ވާހަކަ

ވީމޭ ކަލާޔާނުލާ

(15 ނޮވެމްބަރު 2021އާ ގުޅޭ)

ކޮޅަށް ހުރި ޝަހުރުގެ ދެފައިން ހީވީ ދެންމެ ދެންމެ ވާގި ގޮސް ދާނެހެންނެވެ. ކޮޓަރީގެ ތަށިމުށިގަނޑު މައްޗަށް ވެއްޓިފައި އޮތީ ޔޫހާގެ މެޑިކަލް ރިޕޯޓު ތަކެވެ. އަދި އެ ރިޕޯޓުތައް ވަށައިގެން ވަނީ ހުސް ބޭސް ކާޑު ތަކެވެ. އެއީ ޔޫހާއަށް ޑޮކްޓަރު ދިން ބޭސްތައްކަން ޝަހުރަށް ޔަޤީން ވިއެވެ. ޝަހުރުގެ މުޅި ގައި ދިޔައީ ރޫރޫ އަޅަމުންނެވެ. ބިރުން ތެޅި ފޮޅެމުން ދިޔަ ހިތަކާ އެކުގައި ޝަހުރަށް ކުރިއަށް ގޮސް އުޑުފައިން އިށީން ދެވުނީ އެ ބޭސްތައް ވައްޓާލާފަައި އޮތް ހިސާބުގައެވެ. ޔޫހާއަށް ހުރިހާ ކަމެއް އެނގުނީކަން ޝަހުރަށް ކަށަވަރު ވެއްޖެެއެވެ. ނަމަވެސް ޔޫހާ އޭނާގެ އަމިއްލަ ނަފުސަށް މިވަރުގެ ބޮޑު ގެއްލުމެއް ދިނީ ކީއްވެބާއޭ ޝަހުރުގެ ހިތް ބުނަމުން ދިޔައެވެ. ޝަހުރު އެކަން އޮޅުވައިލީ ޔޫހާއަށް ޓަކައިކަން ޔޫހާއަށް ނޭނގުނީބާއޭ ޝަހުރު ހިތަށް އަރަމުން ދިޔައެވެ. ތަފާތު ޚިޔާލުތަކެއްގައި މުޅި ސިކުނޑި ފުރެމުން ދަނިކޮށް ޝަހުރަށް ތެޅެގަނެވުނެވެ. އަދި ވަރަށް އަވަހަށް އެމްބިޔުލާންސަށް ގުޅިއެވެ.

***

އިރުގެ އަލިކަން ދުނިޔެއާ ވަކިވެގެން ދިޔައިރު، ޔޫހާއަށް ދިޔައީ އޭޑީކޭގައި އަވަސް ފަރުވާ ދެމުންނެވެ. އެއް ފަހަރާ ގިނަ ބޭސްތަކެއް ބޭނުން ކުރުމުން ޔޫހާގެ ފުރާނަ ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެވެ. ޑޮކްޓަރުންގެ ފަރާތުން އެއްވެސް އެދެވޭ ޖަވާބެއް ނުލިބެއެވެ. މާޔޫސްވެ، ހަނދާނެ ގޮތް ނޭނގިފައި ޔޫހާގެ މައިންބަފައިންނާއި، ޝަހުރުގެ ޢާއިލާ ހޮސްޕިޓަލްގެ އައިސީޔޫގެ ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ކޮޅުނެތް ކޮޅަށް ދެރައެވެ. ހިތާމައެވެ. ޔޫހާގެ ބަލީގެ ޙަޤީޤަތް އެނގެނީ ހަމައެކަނި ޝަހުރާއި ޔޫހާގެ ބައްޕައަށެވެ. ނަމަވެސް ޔޫހާ ގިނަ ބޭސްތަކެއް އެއްފަހަރާ ކައިލުމުން، ދެފަރާތުގެ ޢާއިލާއަށް ވެސް އެކަން ޤަބޫލު ކުރަން ދަތިވިއެވެ. ޝަހުރު ހީކޮށްގެން ހުރީ މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ މެޑިކަލް ރިޕޯޓުތައް ފެނުން ކަމަށެވެ. އެވާހަކަ ޝަހުރު މިހާރު ވަނީ ޔޫހާގެ ބައްޕައަށް ވެސް ޙިއްޞާކޮށްފައެވެ.

މުޅި ރޭ ހަތަރު ދަމު، ހޮސްޕިޓަލްގައި މަޑުކުރުމަށްފަހު ޝަހުރު ގެއަށް ދިޔައީ ކުޑަކޮށް ފެންވަރާ ލުމަށެވެ. ރޭ ދަންވަރު ޑޮކްޓަރުންގެ ޓީމުން ޔޫހާގެ ޙާލަތު ބަޔާން ކުރި އިރު، އޭނާގެ ސިއްހީ ހާލަތު ކިޔައިދިނެވެ. އެއީ ދެފަރާތުގެ ޢާއިލާއަށް ވެސް ކަމުގެ ޙަޤީޤަތް އެނގުނު ވަގުތެވެ. ރާދާ ވަރަށް ރުއެވެ. ހުސްނާ ގިސްލަ ގިސްލާފަ އަޑުން އަޑުނަގައި ރުއެވެ. ލިބުނު ޚަބަރާއެކުގައި ޝީލާ ވެސް ހޮސްޕިޓަލުގައި އެތައް ވަގުތެއް ހޭދަކުރިއެވެ. ޝީލާއަށް ޚަބަރު ދިނީ ޝަހުރެވެ. ޝަހުރާއި ޔާސިރު އެކަން ސިއްރު ކުރުމުން އެކަމުގެ ހިތްހަމަ ނުޖެހުން އޮތް ނަމަވެސް، އެކަން އެއްވެސް މީހެއް ނުދައްކައެވެ. އެޔަށްވުރެ ބޮޑަށް އެންމެންނަށް ވެސް ތިބީ އަސަރުކޮށްފައެވެ. ހިތުގާ ޖެހިފައެވެ.

ފެށިގެން ދިޔަ އާދުވަހަށް މުޅި ދުނިޔެ މަރުޙަބާ ކިޔަމުން ދިޔައީ ލިވިޔާ އާއި ޒަކްވާންގެ ކައިވެނީގެ ރަނުގެ ޚަބަރު ގުގުމަމުންނެވެ. ލިވިޔާގެ ގޭގައި ބޭއްވި ކުޑަ ހަފުލާއަކަށް ފަހު، ލިވިޔާ ރަންކީ 1111ރުފިޔާއަށެވެ. ޒަކްވާންއާ އެއްފަދައިން ލިވިޔާ ވެސް ހުރީ ނުހަނު އުފާވެފައެވެ. ލިވިޔާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ މައިންބަފައިންގެ ފަރާތުން ފެންނަ އުފާވެރި ކަމެވެ. އެދެމީހުންގެ ތުންފަތުން ދިރިދިރި ހުރި ހިނިތުންވުމެވެ.

***

7 ދުވަސް ފަހެވެ. ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ޔޫހާގެ ޙާލަތަށް އެއްވެސް ބަދަލެއް ނާދެއެވެ. ޝަހުރެކޭ އެއްފަދައިން ޔޫހާގެ މައިންބަފައިން ވެސް އަބަދުވެސް ތިބީ ހޮސްޕިޓަލްގައެވެ. އަބަދުމެ ދުޢާ ކޮށްލަ ކޮށްލައެވެ. މީހަކާ ވާހަކަދައްކާލެވޭނެ ހިތްވަރެއް އެއިން އެކެއްގެ ހަށީގައި ވެސް ނެތެވެ. އެންމެންވެސް ތިބީ ބަޔާން ކުރަން ދަތި ބޮޑު އުނދަގޫ ކަމެއްްގެ ތެރޭގައެވެ. ކުރެވުނު ކަންތަކާ މެދުގައި ވަރަށް ދެރަވެގެން ޝީލާ ހުންނަނީ ޝަހުރާ ވަރަށް ވާހަކަދައްކާލަން ބޭނުން ވެފައެވެ. ހުރިހާ ޙަޤީޤަތެއް ޝަހުރަށް ކިޔާދީ، މާފަށް އެދެން ޝީލާ އިންތިހާއަށް ބޭނުން ވެއެވެ.

"ޝަހުރު.." ކުށްވެރިއެއް ފަދައިން ޝީލާ ގޮސް ހުއްޓުނީ ޝަހުރުގެ ގާތުގައެވެ. އެއިރުވެސް ޝަހުރުގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ރަނގަޅަށް ނުކައި ނުބޮއި، ޝަހުރު އެހެން ހުންނަތާ މިހާރު 7 ދުވަސް ވީއެވެ. ފެން ފޮދެއް ވެސް އެތެރެ ކުރެވެނީ ވަރަށް ޙާލުންނެވެ. ޝީލާގެ އަޑަށް ޝަހުރު އިސް އުފުލާލިއެވެ.

"އަހަރެން ބޭނުން ވާހަކަ..." ޝީލާގެ ވާހަކަ ހުއްޓުނީ ކުއްލިއަކަށް އައިސީޔޫގެ ދޮރު ހުޅުވުނު އަޑަށެވެ. ޝީލާއަށް ވެސް ވަގުތުން ފަހަތް ބަލައިލެވުނީއެވެ.

"ކިހިނެއްތޯ ވީ؟" ޝަހުރު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ހުއްޓުނީ ޑޮކްޓަރުގެ ކުރިމަތީގައެެވެ. ޑޮކްޓަރުގެ މޫނު ފެނުމާ އެކުގައި ޝަހުރަށް ނޭވާލާން ދަތިވިއެވެ. ހިތް ދިރުވައިލުން ވެސް ޝަހުރަށް ވީ ބޮޑު ވޭނަކަށެވެ. ހަމަހިމޭން ކަމަކަށްފަހު، ޑޮކްޓަރު އަތް ބާއްވައިލީ ޝަހުރުގެ ކޮނޑުމަތީގައެވެ. އެވަގުތު ޑޮކްޓަރުގެ ހަރަކާތްތަކަށް ވަނީ ހިމޭން ކަމެއް އަތުވެފައެވެ. ވާހަކަދައްކަން އުނދަގޫ ވެފައިވާ ފަދަ ގޮތަކަށް ޝަހުރަށް ބަލަހައްޓައިގެން ޑޮކްޓަރަށް ހުރެވުނެވެ. ޝަހުރު ވަށައިގެން ތިބި އެންމެންވެސް އަނގަ ހުޅުވިފައި ތިބެވުނީ ޑޮކްޓަރުގެ ފަރާތުން ޖަވާބެއް ލިބޭތޯއެވެ. ޑޮކްޓަރުގެ ފަރާތުން ފެންނަމުންދާ ހަރަކާތްތަކުން ޑޮކްޓަރުގެ ފަރާތުން ރަނގަޅު ޖަވާބެއް ނުލިބޭނެކަން ދޭހަވެއެވެ.

ބުނަންވީ ކީކޭކަން ނޭނގުމުން ޑޮކްޓަރު އެންމެ ފަހުން ބޯ ދެފަރާތަށް ހޫރައިލިއެވެ. އެ ވަގުތަކީ ޑޮކްޓަރުގެ ދެލޮލުން ކަރުނަތައް ހޯސްލާފައި ފައިބައިގަތް ވަގުތެވެ. އެންމެން ދެރަވެފައި ހުއްޓާ ޑޮކްޓަރަށް ވެސް ޔޫހާއަށް ވީީގޮތް ބަޔާން ކުރަން އުނދަގޫ ވީއެވެ.

"ސޮރީ.." ޑޮކްޓަރު އެހެން ބުނުމާ އެކުގައި ޝީލާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ރާދާ އާއި ހުސްނާއަށް ފަހަތަށް ފިޔަވަޅެއް ނެގުނީ ހަމަ އެކުއެކީގައެވެ.

"ވަރަށް ބެލިން.. އެކަމު. ވީ ކާންޓު.. ޔޫހާ ސަލާމަތެއް ނުކުރެވުނު. ނިޔާވެއްޖެ!" ޑޮކްޓަރަށް އެންމެފަހުން އުނދަގޫ ވެގެން ހިފައިލެވުނީ ޝަހުރުގެ ދެކޮނޑުގައެވެ.

"ހިތްވަރު ކުރާތި!" ޑޮކްޓަރު އެހެން ބުނުމަށްފަހުގައި އައިސީޔޫގެ ތެރެއަށް ވަނެވެ. ޝަހުރަށް ހުރީ ރޯން ވެސް ނޭނގިފައެވެ. ލިބުނު ޚަބަރުން ހުއްޓުން އަރާފައެވެ. އެހެން ހުރެފައި ޝަހުރަށް ފެށުނީ ކުއްލިއަކަށް ރޯންށެވެ.

"ނޫން! ނޫން! އެހެން ނުވާނެ! ޔޫހާ އަހަރެން ދޫކޮށްފައެއް ނުދާނެ.." ޝީލާގެ ގައިގައި ޝަހުރު ބައްދައިލީ ވަރަށް ބާރަށެވެ. ޝީލާ ވެސް ޝަހުރުގެ ގައިގައި ބައްދައިގެން ހުރެ ރޮމުން ދިޔައެވެ. ޝީލާގެ އަތުގެ އިނގިލިތަކުން ޝަހުރުގެ ބުރަކަށީގައި އަތް ކާއްތަމުން ދިޔައީ ޝަހުރުގެ މާފު ޝީލާއަށް ބޭނުންވާކަން އެނގޭ ޙާލުގައެވެ. ޝީލާއަކީ ބޮޑު ކުށްވެރިކަން އެނގޭ ޙާލުގައި ޝަހުރުގެ ގާތުގައި ހުންނަން ޝީލާއަށް ވަރަށް ދައްޗެވެ.

***

މުޅި ގޭތެރެއިން ފެންނަނީ ހިމޭން ކަމެވެ. އެއްވެސް އަޑެއް ބަޑެއް ނީއްވެއެވެ. ޝަހުރު އޭނާގެ ކޮޓަރީގައި އެކަނިވެރިކަމާއެކުގައި އެނދުގައި އިށީންދެގެން އިނެވެ. ޔޫހާގެ މައިންބަފައިން އެމީހުންގެ ގޭގައި ތިބެ ރޮމުން ގިސްލަމުން ދިޔައިރު، ހުސްނާ އިނީ ސޯފާގައި ރޯލަރޯލައެވެ. ހުސްނާގެ ގާތުގައި މަންސޫރު ވެސް އިނެވެ.

މުޅި ކޮޓަރީގެ ތެރެއިން ޝަހުރަށް ފެންނަމުން ދިޔައީ ޔޫހާގެ ހަނދާންތަކެވެ. އަދިވެސް ތަޅުންގަނޑުމަތީގައި ބޭސްތަކާއި ލިޔުންތައް އެހުރިގޮތަށް އެބަހުއްޓެވެ. އެއަށް ކަޅިއެއް ދެމުން، ވަށައިގެން މުޅި ކޮޓަރިއަށް ޝަހުރު ގެންދިޔައީ ބަލަމުންނެވެ. ލޮލުން ފައިބަމުންދާ ކަރުނަތައް ޝަހުރުގެ ދަތްދޮޅިން ތިކިތިކި ޖަހަމުންދާ އިރު، ޝަހުރުގެ ދާދި ގާތުގައި އޭނާގެ ލޯބިވާ ކޮއްކޮ ނެތުމަކީ ޝަހުރަށް ލިބޭ ބޮޑު އެކަނިވެރިކަމެވެ. ޝަހުރުގެ ޙަޔާތަށް އެތައް ކަމުން ވެގެން ދިޔައިރު ޒަކްވާން ނެތުމުން އެކަމުގެ ނަފުރަތު އަބަދުވެސް ޝަހުރުގެ އޮންނަނީ ލިވިޔާއަށެވެ. ކައިވެނީގެ ކަންތައްތަކަށް ތައްޔާރުވާން ވެގެން ޙަޤީޤަތުގައި އެއިން އެއްވެސް ކަމެއް ޒަކްވާނަށް ނޭނގެއެވެ. އެހެން ނޫނަސް، އޭނާގެ ޢާއިލާގެ އެއްވެސް ކަމެއް ބަލާ ވިސްނުމަކީ ޒަކްވާން ގަޔާވާ ކަމެއް ނޫނެވެ.

***

އައު ފަތިހަކަށް ދުނިޔެ ހޭލި އިރުވެސް ޝަހުރު އިނީ ހަމައެހެންނެވެ. ޖަނާޒާގައި ފެނުނު ޔޫހާގެ ސޫރަ އަދިވެސް ޝަހުރު ކުރިމަތިން ހީވަނީ އޭނާއަށް ފެންނަ ހެންނެވެ. އެގޮތުގައި ޝަހުރު ގަނބުވެފައި ހުއްޓާ އޭނާއަށް ކުއްލިއަކަށް ފެނުނީ ކޮޓަރި ތެރޭގައި ވަޔާ އެކުގައި އެބުރެމުން ދިޔަ ކަރުދާސްކޮޅެކެވެ. އެ ކަރުދާސްކޮޅުގައި ވަނީ ޔޫހާގެ އަތު ލިޔުންކަން ޝަހުރަށް ޔަޤީންވުމާއެކުގައި އެނދުން ތެދުވެގެން ގޮސް ޝަހުރު އެ ކަރުދާސްކޮޅު ހުޅުވައިލިއެވެ.

"ލޯބިވާ ފިިރިމީހާ. ޝަހުރު.." ކަރުދާސްކޮޅުގައި އެންމެ ފުރަތަމަ ލިޔެފައިވާ ލިޔުންކޮޅު ޝަހުރު ކިޔައިލުމާ އެކުގައި އޭނާގެ ހިތް އަވަސް ވިއެވެ. ލަސްކުރާކަށް ޝަހުރު ބޭނުމެއް ނުވިއެވެ. އަނެއްކާ ވެސް ކިޔަން ފެށިއެވެ.

"އަހަރެންމީ އެއްވެސް އިރެއްގަ އަމިއްލަ އެދުން ބޮޑު މީހެއް ނޫން. އާނ! އަހަރެން ޝަހުރު ދެކެ ލޯބިވަން. އެކަމު އަހަރެން ގަދަބާރުން އެއްވެސް އިރެއްގަ ޝަހުރު ބޭނުމެއް ނޫން. އަހަރެން އެކަން އެގޮތަށް ކުރާކަށް ބޭނުމެއް ވެސް ނޫން. ލޯބިވާ ޝަހުރު! އަހަރެންނަށް ޝަހުރު ޑިޒާރވެއް ނޫން. ޝަހުރު ޑިޒާރވް ވަނީ ލިވިޔާއަށް. އެއީ ޝަހުރުގެ ޙަޤީޤީ ލޯބިވެރިޔަކީ.." އެހިސާބަށް ކިޔުނު އިރަށް ޝަހުރުގެ ހިތް އަވަސްވާން ފެށިއެވެ. މަޑުމަޑުން ފިޔަވަޅު ނެގެން ފެށުނީ ބޭއިޚުތިޔާރުގައެވެ.

"އާނ! އަހަރެން ކިތަންމެ ޝަހުރު ދެކެ ލޯބިވިޔަސް، އަހަރެންނަށް ލިބިފަ އޮތީ ކުޑަ ދުވަސްކޮޅެއް. ހުރިހާ މެޑިކަލް ލިޔުމެއް ފެނެއްޖެ! ހުރިހާ ހިތްދަތިކަމެއް އެއްކޮށް އަހަރެންނަށް މެދުވެރިވީ. ލޯބިވާ ޝަހުރު. ލިވިޔާ ލޯބިވާ ވަރަށް އަހަރެންނަށް ޝަހުރު ދެކެ ލޯތްބެއް ނުވެވޭނެ. ލިވިޔާ އާއި ޝަހުރު ދުރުކުރީ ޝަހުރުގެ މަންމައާ ދޮންތަ. ރާވައިގެން. ލިވިޔާ ގާތުގަ ހުރީ ޝަހުރުގެ ދަރިއެއް.." ލިޔުން ކޮޅު ޝަހުރުގެ އަތުން ދޫވެގެން ދިޔައެވެ. އަނގަ ތަންމިނަށް ހުޅުވި، ލޮލުގެ ތެރެއަށް ކެކިގަތީ ބޮޑެތި ކަރުނަތިކިތަކެކެވެ.

"ނޫން!" ވައި އަޑަކުން ޝަހުރުގެ ދުލުން ބޭރުވީ އެވަރަށެވެ. ޝަހުރަށް ޖެހިގަނެވުނީ އެނދަށެވެ. އަދި ފުންކޮށް ނޭވާލާން ފެށުނެވެ. ބޮލުގައި ދެއަތް ޖައްސައި ވާން ކޮށްލަމުން، ޝަހުރަށް ދެލޯ މަރައި ތަތްކޮށްލެވުނެވެ. ލިބުނު ބޮޑު ހިތްދަތި ކަމަކުންނެވެ.

***

ލިވިޔާގެ ގެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. ލިވިޔާ އާއި ޒަކްވާންގެ ކައިވެންޏަށް ދައުވަތު ދީފައި ވަނީ ލިވިޔާގެ ޢާއިލާގެ މަދު ބަޔަކާ، ދެމީހުންގެ މަދު ރައްޓެހިން ތަކަކަށެވެ. ހަވީރުގައި ބާއްވަން ހަމަޖެހިފައިވާ ކައިވެނީގެ ވަލީމާއަށް ހެދިކާ ހަދަން އެގޭގައި މީހުން ތިއްބެވެ. ކުރެވެން އުޅޭ ކައިވެނިން އެންމެ އުފާވެފައި ތިބީ ޒަކްވާނާ ލިވިޔާއެވެ. އަދި ލިވިޔާގެ މައިންބަފައިން ވެސް ތިބީ ހެވި ދިލިފައެވެ.

***

ކަމުގެ ޙަޤީޤަތް އެނގުމުން، ޝަހުރުގެ ހިތަށް ވަރަށް ތަދުވެއްޖެއެވެ. ވަރަށް ބޮޑަށް ހިތުގައި ވޭން ހުރި ކޫރުމެއް ވެސް އަޅައިފިއެވެ. ޝަހުރު އެދިގެން ޝީލާ އެގެއަށް އައީ ސިއްރުންނެވެ. އެއީ ޝީލާއަށް އެގެއަށް ވަނުން މަނާ ކޮށްފައި އޮތުމުންނެވެ.

"ވައި؟ ވައި؟" ޝީލާ ކޮޓަރިއަށް ވަނުމާ އެކުގައި ޝަހުރު ކޮށްލީ ހަމައެކަނި އެސުވާލެވެ. ޝީލާ ވަގުތުން ހުއްޓުންއެރިއެވެ.

"ކީއްވެ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ؟" ޝަހުރުގެ ސުވާލު އޭނާ އިތުރަށް ފުރިހަމަ ކޮށްލިއެވެ. ޝަހުރުގެ މޫނުމަތިން އެއްވެސް ދިރުމެއް ނުފެނެއެވެ.

"ޝަހުރު.. އަހަރެން.." ޝީލާއަށް ހުއްޓުން އެރިއެވެ.

"އަހަރެން ބޭނުންވީ ބުނަން.. އެކަމު،" ޝީލާއަށް ވާހަކަދައްކަން އުނދަގޫ ވިއެވެ.

"އެެއީ ތެދުތަ؟ ލިވިޔާގެ ކުށެއް ނެތް؟ ލިވިޔާއަށް ލިބުނީ އަހަރެންގެ ދަރިއެއް؟" ޝަހުރު އެހެން އަހައިލި އިރު އޭނާގެ އަޑު ވަރަށް ބޮޑަށް ތުރުތުރު އަޅައެވެ.

"އާނ! ވަރަށް ބޮޑަށް ސޮރީ.. އެނގޭ މާފު ކުރަން އުނދަގޫ ވާނެކަން. އެކަމު، މިކަން ފަހުން ކުރީ މަންމަ. މީ ފަހުން މަންމަގެ ރޭވުން. އަހަރެން އެއްބާރުލުން ދިނިން.. ލިވިޔާގެ ކުށެއްނެތް. ލިވިޔާގެ ގާތުގައި ހުރީ ޝަހުރުގެ ދަރިއެއް.. ލިވިޔާ ކުރިކަމެއް ކުރީ މަންމަ ބުނެގެން. އެއީ ޝަހުރު ލިވިޔާއާ ދުރަށް ދިޔުމަށް.." ޝީލާ އެވާހަކަތައް ކިޔައިދިނީ ފަސޭހަކަމާ އެކުގައެއް ނޫނެވެ. ވަރަށް އުނދަގޫ އިޙްސާސެއް ޝީލާއަށް ކުރުވިއެވެ.

"މާފޭ؟ ދުވަހަކުވެސް ނުކުރާނަން! ދުވަހަކުވެސް.. ތީ ލޭގެ ގުޅުން ހިނގާ ދޮންތަ އަހަރެންނަށް ދިން ހަދިޔާ. އިންސާނަކަށް މިއަށް ވުރެ ބޮޑު ދެރައެއް ދެވޭނެތަ؟ މަންމަ އާ ދޮންތަ ވެގެން އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ، ހިތެއް ވެސް ނެތީތަ؟" ޝަހުރުގެ އަޑު ހީވީ ޗިސްޗިސް ވިހެންނެވެ. ލޮލުން ކަރުނަ ފައިބަމުން ދާއިރު ޝަހުރުގެ ދަތްދޮޅި ހިތާމައިގެ ވޭނުން ތުރުތުރު އަޅައެވެ.

"މިތަނުން ދޭ! އަހަރެން ކުރިމަތިން ދޭ!" ޝަހުރުގެ އަޑު ބާރު ވުމާއެކުގައި ދުވެފައި ކަހަލަ ގޮތަކަށް ޝީލާ އެގެއިން ނުކުތީ މޫނުމަތީގައި އަތް އަޅައިގެން ރޮމުންނެެވެ.

***

ހަވީރުގެ މަރިޔާދު ވަގުތެވެ. ލިވިޔާގެ ގެއިން ފެންނަނީ އުފާވެރި ކަމެވެ. ކައިވެނީގެ މަޖިލީސް ފެށިގެން ކުރިއަށް ދަނީއެވެ. ކައިވެނީގެ ހެނދުމުގައި ލިވިޔާ އާއި ޒަކްވާން އިނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އެތައް ދުވަހަކު ހިތުގައި އުފަންކުރި ލޯބި ހާސިލު ވާތީ ޒަކްވާނަށް ލިބިފައި ވަނީ އާދަޔާ ޚިލާފު އުފަލެކެވެ. އަނބި ޤަބޫލުކުރިކަން އިއުލާން ކުރަން ގާޒީ ބަލައިލީ ޒަކްވާނަށެވެ. ޒަކްވާން ހީނލަމުން ލިވިޔާއަށް ބަލައިލުމަށްފަހު އަނގަ ހުޅުވައިލިއެވެ.

"އަނބި ޤަ.." ޒަކްވާނަށް ބުނެވުނީ އެވަރަށެވެ. ކުއްލިއަކަށް ގޭގެ ދޮރު ހުޅުވުމާއެކުގައި އެންމެންނަށް އެއްކޮށް ބަލައިލެވުނީ ދޮރަށެވެ.

"ޝަހުރު.." ލިވިޔާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. (ނުނިމޭ)