(20 ނޮވެމްބަރު 2021އާ ގުޅޭ)
ގޭގެ ދޮރު ކުރިމަތީގައި ޝަހުރު ހުރީ ޖެހި ބުދެއްހެން ގަނޑު ވެފައެވެ. ޝަހުރުގެ މޫނުމަތިން އެއްވެސް ވަރެއްގެ އުފަލެއް މިއިން އެއްވެސް ދުވަހަކު ލިބިފައިވާ ހެނެއް ހީއެއް ނުވެއެވެ. ދިރިހުރެމެ، ދިރުން ނެތިފައިވާ މީހަކާ ޝަހުރާ އެއްވެސް ތަފާތެއް ނެތެވެ. އިސްތަށިގަނޑު ހާވައިލައިގެން ހުރި އިރު، ހީވަނީ ފެން ނުވަރާ ދެތިން ދުވަސް ވެދާނެ ހެންނެވެ. ޝަހުރުގެ ކުރިމަތިން ފެންނަމުންދާ މަންޒަރުން ޝަހުރަށް ވަނީ އުނދަގޫ ވެފައެވެ. ޝަހުރު އެތަނަށް އައީ ކީއްކުރަން ވަގުތުކޮޅަކަށް އޭނާއަށް ހަނދާން ނެތުނެވެ. އޮޅުނެވެ. ޝަހުރު ލަސް ކުރާކަށް ބޭނުމެއް ނުވިއެވެ. ފަހަތަށް ފިޔަވަޅެއް ނެގީ އެންމެންގެ ތެރޭގައި ރޯން ބޭނުން ނުވާތީއެވެ. އެތަނުގައި ހުންނަން ޝަހުރަށް ހިތްވަރެއް ނުލިބުނެވެ.
"ޝަހުރު!" ޝަހުރު ހުއްޓުނީ އަނެއްކާ ވެސް ލިވިޔާގެ އަޑަށެވެ. އެއްވެސް އެއްޗެއް ނުބުނެ ޒަކްވާން އިނީ ހިމޭނުންނެވެ. ނަމަވެސް ޒަކްވާންގެ ހިތުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ހައިޖާނެއް އުފެދެމުން ދިޔައެވެ. އެކަމު، ޒަކްވާން ހުރީ ބިރަކުން ނޫނެވެ. އެއްވެސް ވަރަކަށް ލިވިޔާއާ މެދުގައި ޒަކްވާން ޝައްކެއް ނުކުރެއެވެ. ލިވިޔާ ނިންމާ ކޮންމެ ކަމެއް ވެސް އޭނާ ނިންމާނީ ވަރަށް ވިސްނާފައި، އެންމެ ރަނގަޅަށް ކަމުގެ ޔަޤީންކަން ޒަކްވާނަށް ލިބިފައި ވުމަކީ އޭނާއަށް މިއަދު ލިބޭ ހިތްވަރެކެވެ. ކައިވެނީގެ މަޖިލީސް ދޫކޮށް ލިވިޔާ ހިނގައިގަތީ ޝަހުރާ ދިމާލަށެވެ. ވާނުވާ ނޭނގިފައި ޤާޒީ ބަލަން އިނީ ލިވިޔާއަށެވެ. ލިވިޔާ ދިޔަ ގޮތަށް ގޮސް ހުއްޓުނީ ޝަހުރުގެ ކުރިމަތީގައެވެ. ލިވިޔާއަށް ޝަހުރު ހަތަރުކަޅި ހަމަކޮށްލީ ކުށްވެރިއެއް ފަދައިންނެވެ. އެ ބެލުމުގައި ވަނީ އިންތިހާއަށް ރިހުމެވެ.
ޝަހުރު އަނެއްކާ ވެސް ކުރިއަށް ފިޔަވަޅެއް ނެގީ އެތަނުން ދާށެވެ. ވާހަކަދައްކާނެ ހިތްވަރު ނެތުމުންނެވެ. ނަމަވެސް ޝަހުރު ހުއްޓުވީ ލިވިޔާއެވެ.
"ކިހިނެއްވީ؟" ލިވިޔާ ހުރީ ހަމަޖެހިގެންނެވެ. ވާހަކަދެއްކީ ވެސް ހަމަޖެހިގެން ހުރެގެންނެވެ. ލިވިޔާގެ ސުވާލަށް ދޭންވީ ޖަވާބު ނޭނގި ޝަހުރު ހުއްޓުން އަރާފައި ހުރެވުނެވެ. އިރުކޮޅެއްގެ ތެރޭގައި ޝަހުރުގެ ލޮލުން ފޭބީ ކަރުނައެވެ. އިށީންދެގެން އިން ޒަކްވާން ކޮޅަށް ތެދުވިއެވެ. އަދި މަޑުމަޑުން ހިނގާފައި އައިސް ހުއްޓުނީ ލިވިޔާ އާއި ޝަހުރުގެ ގާތުގައެވެ.
"ދޮންބޭ. އާދޭ!" ޒަކްވާން ހިފައިލީ ޝަހުރުގެ އަތުގައެވެ. އަދި ޝަހުރު ގޮވައިގެން ވަނީ ލިވިޔާގެ ކޮޓަރިއަށެވެ. ފަހަތުން ލިވިޔާ ވެސް އައެވެ.
"އަހަރެން ދެކެނީ ދޮންބެ މިތަނަށް ތިއައީ ކޮންމެ ވެސް ވާހަކައެއް ލިވިޔާއާ ދައްކަން. އެ ފުރުޞަތު ދޮންބެއަށް އޮންނާނެ. ލިވިޔާއަށް ވެސް.." ޒަކްވާން ބަލައިލީ ލިވިޔާ އާއި ޝަހުރުގެ މޫނަށެވެ. ޒަކްވާންގެ މޫނުމަތިން އެއްވެސް ހާސް ކަމެއް ނުފެނެއެވެ.
"އަހަރެން މަޑުކޮށްލާނަން!.." ޒަކްވާން އޭނާގެ ކަނާއަތުން ލިވިޔާގެ ކޮނޑުގައި ހިފައިލިއެވެ. ލިވިޔާ އާއި ޝަހުރު ކޮޓަރީގައި އެކަނި ވެލިއެވެ. ބޭރުގައި ތިބި މީހުން ވާނުވާ ނޭނގި ސުވާލު މާރކެއް މޫނަށް ޖެހިފައި ތިއްބެވެ. ހާލިދާ އާއި މާހިރު ހުރީ ހިތްހަމަ ނުޖެހިފައެވެ. ޝަހުރު އެގެއަށް އައުމުންނެވެ. ނަމަވެސް އެދެމީހުން ހަމައަކަށް އެޅުވީ ޒަކްވާނެވެ.
އެއްވެސް އަޑެއް ބަޑެއް ނީއްވެ، މުޅި ކޮޓަރި ވަނީ ހިމޭން ވެފައެވެ. އެއްވެސް ވަރަކަށް ގިނަ އިރު ކުރާކަށް ލިވިޔާ ނޭދުނެވެ. ކައިވެނީގެ މަޖިލީސް ކެންސަލް ވެދާނެތީއެވެ. ޤާޒީ އެތަނުން ލަސްވެގެން ގޮސްދާނެތީއެވެ.
"އަހަރެން ހީއެއް ނުކުރަން ޝަހުރު ދުވަހަކުވެސް އަންނާނެ ކަމަކަށް. ކިހިނެއްތަ ވީ؟" ލިވިޔާގެ މޫނުމަތިން ދެރައިގެ އެއްވެސް ހިލަމެއް ނުފެނެއެވެ. އެތައް ދުވަހަކަށްފަހު ޝަހުރު ފެނުމުން، ލިވިޔާއަށް މާބޮޑު އިޙްސާސެއް ވިހެނެއް ހީއެއް ނުވެއެވެ. އެކަން ވަރަށް ރަނގަޅަށް ޝަހުރަށް ވެސް ދިޔައީ އެނގެމުންނެވެ.
"ލި... ވީ..." ޝަހުރުގެ އަޑު ހީވީ ބުރިބުރި ވެގެން ނުކުތްހެންނެވެ. ލިވިޔާ ބަލަން ހުރީ ޝަހުރުގެ މޫނަށެވެ.
"އައިމް ރިއަލީ ސޮރީ.." ޝަހުރު އިސްދަށަށް ޖަހައިލިއެވެ.
"އަހަރެންނަށް ހުރިހާ ކަމެއް ވެސް އެނގެއްޖެ! ހުރިހާ ޙަޤީޤަތެއް ވެސް އެނގެއްޖެ! އަހަރެން މިއޮތް ހުރިހާ ދުވަހު ހުރީ ބޮޑު އޮޅުވާލުންގަނޑެއްގެ ތެރޭގަ. އެކައްޗެއް ވެސް ނޭނގި! އަހަރެން މުޅީން އެކަނި ވެއްޖެ. ލިވީ.. އަހަރެންނަށް މާފު ކުރޭ!" ޝަހުރުގެ ދެލޮލުގެ ކަޅި ފޮރުވިފައިވަނީ ބޮޑެތި ކަރުނަ ތިކިތަކުންނެވެ. އެއްވެސް އެއްޗެއް ނުބުނެ ލިވިޔާ ބަލަން ހުރީ ސީދާ ޝަހުރުގެ މޫނަށެވެ.
"އަހަރެންނަށް އެނގޭ އަހަރެންމީ ލިވީއަށް އެންމެ އެކަށީގެންވާ މީހާ ނޫންކަން. އަހަރެންނަށް ލިވީ ދަސްނުވީ. ލިވީއަށް ކަންތައް ކުރެވުނީ ވަރަށް ދެރަކޮށް.. އިޚާނެތިކޮށް. އަހަރެންނަށް އެނގޭ އަހަރެންނަށް ދުވަހަކު ވެސް މާފު ހައްޤު ނޫންކަން، އެކަމުވެސް އަހަރެންނަށް އެނގޭ ލިވީ އަބަދުވެސް އަހަރެން ދެކެ ލޯބިވާނެކަން." ޝަހުރުގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ދެން ވެސް ވާހަކަ ކުރިއަށް ގެންދިޔައީ ހަމަ ޝަހުރެވެ. ޝަހުރުގެ ޙަޔާތަށް ދިމާވި ހިތްދަތިކަންތައް އަކުރުން އަކުރަށް ޝަހުރު ކިޔައިދޭން ފެށިއެވެ. ޔޫހާގެ ވާހަކަ އިވުމާ އެކުގައި ލިވިޔާއަށް ރޮވިގެން ދިޔައީ އޭނާގެ އިޚްތިޔާރުން ބޭރުންނެވެ. ލިވިޔާ ލަސްވެގެން ޒަކްވާން ފަހުން ކޮޓަރިއަށް ވަނެވެ. ޝަހުރުގެ ވާހަކަ ހުއްޓުމެއް ނެތި އޭނާ ގެންދިޔައީ ކުރިއަށް ގެންދަމުންނެވެ. އެވާހަކަތައް ޒަކްވާނަށް އިވިފައި އޭނާއަށް ލިބުނީ ބޮޑު ޝޮކެކެވެ. ޝަހުރު ވޭތު ކުރީ ވަރަށް ހިތްދަތި ދިރުއުޅުމެއްކަން އެނގުމުން ލިވިޔާ ޙަޤީޤަތުގައި ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެއެވެ. ޒަކްވާނަށް ވެސް ވަނީ ރޮވިފައެވެ. އޭނާގެ ދޮންބެއަށް އޭނާގެ އެހީ ބޭނުންވި ދުވަހު ދޮންބެއާ ދުރުވެވުނީ މައެވެ. ނަމަވެސް ޒަކްވާން ދުރުކޮށްލީ ދޮންބެކަން ޒަކްވާންގެ ހިތުގައި އަދިވެސް އޮވެއެވެ.
"އަހަރެން ޔޫހާ ދެކެ ވަރަށް ލޯބިވިން. އަހަރެންނަށް ޔޫހާއާ ވަކިން ދިރިއުޅެން ވަރަށް އުނދަގޫވާނެ. އެކަމު، ލިވީގެ އެހީއާ އެކު... އަހަރެންގެ މަންމަ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ! އަހަރެން މުޅީން އެކަނި ވެއްޖެ ލިވީ. އަހަރެންގެ ދަރިފުޅާ އަހަރެން ދުރުކޮށްލީ. އަހަރެންގެ ލޯބިވާ އަނބިމީހާއާ އަހަރެން ދުރުކުރީ. އަހަރެންނާ ޔޫހާ ވަކިކުރީ.. އަހަރެން މުޅީން އެކަނިވެއްޖެ! އެއީ ކޮންކަހަލަ މަންމައެއް؟" ކޮޓަރީގެ ތަށިމުށިގަނޑުމަތީގައި އިށީންދެގެން އިނދެ ޝަހުރު އަޑުން އަޑު ނަގާ ރޯން ފެށިއެވެ. ޝަހުރުގެ ހަރަކާތްތައް ބަލަން ޒަކްވާނަށް ކެތްނުވެގެން ގޮސް ބައްދައިލީ ޝަހުރުގެ ގައިގައެވެ.
"ދޮންބޭ! ނުރޮއި.." ޒަކްވާން ރޮމުން ޝަހުރުގެ ގައިގަ ބައްދަމުން ދިޔައެވެ. ކޮޓަރީގެ ފާރަށް ޖެހިގަނެގެން ލިވިޔާ ހުރީ ހިތްހަލާކުވާން ގާތްވެފައެވެ. ލިވިޔާގެ ކަންފަތުގައި ޖެހިގެން ދިޔައީ އޭނާ އަޑު އަހަން ބޭނުންވެފައިވާ ވާހަކަތަކެއް ނޫނެވެ. ލިވިޔާގެ އުފަލުން ހުރި މޫނު މުޅިން ބަދަލުވެއްޖެއެވެ. ޝަހުރުގެ ޙަޔާތަށް ބިންދާލި ރާޅުގައި ޒަކްވާނާ ލިވިޔާ ޖެހިއްޖެއެވެ. ޝަހުރު މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އަދި ރޮމުންރޮމުން ގޮސް ހުއްޓުނީ އެނދުގައި ނިދާފައި އޮތް ލިޔާންގެ ގާތުގައެވެ. އަދި މަޑުމަޑުން ޝަހުރު ތިރިވެލިއެވެ.
"ދަރިފުޅާ!" ޝަހުރުގެ އަޑު ވަނީ ގިސްލާގިސްލާ ކުރަކިވެ، ވީރާނާވެފައެވެ. އެ އަޑުން ކިތަންމެ ހަރު ހިތަކަށް ވެސް އަސަރު ކުރާނެއެވެ.
"ދަރިފުޅާ! ބައްޕައަށް މާފު ކުރޭ! ދަރިފުޅު ނޫން އެއްވެސް މީހެއް ބައްޕަގެ ނެތް. ބައްޕައަށް މާފު ކުރޭ ދަރިފުޅާ! ހެޔޮނުވާނެ ދަރިފުޅާ! ބައްޕައަށް މާފު ކުރޭ!" ލިޔާންގެ ތުއްތު އަތުގެ ތެރޭގައި ޝަހުރުގެ އަތް ބާއްވައިގެން ޝަހުރު ގިސްލާ ރޮމުން ދިޔައިރު، އޭނާގެ ނޭފަތުން ފެންވެސް ފައިބަމުން ދެއެވެ. އެމަންޒަރު ބަލަން ލިވިޔާ ހުރިއިރު އޭނާގެ މުޅިގައި ތުރުތުރު އަޅައެވެ.
"ބައްޕަގެ ދޫނިގަނޑާ. ބައްޕަ މިއައީ. ބައްޕައަށް މާފުކުރޭ! ބައްޕަ.." ޝަހުރުގެ އަޑު ބެދުނެވެ. ޒަކްވާން ގޮސް އިށީންނީ ޝަހުރުގެ ގާތުގައި އުނޑުފައިންނެވެ. އަންހެނެއް ފަދައިން ޝަހުރުގެ ކޮނޑުގައި ބޯއަޅައިލުމަށްފަހު ޒަކްވާން ވެސް ރޮމުން ދިޔައެވެ. އެހުރިހާ މަންޒަރެއް ލިވިޔާގެ ކުރިމަތިން ދިޔައީ ފެންނަމުންނެވެ. ދޮންބެ އެވަރަށް ހިތާމަކޮށް ރޯމަންޒަރު ބަލަން ޒަކްވާންގެ ހިތަށް ކެތް ނުވިއެވެ.
"ދޮންބޭ ނުރޮއި. ޕްލީޒް! ތިވަރަށް ނުރޮއި، އަހަރެންމީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫން. ލިވިޔާ އެދޭނަމަ، އަހަރެން ލިވިޔާ ދޫކޮށްލާނަން!" ޒަކްވާންގެ ޖުމުލައާ އެކުގައި ލިވިޔާގެ ދެލޯ ވަގުތުން ބޮޑުވިއެވެ. ލިވިޔާއަށް ދެފަރާތަށް ބޯ ހުރައިލެވުނީ އޭނާގެ އިޚްތިޔާރުން މުޅީން ބޭރުންނެވެ. ލިވިޔާގެ އެހަރަކާތް ޝަހުރަށް ވެސް ފެނުނެވެ. ޝަހުރު މަޑުމަޑުން ކޮޅަށް ތެދުވެވޭތޯ ބެލިއެވެ. އަދި މަޑުމަޑުން ހިނގައިގަތީ ލިވިޔާއާ ދިމާލަށެވެ.
"ލިވީ.. އަހަރެންނަށް މާފު ކުރޭ! އަހަރެންނަށް އެނގޭ ލިވީ އަދިވެސް އަހަރެން ދެކެ ލޯބިވާކަން. ލިވީގެ ތި ދެލޮލުން އަހަރެންނަށް އެކަން އެބަ އެނގޭ! ފެނޭ! އަހަރެންނާ ލިވީއާ ދަރިފުޅާ އެއްކޮށް އުފަލުގަ އުޅެވޭނެ. ޒަކްވާން ކޮއްކޮ އެކަމަށް ޤަބޫލު ވާނެ. ޕްލީޒް. ލިވީ.." ޝަހުރުގެ ޖުމުލަ އެއްފަހަރާ ގަތާލީ އޭނާގެ އަތުގެ ނުފުށުން ކަރުނަތައް ފޮހެލުމަށްފަހުގައެވެ. ފަހަތުގައި ޒަކްވާން ހުރީ ލިވިޔާގެ ސީދާ މޫނަށް ބަލާށެވެ. ލިވިޔާ ނިންމާ ކޮންމެ ނިންމުމަކަށް ފުރިހަމައަށް އިޚްތިރާމު ކުރަން ނިންމައިގެންނެވެ. ލިވިޔާ ހުރީ ރޮއިރޮއި ވަރުބަލިވެފައެވެ. މޫނުގައި ހުރި މޭކަޕުތައް ކަރުނައާ އެކުގައި ލައިގެން ހުރި ހުދު ހެދުން ވެސް ވަނީ ހަޑިވެފައެވެ.
"ޝަހުރު! އަހަރެން މިވޭތު ކުރީ ވަރަށް ހިތްދަތި ދުވަސްތަކެއް. ވަރަށް ވޭން ހުރި ދުވަސްތަކެއް. ޝަހުރެއް އޭރަކު ނެތް. އަހަރެންގެ ގާތުގަ ވީ ޒަކްވާން. އަހަރެން ދެކެ މާ ކުރިން ލޯބިވި މީހެއް." ލިވިޔާ ނޭފަތް ދަަމައިލުމަށްފަހު އަނެއްކާ ވެސް ވާހަކަދައްކަމުން ދިޔައީ ވަރަަށް ހިތްވަރުކޮށްގެންނެވެ.
"އަހަރެން ދެން އެދުވަސްތަކުގެ ވާހަކަދައްކާކަށް ބޭނުމެއް ނޫން. އެ ހަނދާންތައް އަހަރެންގެ ސިކުނޑިން، އަހަރެންގެ ދެކެ ވަރަަށް ލޯބިވާ އެހެން މީހެއް ފިލުވާލައިފި. އާނ! ޝަހުރަށް އަހަރެންގެ ލޮލުން އަދިވެސް ލޯބި ފެނިދާނެ! އެއީ އަހަރެން ޝަހުރު ދެކެ ލޯބި ވާތީ! ނަމަވެސް އެއީ އަހަރެން ކުރިން ޝަހުރު ދެކެ ވީ ލޯތްބެއް ނޫން." ލިވިޔާ އެހެން ބުނުމާ އެކުގައި ޝަހުރުގެ ދެލޯ ބޮޑުވިއެވެ.
"އާނ ޝަހުރު! އަހަރެން ޝަހުރު ދެކެ މިވަނީ ކުރީން ވީ ލޯތްބެއް ނޫން. އަހަރެން އެ ލޯތްބެއް ޝަހުރު ދެކެ މިހާރަކު ނުވަން. އެ ލޯބި އެހެން މީހެއް ދެކެ ވެވިއްޖެ! އެއީ ޒަކްވާން. އަހަރެންނަށް މިހާރު ޒަކްވާނާ ނުލައި ނޫޅެވޭނެ." ލިވިޔާގެ ވާހަކަތަކުން ޝަހުރަށް ލިބުނީ އިތުރު ދެރައެކެވެ.
"އަހަރެންނަށް ދިން ހިތްދަތިކަމަށް އަހަރެން ޝަހުރަށް މާފު ކޮށްފިން. އެކަމު ދުވަހަކުވެސް، ދުވަހަކުވެސް، ލިޔާނަށް ދިން އަނިޔާ އަހަރެންގެ ހަނދާނަކުން ނުފިލާނެ! އެކަމަށް ދުވަހަކުވެސް މާފެއް ނުކުރާނަން! އެދަރި އެހުރީ... ބައްޕައެއްގެ ނަމުން މަހުރޫމްވެފަ. ދެން އަހަރެން ބޭނުމެއް ނޫން، ޝަހުރު ލިޔާންގެ ބައްޕައަށް ވާކަށް. އެއީ ބައްޕަ ނެތް ކުއްޖެއް!" ޝަހުރުގެ އަނގަ ވަގުތުން ބަންދުވެ، ތަޅު އެޅުނު ކަހަލައެވެ.
"އަހަރެންނަށް ޝަހުރު ދެންމެ ދެއްކި ވާހަކަ ވަރަށް އަމިއްލަ އެދުން ބޮޑު! އަހަރެންނަށް ޝަހުރާ އެކު ދެން އުފަލެއް ނުލިބޭނެ! ޒަކްވާނާ އަހަރެން ދެނެއް ދުރެއް ނުކުރެވޭނެ. ޒަކްވާނަކީ ޝަހުރާ ހާސްބައި ތަފާތު ފިރިހެނެއް. އާނ! އަހަރެން ވަރަށް ދެރަވޭ، ޝަހުރުގެ ލައިފްގަ ތި ދިމާވި ކަންތަކުން. އެކަމު އެއީ އަހަރެން ޝަހުރާ ގުޅެން ޖެހޭނެ ސަބަބެއް ނޫން. އެހެންވީމަ، ޝަހުރު އަހަރެންގެ ދިރިއުޅުމުން ދުރަށް ދޭ! ލިޔާނާ ވެސް ދުރަށް ދޭ! އަހަރެންގެ މުޅި ޙަޔާތުން ދުރަށްދޭ! އަހަރެން ދެކެ ލޯބިވަންޏާ، މުޅި އުމުރަށް އަހަރެންގެ ލޯމަތިން ދޭ!" ލިވިޔާ ހިތްވަރުކޮށްފައި ވާހަކަދެކެވުނީ އެވަރަށެވެ. އެއްވެސް އެއްޗެއް ނުބުނެ، ޒަކްވާން ހުރީ ހުއްޓުން އަރާފައެވެ. ލިވިޔާގެ ހިތްވަރަށް ޒަކްވާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް ޒަކްވާން އެއްވެސް ހައިރާނެއް ނުވެއެވެ. ލިވިޔާ ޒަކްވާން ދޫނުކުރާނެ ކަމުގެ ޔަޤީންކަން ޒަކްވާނަށް މާކުރީން ވެސް އޮތީމައެވެ.
"ކޮއްކޯ! މަރުޙަބާ! ލިވީއަށް ދުވަހަކުވެސް ދެރައެއް ނުދޭތި! އަބަދުވެސް ލިވީ ދެކެ ލޯބިވާތި!" ޒަކްވާނަށް ބަލައިލުމަށްފަހު އެހެން ބުނެ، ޝަހުރަށް އެތަނުގައި އެންމެ ސިކުންތަކުވެސް މަޑުކުރަން ނުކެރުނެވެ. ލިވިޔާގެ ބަސްތަކުން ޝަހުރުގެ މުޅި ހަށިގަނޑު ކަތިލައިފަިއެވެ. ޝަހުރު ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެގެއިން ނުކުތެވެ. މަޑުމަޑުން ފިޔަވަޅު ނަގަމުން ޒަކްވާން ގޮސް ލިވިޔާގެ ދެކޮނޑުގައި ހިފައި އޭނާގެ ގާތަށް މަޑުމަޑުން ދަމައިލިއެވެ. ޙަޤީޤަތުގައި ޒަކްވާންގެ ހިތަށް ވަނީ ވަރަށް ތަދުވެފައެވެ. ޝަހުރުގެ ޙަޔާތުގައި ކަންތައް ވީގޮތުންނެވެ. ނަމަވެސް ލިވިޔާ ޒަކްވާން ދެކެވާ ލޯބި ޔަޤީންވުމުން ޒަކްވާންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ޒަކްވާން ލިވިޔާގެ އަތުގައި ހިފަހައިލުމަށްފަހު، ކޮޓަރިން ނުކުމެ ހިނގައިގަތީ ކައިވެނީގެ މަޖިލީހަށެވެ. ލަސްތަކެއް ނުވެ، ކައިވެނީގެ ފަނޑުވެފައިވާ ފޯރި އެތަނުގެ ތެރޭގައި ކެކި އުތުރި ގަތެވެ.
****
ޝަހުރު އޭނާގެ ގެއިން ނުކުމެގެން ދިޔައީ ހުސްނާ އާއި މަންސޫރުގެ ހިތް ދެފަޅި ކޮށްފައެވެ. އެދެމީހުންގެ އާދޭސްތަކުގައި ކޮޅު ފައިން ޖަހާފައެވެ. ދުވަހަކުވެސް ޝަހުރު އޭނާގެ މައިންބަފައިންނަށް މާފު ނުކުރާނެ ކަމަށް ބުނުމަށްފަހު، ޝަހުރު ރާއްޖެ ދޫކޮށް ދިޔައީ މިތަނުގައި ހުރެ ޝަހުރު ވާނީ ހަލާކުކަން އޭނާއަށް އެނގޭތީއެވެ. ޔޫހާގެ ޢާއިލާއިން ވެސް ތިބީ ހުސްނާ ދެކެ އިންތިހާއަށް ރުޅި އަައިސްފައެވެ. ކަމުގެ ޙަޤީޤަތް އެނގުމުންނެވެ. ހުސްނާ އާއި މަންސޫރުގެ ކަމަކީ ގޭގައި ރޯލަރޯލަ ތިބުމެވެ. ކުރެވުނު ކަންތަކުގެ ބޮޑު ކަމުން ލިވިޔާގެ ގާތުން މާފަށް އެދެން ވެސް ހުސްނާ އިނީ ލަދުންނެވެ. ނުކެރިފައެވެ.
****
ރޭގަނޑުގެ އަނދިރިކަން ދުނިޔެއަށް ވެރިކޮށްލީ ލިވިޔާ އާއި ޒަކްވާނަށް ހިމޭންކަން ދެމުންނެވެ. ކައިވެނީގެ ފުރަތަމަ ރޭގެ އުފާވެރިކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލު ކުރަން ލިވިޔާ އާއި ޒަކްވާން ހުރީ އިންތިހާއަށް ބޭނުންވެފައެވެ. ކައިވެނި ކުރެވުނެ ދުވަހު ޝަހުރުގެ ފަރާތުން ހިނގާދިޔަ ކަންތައް އެއްފަރާތް ކޮށްލުމަށްފަހު، އެދެމީހުންގެ ލޯބި ދިރުވާ އާލާ ކުރަން އެދެމީހުން ވެސް ތިބީ ކެތްމަދުވެފައެވެ. އެއްވެސް ފޭރާމެއް ނެތި ޒަކްވާން ފާޚާނާއިން ނުކުމެގެން އައިސް ޖެހިގަތީ އެނދުގައި އޮތް ލިވިޔާގެ ގައިމައްޗަށެވެ. އެތައް އަހަރަކު ކުރި އިންތިޒާރަށް ނިމުން އައީ ޙަލާލު ގޮތުގައެވެ. އަނބިމީހާއާ އެކުގައި މަސްތީ ވާރޭގައި ތެމި ފޯއްވަން އެދެމީހުންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. މިއީ ދުވަހަކުވެސް ލިވިޔާ ދުށް ހުވަފެނެއް ނޫނެވެ. ޝަހުރު ނޫން އެހެން މީހެއް ދެކެ ލޯބިވެވިދާނޭ ލިވިޔާގެ ހިތަށް ވެސް ނާރައެވެ. ނަމަވެސް ދިރިއުޅުމަކީ އަބަދު އެއްގޮތަކަށް އޮންނަ ކަމެއް ނޫނެވެ. އެކި ވަގުތުގައި ޙާލަތު ބަދަލު ވާނީ އެކިގޮތްގޮތަށެވެ. މިއަދު ލިވިޔާގެ ގައިމަތީގައި އޮތް އޭނާގެ ފިރިމީހާގެ ފަރާތުން ލިބޭ ހޫނު ކަމަކީ ލިވިޔާ ދުވަހަކު ވެސް ހިތަށް ގެނުވި ހޫނު ކަމެއް ނޫނެވެ. ނަމަވެސް އެ ހޫނު ކަމުން ލިވިޔާގެ ޙަޔާތަށް މިއަދު ފިނިކަން ލިބެއްޖެއެވެ. ޝަހުރާ ނުލައި އުފާވެރި އައު ޙަޔާތެއް ފެށިއްޖެއެވެ.
-----ނިމުނީ-----