އައްޑޫ ސިޓީގައި ޑެންގޫ ހުމާއި ވައިރަލް ހުން ފެތުރޭ މިންވަރު ގިނަވެ، ބަލިން ރައްކާތެރިވާން ސަމާލުވުމަށް އެދިފި އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި ދުވަސްވަރު އައްޑޫގައި ޑެންގޫ އާއި ލޮލުރޯގާ އަދި ވައިރަލް ހުމަށް ޕޮޒިޓިވްވާ މީހުން ފެންނަމުންދާ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެކަމަށް ސަމާލުވެ، ރައްކާތެރިވުމަށް އެދޭ ކަމަށެވެ.
ޑެންގޫ ހުމުން ރައްކާތެރި ވުމަށްޓަކައި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމަށާއި މަދިރި އާލާވާ ފަދަ ތަކެތި ނައްތާލުމާއެކު ގެއާއި ގޯތި ތެރޭގައި މަދިރިން ރައްކާތެރި ވުމަށް ބޭނުންކުރާ ލޯޝަން ބޭނުން ކުރުމަށް ހޮސްޕިޓަލުން އެދިފައި ވެއެވެ.
އަދި ލޮލުރޯގާއިން ރައްކާތެރިވުމަށް ބޭރުގައި އުޅުމަށްފަހު ގެއަށް ވަންނައިރު ރަނގަޅަށް އަތް ދޮވުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ދިއުން މަދުކުރުމާއި ލޮލުރޯގާގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް އިއުލާނުގައި ބުނެފައި ވެއެވެ.
އިއުލާނުގައި ބުނެފައި ވަނީ ހުން އަހިސް، ކެއްސާ ކިނބިހި އަޅާނަމަ ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ކެއްސާ ކިނބިހި އަޅާނަމަ އަނގަޔާއި ނޭފަތް ޓިޝޫފަދަ އެއްޗަކުން ނިވާކުރުމަށެވެ.
މިހާރު ރާއްޖޭގައި ވައިރަލް ހުމާއި ރޯގާ އަދި އިންފުލުއެންޒާ ދަނީ ހަލުވި ކަމާއިއެކު ފެތުރެމުން ނެވެ. މިހާތަނަށް 1600 އަށްވުރެ ގިނަ މީހުން ވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެފަ އެވެ. އަދި ވައިރަލް ރޯގާގައި ހަ ކުދިންނަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުން ނެެވެ.