ދުނިޔެ

ސެލީ ރޫނީގެ ފޮތްތައް އިޒްރޭލުގައި ވިއްކުން ހުއްޓާލަނީ

އަޔަލޭންޑަށް އުފަން މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީގެ ވާހަކަ ފޮތްތައް ވިއްކުން އިޒްރޭލުގެ ބައެއް ފޮތްފިހާރަތަކުން ހުއްޓާލައިފި އެވެ. އެއީ އޭނާ އެންމެ ފަހުން ޝާއިއުކުރި ވާހަކަ ފޮތް "ބިއުޓިފުލް ވޯލްޑް، ވެއާ އާ ޔޫ" ހިބްރޫ ބަހަށް ތަރުޖަމާ ކުރަން ހުއްދަ ނުދޭނެ ކަމަށް އޭނާ ބުނުމުންނެވެ. ހިބްރޫ އަކީ އިޒްރޭލުގައި ވާހަކަ ދައްކާ ބަހުރުވަ އެވެ.

ސެލީ ރޫނީ ބުނީ އޭނާގެ ސިޔާސީ ފިކުރަށް އިހްތިރާމްކޮށް ތާއީދުކުރާ ކުންފުންޏަކުން ހިބްރޫއަށް ތަރުޖަމާ ކުރަން ހުށަހަޅައިފި ނަމަ މަރުހަބާ ކިޔާނެ ކަމަށެވެ.

ފަލަސްތީނު މީހުންނާ މެދު އިޒްރޭލުން ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން އިޒްރޭލް ބޮއިކޮޓް ކުރަން ގޮވާލާ ގޮވާލުންތަކަށް އޭނާ ތާއީދު ކުރާކަން ވަނީ ހާމަކޮށްފަ އެވެ.

ސެލީ ރޫނީ އެންމެ ފަހުން ޝާއިއުކުރި ފޮތް ހިބްރޫއަށް ތަރުޖަމާ ކުރަން ހުއްދަ ނުދިނީ ވެސް ތަރުޖަމާ ކުރަން ހުށަހެޅި ކުންފުންޏަކީ ފަލަސްތީން މީހުންނަށް ވަރަށް އިހާނެތިކޮށް ހިތާ ކުންފުންނަކަށް ވާތީ ކަމަށް އޭނާ ބުންޏެވެ.

ސެލީ ރޫނީގެ މި ނިންމުމަށް ސޯޝަލް މީޑިއާގައި ލޯތްބާއި ތައުރީފް ވަނީ އޮހިފަ އެވެ. އަނެއްކޮޅުން އޭނާގެ މި ނިންމުން ދުވަސްތަކެއް ފަހު އެނބުރި ގޮސް އޭނާ ޝިކާރަ ކުރާނެ ކަމަށް މަޝްރަހު ދަންނަ މީހުން ވަނީ ބުނެފަ އެވެ.

އިޒްރޭލުގައި މަޝްހޫރު "ސްޓެއިމަޓްޒްކީ" އާއި "ޓްޒޯމެޓް ސެފަރީމް" އިން ބުނި ގޮތުން ރޫނީގެ ފޮތްތައް އެމީހުންގެ ފޮތްފިހާރަ ތަކުގައި އަދި އޮންލައިންކޮށް ވެސް ނުވިއްކާނެ އެވެ. އިޒްރޭލްގެ އެކި ހިސާބުތަކުގައި މި ކުންފުނިތަކުގެ 200 އަށް ވުރެ ގިނަ ގޮފިތައް ހިންގާ ކަމަށް ވެއެވެ.

މިއީ ރޫނީގެ "ބިއުޓިފުލް ވޯލްޑް، ވެއާ އާ ޔޫ" ހިބްރޫ ބަހަށް ތަރުޖަމާ ކުރުމުގެ ހައްގު ހޯދަން އިޒްރޭލުގެ "މޯޑަން" އިން ހުށަހެޅި ހުށަހެޅުމަށް ރޫނީ ދެކޮޅު ހެދި ފަހުން އެގައުމުން އެޅި މިފަދަ ފުރަތަމަ ފިޔަވަަޅެވެ.

ރޫނީ ބުނީ އޭނާ ކުރިން ނެރުނު ދެފޮތް ހިބްރޫ ބަހަށް ތަރުޖަމާ ކޮށްފައި ވާތީ ފަޚުރުވެރިވާ ކަމަށާއި ނަމަވެސް މިވަގުތަށް އޮތް އިޚްތިޔާރަކީ އަލަށް ނެރޭ ފޮތްތައް އިޒްރޭލުގެ ކޮންމެ ކޮންމެ ކުންފުންޏަކަށް ދޫކޮށްނުލުން ކަމަށެވެ.

ސެލީ ރޫނީ ލިޔުނު "ނޯމަލް ޕީޕަލް" އަށް 2018 ގައި "ބުކް ޕްރައިޒް" ވަނީ ލިބިފަ އެވެ. މިފޮތް 46 ބަހަކަށް ވަނީ ތަރުޖަމާކޮށްފަ އެވެ. އޭގެ ތެރޭގައި ހިބްރޫ ވެސް ހިމެނެ އެވެ.

އެހެން ނަމަވެސް އޭނާ އެންމެ ފަހުން ޝާއިއުކުރި ފޮތް ހިބްރޫ ބަހަށް ތަރުޖަމާ ނުކުރަން ނިންމި އަނެއް ސަބަބަކީ "ބޮއިކޮޓް ޑިވެސްޓްމެންޓް، ސޭންކްޝަން" ހަރަކާތަށް އޭނާ ސަޕޯޓްކުރާތީ ކަމަށް ވަނީ ބުނެފަ އެވެ.

"ބޮއިކޮޓް ޑިވެސްޓްމެންޓް، ސޭންކްޝަން" ހަރަކާތަކީ ފަލަސްތީނަށް ތާއީދު އޮންނަ ގުރޫޕަކުން، އިޒްރޭލް ބޮއިކޮޓްކުރަން ގޮވާލައި މުޅި ދުނިޔޭގއި ހިންގާ ހަރަކާތެކެވެ.