ލައިފްސްޓައިލް

ދަރިންގެ ބޯ ވަށްކުރަން ޗައިނާ މީހުން ހެލްމެޓް ގަންނަނީ

ޗައިނާގައި މިހާރު އެންމެ ވައިގައި ހިފައިގެން އުޅޭ އެއް ޓްރެންޑަކީ ތުއްތު ކުދިންގެ ބޯ ވީހާވެސް ވައްކުރުމަށް ހެލްމެޓް ފަދަ ތަކެތި ބޮލުގައި އެޅުވުމެވެ. މިކަމަށް އެމީހުން ގިނަ އަދަދެއްގެ ފައިސާ މިހާރު ހަރަދުކުރެ އެވެ.

ޗައިނާގެ ނޫހަކުން ބުނެފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ވައިގައި ހިފައިގެން އުޅޭ މި ޓްރެންޑުގެ ސަބަބުން ކުޑަކުދިންނަށް ޚާއްސަ ހެލްމެޓް ގަންނަން ގިނަ އަދަދެއްގެ ބެލެނިވެރިން މިހާރު ފިހާރަތަކަށް ޒިޔާރަތް ކުރަމުން އެބަ ދެއެވެ.

މިގޮތަށް ބޮލުގައި އަޅަން ތައްޔާރުކޮށްފައިވާ ހެލްމެޓަކީ ދުއްވާ އެއްޗެތި ދުއްވާއިރު އަޅާ ކަހަލަ ހެލްމެޓެއް ނޫނެވެ. ބޯ ވަށްކުރަން ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ހެލްމެޓެކެވެ. މި ހެލްމެޓް ބޮޑަށް ވައްތަރުވާނީ ބޯލިން އަށް ބޭނުންކުރާ ބޯޅަ އަކާ އެވެ.

މި ހެލްމެޓް ކުއްޖާގެ ބޮލުގައި އަޅުވާފައި ދުވާލަކު އެތައް ގަޑިއިރެއް ވަންދެން ބަހައްޓަ އެވެ. ކުދިންގެ ބޮލުގެ ނާށިގަނޑު ހެދިބޮޑުވަމުން އަންނައިރު ރީތިކޮށް ވައްކޮށް ހުންނާނެ ކަމަށް ގަބޫލު ކުރެވިގެންނެވެ.

ޗައިނާގެ ބިއުޓީ ސްޓޭންޑަޑަށް ބަލާއިރު ބޯ ވަށްކޮށް ހުރުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެކެވެ. އެގޮތަށް ނެތްނަމަ އެއީ ވަރަށް ހުތުރު ސިފަ އެއް ކަމަށް އެ ގައުމުގެ ގިނަ ބަޔަކު ދެކެ އެވެ.

ސައުތު ޗައިނާ މޯނިންގް ޕޯސްޓުން ފާހަގަކޮށްފައިވާ ގޮތުގައި ކުޑަ ކުޑަ ކުދިންގެ މަންމައިން މިހާރު ބޭނުންވަނީ ވީހާ ވެސް އަވަހަށް މިފަދަ ހެލްމެޓް ގަނެގެން ކުއްޖާގެ އަޅުވާށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ބޮލުގައި މި ކަހަލަ ހެލްމެޓް އެޅުވުމަކީ ދަތްތަކުގައި ނަރުގަނޑު އެޅުވުމެކޭ ހަމަ އެއްގޮތް ކަމެއް. ނަރުގަނޑުވެސް މަސައްކަތްކުރާ ގޮތަށް ހެލްމެޓް ވެސް މަސައްކަތް ކުރަނީ. މި ދެ ކަމަކީ ވެސް ހަށިގަނޑުގެ ބައިތައް ރީތިކުރުމުގެ ގޮތުން ކުރާ ކަންކަން،" މި ނޫހުގައިވާ ޚަބަރަކަށް މައުލޫމާތު ދީފައިވާ އަންހެނަކު ބުނެފައިވެ އެވެ.

އެހެން އަންހެނަކު ބުނެފައިވަނީ އޭނާގެ ބޯ ހުންނަނީ ވަރަށް ފަތާކޮށް ކަމަށާއި ރީތިކަމާއި ޒީނަތްތެރިކަމަށް ލޯބިކުރާ މީހެއްގެ ހަސިއްޔަތުން މިކަން ވެފައިވަނީ ވަރަށް ހިތްދަތި އިހްސާސަކަށް ކަމަށް އެމީހާ ބުނެފައިވެ އެވެ.

"އަހަރެންނަށް ދިމާވި ގޮތް އަހަރެންގެ ދަރިފުޅަށް ދިމާވާކަށް ނޭދެން. އަދި ދަރިފުޅު މުޅި އުމުރަށް އެކަމާ ހިތާމަކުރާކަށް ނޭދެން،" ދަރިފުޅުގެ ބޮލުގައި ހެލްމެޓް އަޅުވާ މަންމަ އަކު ބުނެފައިވެ އެވެ.

ޗައިނާގެ ނިއުސް ސައިޓެއް ކަމަށްވާ ސޯހޫގައިވާ ޚަބަރެއްގައި ބުނެފައިވާ ގޮތުގައި ބޯ ވަށްކުރަން ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ މިފަދަ ހެލްމެޓްތައް އެ ގައުމުގައި ވިއްކަނީ ވަރަށް އަގުބޮޑު ކޮށެވެ. ބައެއް ހެލްމެޓްގެ އަގު 4،300 ޑޮލަރަށް އަރަ އެވެ. ނަމަވެސް ބައެއް އޮންލައިން ސައިޓްތަކުން 20 ޑޮލަރަށް ވެސް މި ކަހަލަ އެހެން ބްރޭންޑްތަކުގެ ހެލްމެޓް ވިއްކާ ކަމަށް ވެއެވެ.