މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކެޓްރީ (ޕީއެސް) ން ވަކި ކުރުމުގެ ބާރު މިނިސްޓަރުންނަށް ދީފިނަމަ މާ ބޮޑަށް ސިޔާސީ ވެގެން ދާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިއްޔެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވައިފައި ވާއިރު ޕީއެސްއަށް އިތުބާރު ނެތް ކަމަށް މިނިސްޓަރަށް ފެނި ވަޑައިގެންފި ނަމަ ޕީއެސް ވަކިކުރުމުގެ ބާރު މިނިސްޓަރަށް ލިބިދީފައި ވެއެވެ.
މިހާރު އޮންނަ އުސޫލުގެ ދަށުން ޕީއެސް ވަކިކުރުމުގެ ބާރު އޮންނަނީ ސީއެސްސީއަށެވެ.
މި ސަރުކާރު އައި ފަހުން ސީއެސްސީން ބައެއް ޕީއެސްތަކުގެ މައްސަލަ ބަލައި މަގާމުން ވަކިކޮށްފައި ވެއެވެ.
މި ބިލާއެކު މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި އާދަމް ޝަރީފް ވިދާޅުވީ މިނިސްޓަރަށް ޕީއެސް ވަކި ކުރެވޭ ގޮތަށް ހުށަހަޅާފައި އޮތުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
"މިގޮތަށް މި ބަދަލު ގެނެސްފިނަމަ ޕާމަނަންޓް ސެކެޓްރީގެ ދައުރު ގެއްލި ސިވިލް ސާވިސް ކޮމިޝަނަކީ ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަންނަ ތަނަކަށް ވެގެން ދާނެ." މިނިސްޓަރު ވިދާޅުވި އެވެ.
ހާއްސަކޮށް ޕީއެސް އިންނަކީ މިނިސްޓަރުގެ އިތުބާރު ހޯދުމަށްވުރެ ގާނުނީ ގޮތުން ބިރަކާއި ނުލައި އެ ބޭފުޅުންނަށް ކުރިމަތިވާ ޒިންމާތައް އަދާކުރަން ޖެހޭ ބައެއް ކަމަށް ވެސް އާދަމް ޝަރީފް ފާހަގަ ކުރެއްވި އެވެ. އޭނާ އަދި ވިދާޅުވީ އާ ބިލުގައި އޮތް ގޮތަށް ފާސްވެއްޖެނަމަ ޕީއެސް ވެގެން ދާނީ މިނިސްޓަރުގެ ޕާސަނަލް ސެކެޓްރީއަށް ކަމަށެވެ. އަދި އެ ހާލަތުގައި ހަރުދަނާ ކަމާއެކު ސިވިިލް ސާވިސް ހިންގަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެން ދާނެ ކަމަށެވެ.