން އާއި އިންޓާނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ) ގެ އެނާޖީ ޓްރާންސިޝަން އެކްސެލެރޭޓަރު ފައިނޭންސިން ޕްލެޓްފޯމް (އީޓީއޭއެފް) އިފްތިތާހުކުރުމުގެ މަތީ ފަންތީގެ ރަސްމިއްޔާތާ އަދި ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮޕް26ގެ ހަވާސާގައި ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮޕް26ގެ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާފައި ވާއިރު މިއީ ފާއިތުވި 12 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ ވެރިޔަކު މި ސަމިޓުގައި ބައިވެރިވެވަޑައިގަންނެވި ފުރަތަމަ ފަހަރެވެ. ކޮޕް26 ގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންޑަނަށް ދަތުރުކުރައްވައި، ފަތުރުވެރިކަމާއި ދަތުރުފަތުގެ ސިނާއަތުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓް ކަމުގައިވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) 2021އަށް ޒިޔާރަތް ކުރައްވާފައެވެ.