ވާހަކަ

ވީމޭ ކަލާޔާނުލާ

(13ނޮވެމްބަރު 2021އާ ގުޅޭ)

"ކީކޭ؟ އަދި ބުނެބަލަ!" ހުސްނާގެ މޫނު މައްޗަށް ހީވީ ރުޅި ގަދަ ތޫފާނެއް އެރިހެންނެވެ. ހުސްނާ ރުޅިވެރި ކަމާ އެކުގައި ބަލަން ހުރީ ސީދާ ޝީލާގެ މޫނަށެވެ.

"އާނ! ޝަހުރުގެ ދިރިއުޅުން ހަލާކު ކޮށްލީ މަންމަ. އެކަމަށް އަހަންނަށް ހިތްވަރު ދިނީ ވެސް ހަމަ މަންމަ. އެއީ މަން..." ހުސްނާގެ އަތުގެ ހޫނުކަން އެރީ ޝީލާގެ މޫނަށެވެ.

"އައްދޯއި!" ޝީލާ ވަގުތުން އަތް ކާއްތައިލީ އޭނާގެ މޫނުމަތީގައެވެ. އެޅި ދިލަ ތަދެއްގެ ބޮޑު ކަމުންނެވެ.

"ހަބަރުދާރު! ކަލޭގެ ވާހަކަތައް ތި ދަނީ މާ މައްޗަށް! އާނ! އަހަރެން ޝަހުރުގެ ދިރިއުޅުން ހަލާކު ކޮށްލީ. ލިވިޔާއާ ޝަހުރު ދުރު ކުރީ އަހަރެން. އެއީ އަހަރެންނަށް އެނގޭނީ އަހަރެންގެ ދަރީންނަށް ރަނގަޅު ގޮތް، އަހަރެން ބޭނުންވީ ޝަހުރާ ޔޫހާ ގުޅެން. ކަލެއަށް ފެނޭތަ؟ އެމީހުން އުޅެމުންދާ އުފާވެރި ދިރިއުޅުން.." ހުސްނާ ރުޅި އައިސް ރަތް ވެގެން ދައްކަމުން ދިޔަ ވާހަކަތައް ވަރަށް ރީއްޗަށް ދިޔައީ ޔޫހާއަށް އިވެމުންނެވެ.

"މަންމަ ހީކުރީތަ އެއީ އުފާވެރި ކަމޭ؟ ނޫން! އެއީ އެއްވެސް އުފަލެއް ނޫން. އެ މީހުން އެ ތިބީ އޮޅުވާލުމެއްގެ ތެރޭގަ. ޝަހުރު ލޯބިވީ ލިވިޔާ ދެކެ. ލިވިޔާއަށް ދޮގު ތުހުމަތެއް ކޮށްގެން، ލިވިޔާއާ ޝަހުރު ދުރު ކުރި އިރު މަންމަ އަށް ނުވިސްނޭތަ، ލިވިޔާ އެދުވަހަ ޝަހުރު ދޫކޮށް ދިޔައީ މަންމައަށްޓަކާ ކަން.. ލިވިޔާގެ ބަނޑުގައި ޝަހުރުގެ ދަރިއެއް އޮތް އިރު ވެސް، ލިވިޔާ އެވީ ކޮންފަދަ ޤުރުބާނީއެއް؟ އެކަން އަހަރެންނަށް މި ވިސްނެނީ މިއަދު އަހަރެންނަށް ލޯބި ދަސްވީމަ. އަހަރެން މިއަދު ދެރަވަން އެކަމުގަ އަހަރެންނަށް ބައިވެރި ވެވުނީމަ. އަހަރެން ބޭނުން މާފަށް އެދެން ވެސް.." ޝީލާގެ ވާހަކަތައް އަޑު އިވުމާ އެކުގައި ދޮރުން ބޭރުގައި ހުރި ޔޫހާގެ ދެލޯ ކަރުނައިން ފުރި ބާރުވެގެން ދިޔައެެވެ. އިސާހިތަކު ޔޫހާގެ ލޮލުގެ އެސްފިޔަތައް ފޫއަޅުވާލަފައި ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް ބަންޑުން ވެއްޖެއެވެ.

"ހައްހައްހާ! ތަޢުބާ ވީ ދޯ؟ އެ ފަޤީރު ލޯތްބަށްޓަކައި. މިއަދު ޝީލާ ތިހެން ވާހަކަދެއްކީމަ މަށަށް އަންނަނީ ހިނި. ހެހެ. ކަލޭ މާފަށް އެދެފިއްޔާ، އެނގޭނެ އަހަރެންގެ އަސްލު ސިފަ. މަގޭ ނުލަފާކަން ދައްކާލާނަން. ކަލޭ މައިތިރިވޭ! އެހެން ނޫނީ.." ހުސްނާ ދަތްކުނޑި ވިކައިލުމަށްފަހު، ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ޔޫހާ ވަރަށް އަވަސްކޮށް ވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމާ އެކުގައި ޔޫހާގެ ބަޑި ފަޅައިގެން ދިޔައެވެ. ވީ ދެރައެއްގެ ބޮޑު ކަމުން ޔޫހާއަށް މޫނުގައި ބާލިސް އަޅައި ރޯން ފެށިއެވެ. ޔޫހާއަށް ވަނީ އާދަޔާ ޚިލާފަށް ފުން ހިތްދަތި އަސަރެއް ކުރުވާފައެވެ.

"ކީއްވެ؟ އަހަރެން މިއަދު ވަރަށް ދެރަވެއްޖެ! އަހަރެންނަށް މި ލިބެނީ ހައްޤު ނޫން އުފާތަކެއް. އަހަރެން ބޭނުމެއް ނޫން މިކަން ސިއްރު ކުރާކަށް. އަހަރެންނަށް މިކަމާ އެކުގަ ކުރިއަށް އެންމެ ފިޔަވަޅެއް އަޅަން ވެސް ހިތްވަރެއް ނެތް. އަހަރެންމީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫން. އަނެއްކާ މިކަން އަހަރެންގެ މައިންބަފައިންނަށް ވެސް އެނގޭނެބާ؟ ނޫން! އަހަރެންގެ މައިންބަފައިންނަކީ އެހާ އަނިޔާވެރި ބައެއް ނޫން. އަހަރެން އުފަލަށްޓަކައި އަހަރެންގެ މަންމައާ ބައްޕަ ޝަހުރުގެ ދިރިއުޅުން ތެރެއަށް ވަދެފާނެބާ؟" ޔޫހާގެ ހިތާއި ސިކުނޑި އެތައް ސުވާލުތަކަކުން ފުނި ޖެހެމުން ދިޔައެވެ. ވަރަށް ބޮޑަށް ހިތުގައި ޖެހިގެން ޔޫހާ ރޮމުން ދިޔައިރު، އޭނާގެ ހިތުގެ އެންމެ ހިނަ ނާރަށް ވެސް ވަނީ ނިކަން ތަދު އަރާފައެވެ.

****

"މަންމާ! ބައްޕާ!" ލިވިޔާ ބަލައިލީ ސޯފާގައި އިން އޭނާގެ މަންމައާ ބައްޕައަށެވެ. ލިވިޔާއާ ޖެހިގެން އިން ސޯފާގައި އިނީ ޒަކްވާނެވެ. ލިވިޔާ ބަލައިލީ ޒަކްވާނަށެވެ. އަދި ލުއިކޮށް ހީނލުމަށްފަހު، އަނެއްކާ ވެސް ލިވިޔާ ބަލައިލީ ސޯފާގައި ތިބި އޭނާގެ މަންމަ އާއި ބައްޕައަށެވެ.

"އަހަރެމެން މިއުޅެނީ ކައިވެނި ކުރަން.." ލިވިޔާގެ ދުލުން ބޭރުވި ޖުމުލައާއި އެކު ހާލިދާއަށް އެންމެ ފުރަތަމަ ވެސް އެޅުނީ ޚަމުދެވެ. މާހިރު ވެސް ހެވި ދިލިފައި ވަގުތުކޮޅަކަށް ކަޅި ޖަހައިލަން ވެސް ހަނދާން ނެތިފައި ބަލަން އިދެވުނީ ލިވިޔާ އާއި ޒަކްވާނަށެވެ.

"މަރުޙަބާ! މަރުޙަބާ ދެ ކުދިން. ތީ ބައްޕަގެ ދުޢާ އަކީ. ބައްޕަގެ އުއްމީދަކީ.. ބައްޕަ މި ހުންނަނީ ލިވިޔާގެ މޫނުމަތިން ފަހަކުން އައިސް ފެންނަމުންދާ އުފާވެރި ހިނިތުންވުމުން ވަރަށް ބޮޑަށް އުފާވެފަ. ވަރަށް ހިތްހަމަ ޖެހިފަ. ޝުކުރިއްޔާ ޒަކްވާން. އަހަރެންގެ ދުޢާ މާތްﷲ އިޖާބަ ކުރައްވައިފި! ކޮންމެ އިންސާނެއްގެ ދިރިއުޅުމުގަ އަބަދު ހިތާމައެއް ނޯއްނާނެ!" މާހިރު ވާހަކަދައްކަމުން ދިޔަ އިރުވެސް އޭނާ އުފާވެފައި ހުރި މިންވަރު އެނގި ހާމަވަމުން ދިޔައެވެ.

ހެނދުނުގެ ދަންފަޅި ނިމި ހަވީރަށް ދުނިޔެ ހަނާ އަޅަަން ފެށިއިރު، ޝީލާ އާއި ފިރުޝާން ކޯޓުން ނުކުމެގެން ދިޔައީ ކައިވެނީގެ ކަންތަކުގައި ނިންމަން ޖެހޭ ލިޔުންތައް ހަވާލު ކުރުމަށްފަހުގައެވެ. އެދެމީހުން ތިބީ މާދަމާ ރަން ކިޔަން ނިންމައިގެންނެވެ. ޝީލާގެ ކައިވެނީގެ ޚަބަރު އިވުމާ އެކުގައި މަންސޫރު އެންމެ ފުރަތަމަ ވެސް ކަނޑައިލީ ދަރި ކަމުގެ ގުޅުމެވެ. ކައިވެނި ކޮށްފި ނަމަ، ބައްޕައެއް ނުހުންނާނެ ކަމަށް ބުނުމަށްފަހުގައެވެ. ނަމަވެސް ޝީލާ ދުލެއް ނުދިނެވެ. އެއްވެސް ވަރަކަށް ޝީލާ ގޮތްދޫ ނުކުރުމުން، އެންމެ ފަހުން މަންސޫރު ހެދި ގޮތަކީ ޝީލާ ގެއިން ނެރެލީއެވެ.

***

"ޔޫހާ!" ޝަހުރު ކޮޓަރިއަށް ވަތް އިރު، ޔޫހާ އޮތީ ކޮޓަރި ތެރެއަށް ދެމިފައެވެ. ތަށިމުށިގަނޑު މަތީގައި އޮތް ޔޫހާ ފެނުމާ އެކުގައި ޝަހުރަށް ވީގޮތް ވެސް ނޭނގުނެވެ. ވަރަށް އަވަހަށް ދުއްވައިގަނެގެން އައިސް ޔޫހާ އުރާލައިގެން އެނދު މަތީގައި ބޭއްވިއެވެ.

"ޔޫހާ! ޔޫހާ" ޝަހުރު މަޑުމަޑުން ޔޫހާގެ މޫނުގައި އޭނާގެ ދެއަތުން ޖަހައިލިއެވެ. އެއްވެސް ވަރެއްގެ ހަކަތަ އެއް ޔޫހާގެ ހައްޓަކު ނެތެވެ. ބިރުން ހުރެ ޝަހުރު ބަލައިލީ ތަޅުންގަނޑު މައްޗަށެވެ. ޔޫހާ ވެއްޓިފައި އޮތް ތަނަށެވެ. ޝަހުރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުއްލިއަކަށް ހުރެފައި ޝަހުރަށް ފުންމައިގެން އެނދުން ތެދުވެވުނެވެ.

"ނޫން! ނޫން! ކީއްވެ؟" ޝަހުރު ވަގުތުން ފެންކަޅިވިއެވެ. (ނުނިމޭ)