މިނިސްޓްރީ އޮފް ހެލްތު

ހެލްތު މިނިސްޓްރީގެ އިންޒާރެއް ފާމަސީތަކަށް

Nov 5, 2021
1

ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ބޭސް މެދު ނުކެނޑި ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެސެންޝިއަލް މެޑިސިން ފޯ ފާމަސީ ނުވަތަ ފާމަސީގައި ހުންނަން ޖެހޭ އަސާސީ ބޭސް ތަކަކީ ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތަކު ވެސް ފަސޭހަ ކަމާއި އެކު އަދި މެދުނުކެނޑި އަބަދުވެސް ލިބެން ހުންނަންޖެހޭ ބޭސްތަކެއް ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ވަގުތުތަކުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ އާންމުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށްވެސް އިއުލާންގައިވެ އެވެ.

"ވީމާ އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާމަސީތަކަށް އިލްތިމާސް ކުރަމެވެ." އިއުލާންގައި ބުނެފައިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާމަސީ ތަކުގައި ހީރަސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފާމަސީތަކަށް އަންގާ ކަމަށެވެ.

ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީއޯއެމް) އާއި، އޯވަ ދި ކައުންޓާ މެޑިސިން (އޯޓީސީ)، ފާމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމުގައިވެސް އިއުލާންގައިވެ އެވެ.

އަސާސީ ބޭސް، ފާމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން އެއް މަހު ފާމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯޓް ބާކީ ހުރިވަރު އެނގޭ ގޮތަށް އެމްއެފްޑީއޭ އަށް ލިޔުމުން ހުށަހެޅުމަށްވެސް އަންގާފައިވެ އެވެ.

"އަދި ދަންނަވަމެވެ. މި އިއުލާނާއި އެކުގައި ހިރާސް ކުރެވިފައިވާ ލިސްޓްގައިވާ ބޭސްތައް ފާމަސީތަކުގައި ބަހައްޓާފައި ނުވާނަމަ، ބޭހާއި ބެހޭ ގަވާއިދު ނަންބަރ: R-46/2014 އާއި ސިއްހީ ހިދުމަތް ދިނުމުގެ ފާނޫނު ނަންބަރު: 2015/29ގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި ވެސް ދެންނެވީމެވެ." ހެލްތު މިނިސްޓްރީގެ އިއުލާންގައިވެ އެވެ.