ބޮލީވުޑް

ކެޓުރީނާ ވެސް މޫނުގެ ޕްލާސްޓިކް ސާޖަރީ ހެދީތަ؟

ކެޓުރީނާ ކައިފްގެ ވާހަކަ މިހާރަކަށް އައިސް ވަރަށް ގިނައިން ދެކެވެމުން ދެއެވެ.

އޭނާ ކައިވެނިކުރަން އުޅޭ ވާހަކަ އާއި އޭނާ އެންމެ ފަހުން ކުޅެފައިވާ "ސޫރިޔަވަންޝީ"ގެ ވާހަކަތަކެވެ. އަދި ކެޓުރީނާ ޕްލާސްޓިކް ސާޖަރީ އެއް ހަދައިފިޔޭ ކިޔައިގެން ވެސް ބަޔަކު ސޯޝަލް މީޑިއާގައި އޭނާއާ ދިމާކޮށްލައިގެން އެބަ އުޅެ އެވެ.

މިއީ ކޮސްމޯޕޮލިޓަން މެގަޒިންގެ ބޭރުގަނޑާއި އެތެރޭގެ ސަފުހާތަކުގައި ޖަހާފައިވާ ކެޓުރީނާގެ ފޮޓޯތަކެއްގައި އޭނާގެ މޫނު ފެންނަން ހުރި ގޮތުން ދައްކަން ފެށުނު ވާހަކަ އެކެވެ.

މި ފޮޓޯ ތަކުގައި ކެޓުރީނާ ފެންނަނީ ވަރަށް ރީތިކޮށް ނަމަވެސް ސޯޝަލް މީޑިއާގައި އޭނާއާ ދިމާކޮށްލައިގެން އުޅޭ މީހުން ބުނަނީ އޭނާގެ މޫނު ކުރިން ހުރި ގޮތާ ތަފާތު ކަމަށެވެ. އަދި މޫނަށް ކޮންމެވެސް ކަމެއް ކުރުމުން މޫނު ދުޅަވެފައި ހުރި ކަމަށެވެ.

"ބޯޓޮކްސް ކުއީން"ގެ ނަމުން ބައެއް މީހުން ކެޓުރީނާ އަށް ޓްރޯލް ކުރަމުންދާއިރު އަނެއް ބަޔަކު ބުނަނީ ޕްލާސްޓިކް ސާޖަރީ ހަދައިގެން މޫނު ހަލާކު ކޮށްލާފައިވާ ކަމަށެވެ.

ކެޓުރީނާ، 38، އަށް މިކުރަމުންދާ މަލާމާތްތަކަށް އޭނާ މިހާތަނަށް އެއްވެސް ރައްދެއް ނުދެ އެވެ.

ބައެއް މީހުން ބުނީ ކެޓުރީނާ މިގޮތަށް މޫނަށް ބަދަލު ގެނައުމުގެ ފަހަތުގައި ވަނީ ވިކީ ކޯޝަލް ކަމަށެވެ. މިއީ ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުންނާއި ވިކީއާ އެކު ހުންނައިރު ޒުވާންކަމަށް ދެއްކެން ވެގެން ކެޓުރީނާ ކުރި ކަމެއް ކަމަށެވެ. ކެޓުރީނާ އަށް ވުރެ ވިކީ ފަސް އަހަރު ހަގެވެ.