އާދަމް ޝަރީފު އުމަރު

ސިވިލް ސާވިސް ގަވައިދު އިސްލާހު ކުރަން ގޮވާލައިފި

ސިވިލް ސާވިސް ގަވައިދު 2014 އަލުން އިސްލާހު ކުރުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފި އެވެ.

އާދަމް ޝަރީފް މިހެން ގޮވާލާފައިވަނީ ސިވިލް ސާވިސްގެ ގަވައިދުގެ ޗެޕްޓަރު 28 ގެ 272 ވަނަ މާއްދާއަށް ބަދަލު ގެނެސް ވަޒީފާއިން ބޭރުގައި ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ބުނެ ގެޒެޓް ކުރުމާއި ގުޅިގެނެވެ.

ސަރުކާރުގެ މިސްރާބު ހުރީ ސިވިސް ސާވެންޓުންނަށް ބިރު ދައްކައި ސިވިލް ރައިޓްސް އިން މަހުރޫމް ކުރުމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. " ސިޔާސީ ކަންކަމުގައި ބައިވެރިވުމުން ވަޒީފާ ގެއްލޭގޮތައް ގަވައިދު ބަދަލު ކުރުމަކީ ޑިމޮކުރަސީ އާއި ބީރައްޓެހި ނާތަހުޒީބު އަމަލެއް. އަލުން އިސްލާހު ކުރަން ގިވާލަން" ކަމަށް ވިދާޅުވި އެވެ.

ސިވިލް ސާވިސް ގަވައިދު 2014ގެ ޗެޕްޓަރު 28 ގެ 272 ވަނަ މާއްދެ (ހ) ގައި ބުނެފައިވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ މުވައްޒަފުގެ މަގާމުގެ މަސްލޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވެސް ވަޒީފާ ގެއްލޭނެ ކަމަށެވެ.

މާއްދާގެ (ނ) ގައި ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަފާތުކުރުމެއް ގެންގުޅޭނަމަ ވެސް ވަޒީފާއިން ވަކިކުރާނެ ކަމަށެވެ. އެފަދަ އަމަލެއް ކޮށްފި މުވައްޒަފަކަށް އެއްވެސް އެންގުމަކާއި ނުލައި ވަގުތުން ވަޒިފާއިން ވަކި ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ގަވައިދު ގެޒެޓް ކުރާތާ 60 ދުވަސްވާ ދުވަހުން ފެށިގެން ކަމަށްވެސް ގަވައިދުގައިވެ އެވެ.