(1 ނޮވެމްބަރ 2021އާ ގުޅޭ)
ވަގުތުކޮޅަކު މެސެޖަށް ބަލަން އިނުމަށްފަހުގައި ޝީލާ އެނދުން ތެދުވިއެވެ. އަދި ފޯނު އަތަށް ލައިގެން ކޮޓަރީގެ ދެކޮޅަށް ހިނގަން ފެށިއެވެ. އަބަދުވެސް ޝީލާއަށް އިސްކުރެވެނީ އޭނާގެ އަމިއްލަ މަސްލަހަތުކަން ވަރަށް ރަނގަޅަށް ޝީލާއަށް ވިސްނެމުން ދިޔައެވެ. އެއްވެސް ޙާލެއްގައި އެހެން މީހަކަށް ކޮށްފާނެ އަސަރަކާ، ހިތްދަތި ކަމެއް ހިތަށް ގެންނަން ވެސް ޝީލާ ބޭނުން ނުވާކަށް ޝީލާއަށް އިޙްސާސް ވެގެން ދިޔައެވެ. ނަމަވެސް އެއީ ޝީލާ މިހާރު އިތުރަށް ބޭނުންވާ ގޮތެއް ނޫނެވެ. ލޯބިވާ މީހަކަށްޓަކައި އެފަދަ ދެރައެއް ދީގެން އުޅުން އެއީ ޝީލާ ދެން ނުކުރާނެ ކަމެކެވެ. ދެ ކައިވެނި ވެސް ނިމުމަކަށް އައުމުން ޝީލާ ބަދަލުވާން ވެއްޖެއޭ އޭނާގެ ހިތާއި ޟަމީރު އޭނާއަށް ވިސްނައިދެއެވެ. ކުއްލިއަކަށް ހުރެފައި ޝީލާ ބަލައިލީ އޭނާގެ އަތުގެ ތެރޭގައި އޮތް ފޯނަށެވެ. އަދި ލަސްނުކޮށް ޝީލާ އޭނާގެ ލޯބިވެރިޔާ ފިރުޝާނަށް ގުޅައިލިއެވެ. އެ ލޯތްބަށް ކުޑަ ދުވަސްކޮޅެއް ވިޔަސް، ޝީލާ ހުރީ އެލޯތްބަށްޓަކައި ނިކަން ވަރުވެފައެވެ.
"ހަލޯ! ފިރުޝާން. އަޑު އަހާ ބަލަ! އަހަރެންނަށް އެނގެއޭ ފިރުޝާން ވެސް ދެރަވާނެކަން. އެކަމު، އަހަރެން ކީކޭތަ މަންމަމެން ގާތުގަ ބުނާނީ؟" ޝީލާ ވާހަކަދައްކަމުން ދިޔައީ ވަރަށް ސިއްރުންނެވެ. ކޮޓަރިން ބޭރަށް އޭނާގެ އަޑު ގޮސްދާނެ ކަމަށް ވިސްނައިގެން ހުރެގެންނެވެ.
"ބުނެބަލަ ޝީލާ މެރީ ކުރަން ބޭނުމޭ. ބުނޭ ޝީލާ އިންނަން މިއުޅެނީ އަހަންނާއޭ. އެ ނިމުނީއެއްނު؟" ފިރުޝާން ވާހަކަދައްކަމުން ދިޔައީ ނުރުހުންވުމާ އެކުގައެވެ. ޝީލާއޭ އެއްފަދައިން ފިރުޝާނަށް ވެސް އެ ލޯބީގައި ވަނީ ނިކަން ފޯރި އަރާފައެވެ. އެ ފޯރީގައި ފިރުޝާން ހުރީ ޝީލާ އަންބަކަށް ހަދަން ދޭތިން އެކައްޗަށް ހިފައިގެންނެވެ. އަނެއްކޮޅުން ޝީލާ ވަރަށް ލޯބިވާ އިރުވެސް، މައިންބަފައިން ދެކެ ގަންނަ ބިރަކުން ޝީލާ ހުރީ އެ ލޯބި ޢާއިލާއަށް ތައާރަފު ކޮށްދޭން ޖެހިލުންވެ ބިރުގެންފައެވެ.
"ތިހެން ބުނަން ފިރުޝާން އަށް ފަސޭހަ ވެދާނެ! އަހަރެން ވެސް ބޭނުމެއް ނޫނޭ މިހެން އަބަދަކު ސިންގަލް ކޮށް ހުންނާކަށް. އެކަމު، އަހަރެންގެ މައިންބަފައިން ޤަބޫލެއް ނުވާނެ އަހަރެން މާލޭ، ގެދޮރު ހުރި މުއްސައްޖަކާ ނޫނީ އިންނާކަށް.." ޝީލާ އެހެން ބުނުމާ އެކުގައި ފިރުޝާން ޖަވާބަކަށް ބުނެލީ ހަމައެކަނި "އޯކޭ" މިހެންނެވެ. ހިތްހަމަ ނުޖެހިގެން ޝީލާގެ ކަންފަތް މައްޗަށް ފިރުޝާން ފޯނު ކަނޑައިލިއެވެ. ހާސްވެގެން ޝީލާ އެތައް ފަހަރަކު ފިރުޝާނަށް ގުޅިއެވެ. ނަމަވެސް ފިރުޝާންގެ ފަރާތުން އެއްވެސް ޖަވާބެއް ޝީލާއަކަށް ލިބޭ ގޮތެއް ނުވިއެވެ. ފަހުން ފިރުޝާން ފޯނު ވެސް ނިއްވައިލީއެވެ.
މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު އަރައިފިއެވެ. ހެނދުނު ހެނދުނާ ޒަކްވާނަށް ނިދަން ނޯއްވެވިގެން އޭނާ ގޮސް ވަނީ ލިވިޔާ އޮތް ކޮޓަރިއަށެވެ. ލިޔާނާ ލޯބި ކޮށްލައި، ލިޔާން ހޭލައި އޮތްތޯ ބަލައިލުމުގެ ބޭނުމުގައެވެ. ނަމަވެސް ޒަކްވާންގެ ދެލޯ އެންމެ ފުރަތަމަ ގޮސް ހުއްޓުނީ އެނދުގައި ނިދާފައި އޮތް ލިވިޔާގެ މޭގެ މަތީގައި އޮތް ފޮޓޯގަނޑަށެވެ. މަޑުމަޑުން ކުރިއަށް ފިޔަވަޅު ނަގަމުން ޒަކްވާން ގޮސް ހުއްޓުނީ ލިވިޔާގެ ދާދި ގާތުގައެވެ. އަދި ވަރަށް ލަސްލަހުން އެ ފޮޓޯގަނޑު ނަގައި ބަލައިލިއެވެ. ޝަހުރުގެ ތަސްވީރެކެވެ. ކޮންމެ ރެއެއްގައި ޒަކްވާން ނިދަނީ ލިވިޔާގެ ތަސްވީރަށް ބަލަން އޮވެގެންނެވެ. ނަމަވެސް ޒަކްވާންގެ ލޯބީގައި ތަޤުދީރުގައި ވަނީ މުޅިން އެހެން ވާހަކައެކެވެ.
"ދޮންބޭ! ކީއްވެތަ؟ އެހާ ރަނގަޅު ކުއްޖެއް ލިބުނީމަ ވެސް.. އަހަރެން ވެސް ދޮންބެއަށްޓަކައި.." ޒަކްވާނަށް ހިތާހިތާ ޝަކުވާ ކުރެވެމުން ދިޔައެވެ. ގާތުގައި މީހަކު ހުރި ކަމުގެ އިޙްސާސް ވުމުން ލިވިޔާ އޭނާގެ ދެލޯ ހުޅުވައިލިއެވެ. ހަމައެއާ އެކުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިވިޔާ ދެލޯ މަރައިލިއެވެ. ލިވިޔާގެ ކުރިމަތީގައި ހުރި ޒަކްވާން ދެލޯ މަރައިގެން އެ ފޮޓޯގަނޑު އަތަށް ލައިގެން ހުރީއެވެ. އޭރު މެރިފައިވާ ދެލޮލުން ކަރުނަ ފައިބަމުންދާ ތަން ލިވިޔާއަށް ފެނުނެވެ. އެކަން ލިވިޔާއަށް އެނގޭ ކަމަކަށް ހަދަން އޭނާ ބޭނުން ނުވުމުން، ލިވިޔާ ނިންމީ ނިދާ ކަމު ހަދާފައި އޮންނާށެވެ. ޒަކްވާން ވެސް އެގޮތުގައި މާގިނަ އަރަކު ނުހުރެއެވެ. ލިވިޔާ އޮތް އެނދުމަތީގައި ފޮޓޯގަނޑު ބާއްވާފައި ޒަކްވާން ކޮޓަރިން ނުކުތީ ރޮމުންނެވެ.
ޒަކްވާން ކޮޓަރިން ނުކުތުމާ އެކުގައި، ލިވިޔާ ދެލޯ ހުޅުވައި ބަލައިލީ ލިޔާނަށެވެ. ޒަކްވާންގެ ފަރާތުން ފެންނަމުންދާ އޯގާވެރިކަމާއި ލޯބީގެ ފަހަތުގައި ވަނީ ހަމައެކަނި ރަޙުމަތްތެރިކަން ނޫންކަން ލިވިޔާ ޤަބޫލު ކުރެއެވެ. ނޫނީ ދޮންބެގެ ދަރިއަކަށް ވުމުން ހަމައެކަނި އޮންނަ ގާތްކަން ކަމުގައި ހީކޮށްލައިގެން ލިވިޔާ ނުހުރެއެވެ. ޒަކްވާންގެ ހިތުގައި އަބަދުވެސް ލިވިޔާއަށް ލޯބި އޮންނަކަން މިއަދު މިފެނުނު މަންޒަރުން ވެސް ލިވިޔާއަށް ޔަޤީން ކުރެވުނެވެ. ވަގުތުކޮޅަކު ޒަކްވާންގެ ފަރާތުން ފެންނަމުންދާ ކަންތައްތަކާ މެދުގައި ވިސްނާ ލުމަށްފަހު، ލިވިޔާ އެނދުން ތެދުވިއެވެ.
ރޭގަނޑުގެ އަނދިރިކަން މުޅި ތަނަށް ވެރިކޮށްލައިފިއެވެ. ކޮޓަރީގައި ބޯގޮވާފައި ޝީލާ އިނީ ހަދާނެ ނުހަދާނެ ގޮތެއް ނޭގިފައެވެ. އެތައް އިރަކު ވިސްނުމަށްފަހު، ޝީލާ އަނެއްކާ ވެސް ނެގީ ފޯނެވެ. އަދި މެސެޖު ބަޔަށް ވަދެ ޓައިޕް ކުރަން ފެށިއެވެ.
"ފިރުޝާން. ޕްލީޒް ކޯލް މީ! ފިރުޝާން ބުނި ކޮންމެ ކަމެއް ވެސް ކުރާނަން. މަންމަ ގާތުގަ ވެސް ބުނަން އައިމް ރެޑީ ހަމަ. އަހަރެންނަށް ހިތްވަރު ދީ!" ޝީލާ އެހެން ލިޔެލުމަށްފަހު މެސެޖު ފޮނުވައިލިއެވެ.
***
"ކޮބާ ދޮންތަ؟ އަބަދު ކޮޓަރީގަ ދޯ މިހާރު އޮންނަނީ؟" ސިޓިންގރޫމަގައި އިނދެ ޝަހުރު އެހެން އަހައިލީ ގޭތެރެއިން ޝީލާ ނުފެންނާތީއެވެ. ޖަވާބުގައި ހުސްނާ ވެސް އާނއެކޭ ބުނެލީ އެކަން ރޭކައިލުމުންނެވެ.
"އެބަ އަންނަން ޚަބަރެއް ބަލާފަ.." ހުސްނާ ސޯފާއިން ތެދުވެގެން ހިނގައިގަތީ ޝީލާގެ ކޮޓަރިއާ ދިމާލަށެވެ. ޔޫހާ ފަރުވާއަށްފަހު މާލެއައި ފަހުން ގޭތެރެއިން ފެންނަނީ އުޖާލާ ކަމެވެ. ވަރަށް ގިނައިން ޔޫހާގެ އާއިލާ ވެސް އެގެއަށް އައިސް ހަދައެވެ. ހުސްނާ ގޮސް ޝީލާގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފައިލި ވަގުތަކީ ޝީލާގެ ފޯނަށް ފިރުޝާން ގުޅި ވަގުތެވެ. ކޮޓަރި ތަޅުލާފައި ވުމުން، އެތެރެއަށް ވަދެވޭ ގޮތެއް ހުސްނާއަކަށް ނުވިއެވެ.
"މަންމާ! ފެންވަރައިގެން މިހުޅުވަނީ ދޮރު.." އަޑު ބާރުކޮށް އެހެން ބުނެ، ޝީލާ ފޯނު ހިފައިގެން ވަނީ ފާޚާނާއަށެވެ. އަދި ފޯނަށް ޖަވާބު ދިނެވެ.
"ފިރުޝާން ކީއްވެތަ ތިހެން ތިހެދީ؟ ނޭނގޭތަ އަހަރެން ދެރަ ވާނެ ވަރު؟ ތިހެން ހަމަ ޚަބަރެއް ނުވެ ހުރީމަ އަހަރެންނަށް ކުރާނެ އަސަރު ނޭނގެ ދޯ؟ އަހަރެން ހީކުރީ.." ޝަކުވާ ކުރަމުން ޝީލާ ރޯން ފެށިއެވެ.
"ބަލަ ޝީލާ! ޝީލާ ހީކުރީ އަހަރެން މިހުރީ ވަރަށް އުފަލުން ކަމަށްތަ؟ އަހަރެން ވެސް ހާދަ ދެރަވެއޭ. އަހަރެންނަށް އެއްވެސް ހާލެއްގައި ފަސޭހައެއް ނޫނޭ، ޝީލާއާ ވަކިން އެންމެ ސިކުންތެއް ވެސް ވޭތު ކުރަން." ފިރުޝާން ވެސް އޭނާގެ ހިތުގެ އުދާސްތައް ބަންޑުން ކުރިއެވެ. އެއާ އެކު އެދެމީހުން ވެސް އެކަކު އަނެކަކު ދެކެވާ ލޯބި ބަޔާން ކުރަމުން ގެންދިޔައެވެ. އެމީހުންގެ ކޯލް ނިމިގެން ދިޔައީ ޝީލާ އޭނާގެ މަންމަގެ ގާތުގައި މާދަމާ ވާހަކަދައްކާ ގޮތަށެވެ.
***
"ވަރަށް ގުޅައިފިން.. ޒަކްވާން ނުނަގާ ފޯނެއް.." ޖޭސްމީން ބަލައިލީ ލިވިޔާގެ މޫނަށެވެ. ޖޭސްމީންގެ މޫނުމަތިން ފެންނަނީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައިވާ ތަނެވެ. ލިވިޔާ ވެސް އިނީ އެފަދަ ޙާލެއްގައެވެ. ލިވިޔާގެ ކޯލްއަކަށް ވެސް ޒަކްވާން ޖަވާބެއް ނުދެއެވެ. ކޮންމެވެސް ވަރަކަށް މިވެގެން އުޅޭ ގޮތް ލިވިޔާއަށް ފަހުމް ވިޔަސް، ޖޭސްމީން ހުރީ ވާނުވާ ނޭނގިފައެވެ.
"އަނެއްކާ.. ޒަކްވާން.. ޕްލީޒް ފޯނު ނަގާބަ!" ހިތުން އެހެން ކިޔަމުން ލިވިޔާ ގެންދިޔައީ ހުއްޓައިނުލައި ޒަކްވާނަށް ގުޅަމުންނެވެ. ލިވިޔާ އާއި ޖޭސްމީން ޒަކްވާންގެ ޚަބަރެއް ނުލިބިގެން މާޔޫސްކަންމަތީގައި ތިއްބާ ކުއްލިއަކަށް އެގެއަށް އައިސް ވަނީ ޒަކްވާނެވެ. އެއާއެކު، ލިވިޔާ އާއި ޖޭސްމީނަށް ހައިރާންވެ ހުރެ ކޮޅަށް ތެދުވެވުނެވެ. ޒަކްވާންގެ ދެލޯ ވަނީ ރަތްވެފައެވެ. ވަރަށް ބޮޑު ހިތާމައެއް ޒަކްވާން ކޮށްފައިވާކަން އެމޫނުމަތިން ފެންނަމުން ދިޔައެވެ.
"އަހަރެން މިއައީ މިގޭގަ އިން އަހަރެންގެ ދަބަސް ބަލާ..." ޒަކްވާން ވާހަކަ ދެއްކީ އިސްދަށަށް ޖަހައިގެން ހުރެގެންނެވެ. ލިވިޔާ ކުރިއަށް ފިޔަވަޅެއް ނެގިއެވެ.
"އެއީ ކިހިނެއްވީ؟ މިގެއަށް ދެން ނާންނަނީތަ؟" ލިވިޔާ ބަލައިލީ ޒަކްވާންގެ މޫނަށެވެ.
"ހޫނ! ދުވަސްކޮޅަކަށް، ބޭރަށް ދާން މިދަނީ." ޒަކްވާން އެހެން ބުނުމާ އެކުގައި ޖޭސްމީންގެ އަނގަ ހުޅުވުނެވެ. ޒަކްވާން އިސްއުފުލައި ބަލައިލީ ޖޭސްމީނަށެވެ.
"އައިމް ސޮރީ ޖޭސްމީން. އަހަރެންނަށް ޖޭސްމީން ދެކެ އުޅެއުޅެ ވެސް ލޯތްބެއް ނުވެވުނު.. މިކަން މިހެން ކުރިއަކަށް ނުދާނެތީ އަހަރެން ބޭނުން ވަނީ މިކަން ނިންމާލަން. އައިމް ރިއަލީ ސޮރީ.." ޒަކްވާން އެހެން ބުނެލުމަށްފަހު ހިންދިރުވައިލިއެވެ. އަދި ބަލައިލީ ލިވިޔާއަށެވެ. އޭރު ލިވިޔާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ލިވިޔާ ވަރަށް އަވަސްކޮށް ޖޭސްމީނަށް ކަޅިއެއް ހިންގައިލިއެވެ. އެވަގުތު ވެސް ޖޭސްމީންގެ ހުޅުވިފައިވާ އަނގަ ނުލެއްޕެއެެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް އަންނަ އިރު، އޭނާ ވަނީ ހުއްޓުން އަރާފައެވެ.
"ވަޓް؟" ވަގުތުކޮޅެއް ފަހުން، ޖޭސްމީންގެ އަނގައިން ވައި އަޑަކުން ނުކުތީ އެވަރަށެވެ. އަނގަމަތީގައި އަތް އަޅައިގެން ޖޭސްމީން ރޮމުން ދުވެފައި ގެއިން ނުކުތެވެ. ޒަކްވާން ގޮވަގޮވަ އޮތްވައެވެ.
"ޒަކްވާން. ވައި؟؟" ލިވިޔާ ބަލައިލީ ޒަކްވާންގެ މޫނަށެވެ. ޒަކްވާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ޒަކްވާން ހިނގައިގަތީ ކޮޓަރިއަށް ވަންނާށެވެ. ފަހަތުން ލިވިޔާ ވެސް ދިޔައެވެ.
ކޮޓަރީގައި އޮތް ޒަކްވާންގެ ދެ ޓީޝާޓު ދަބަހަށް ކޮށްޕައިލުމަށްފަހުގައި ޒަކްވާންގެ ކޮނޑުގައި އޭނާ ދަބަސް އަޅުވައިލިއެވެ. އެވަގުތު ދަބަސްގެ ތެރެއިން ވެއްޓިގެން ދިޔައީ، ޒަކްވާން ނިދަމުން އޭނާ ބާލިސް ދަށަށްލާ ލިވިޔާގެ ފޮޓޯގަނޑެވެ. ފޮޓޯގަނޑު ގޮސް ވެއްޓުނީ ސީދާ ލިވިޔާއާ ޒަކްވާންގެ ކުރިމައްޗަށެވެ. ފެންނަން އޮތީ ވެސް ފޮޓޯގަނޑުގެ ލިވިޔާގެ ތަސްވީރު ކުރެހިފައިވާ ފަޅިއެވެ. މަޑުމަޑުން ގުދުވެލާފައި ލިވިޔާ ފޮޓޯގަނޑު އޭނާގެ އަތަށް ނެގިއެވެ. އަދި ފޮޓޯގަނޑު ދިއްކޮށްލީ ޒަކްވާންގެ އަތަށެވެ. ލަދާއި، ހުރިހާ އިޙްސާސެއް އެކުގައި ޒަކްވާނަށް ކުރުވި ކަމުގައި ވިޔަސް، އޭނާއަށް ވެފައިވަ ދެރަ އެ ހުރިހާ އިޙްސާސްތަކެއްގެ މައްޗަށް ގަދަވެގަތެވެ.
"ދަނީ.. ލިޔާނަށް ސަލާމް ބުނައްޗޭ!" ޒަކްވާންގެ އަތުގެ ނުފުށުން އޭނާގެ ލޮލުން ވެއްޓެން ތައްޔާރުވި ކަރުނަ ތިކި ފޮހެލުމަށްފަހު، ކުރިއަށް ހިނގައިގަތެވެ.
"ހަމަ ދަނީތަ؟" ލިވިޔާގެ އަޑު ހީވީ ކުދިކުދި ވިހެންނެވެ. (ނުނިމޭ)