ވާހަކަ

ވީމޭ ކަލާޔާނުލާ

(6 ނޮވެމްބަރ 2021އާ ގުޅޭ)

ލިވިޔާގެ އަޑަށް ޒަކްވާން ހުއްޓުނެވެ. ފަހަތަށް އެނބުރި ޒަކްވާން ބަލައިލީ ލިވިޔާގެ މޫނަށެވެ.

"ލިޔާން ކިހާ އެކަނި ވާނެ. ލިޔާން ވަރަށް މިސް ވާނެ ޒަކްވާން މަތިން." ލިވިޔާ މަޑުމަޑުން އިސްދަށަށް ޖެހިއެވެ.

"އަހަރެން ވެސް.. ވަރަށް މިސްވާނެ.." ވަގުތުކޮޅެއްގެ ހިމޭން ކަމަކަށްފަހު ލިވިޔާގެ ދުލުން ބޭރުވި ޖުމުލައާ އެކުގައި ޒަކްވާން ހައިރާން ވިއެވެ. ކަންފަތުގައި ޖެހުނީ ހަމަ ރަނގަޅު ވާހަކައެއްބާއޭ ޒަކްވާންގެ ހިތާހިތާ އޭނާ ބުނެލެވުނެވެ. އެއީ ލިވިޔާގެ ދުލުން ބޭރުވެދާނެ ބަހެއް ކަމަކަށް ޒަކްވާން ހީކޮށްފައި ނުވާތީއެވެ.

"އާނ! އަހަރެން ވަރަށް މިސް ވާނެ." ލިވިޔާ ތަކުރާރު ކޮށް އެހެން ބުނެލީ، ޒަކްވާން ސުވާލު އުފެދޭ ފަދަ މޭރުމަކުން ލިވިޔާއަށް ބަލައިލުމާ އެކުގައެވެ.

"ނުދޭ!" ލިވިޔާ މަޑުމަޑުން އައިސް ހިފައިލީ ޒަކްވާންގެ އަތުގައެވެ.

"ޕްލީޒް! މަޑުކުރޭ!" ލިވިޔާއަށް ބުނެވުނީ އެވަރަށެވެ. ލިވިޔާއަށް ރޮއިގެނުވުނީ ޒަކްވާންގެ ގައިގައި ބައްދައިގަތުމާ އެކުގައެވެ. ޒަކްވާނަށް ލިބިގެން ދިޔައީ ބަޔާން ކުރަން އޭނާއަށް ދަތިވި އިޙްސާސެކެވެ. ޒަކްވާން ވެސް މަޑުމަޑުން އޭނަގެ ދެއަތުން ލިވިޔާގެ ހަށިގަނޑު ވަށައިލިއެވެ.

ލިބިގެން ދިޔަ ކުއްލި ޚަބަރުން ޖޭސްމީންގެ ހިތަށް ވަނީ ނިކަން އަސަރުކޮށްފައެވެ. އޭނާގެ ގެއަށް އައިސް ގިސްލަ ގިސްލާފައި ޖޭސްމީން ރޮމުން ގެންދިޔައެވެ. ހިތް އެދި ގޮވަމުން ދިޔަ ލޯތްބާ ދުރަށް ދިޔުން ވެގެން ދިޔައީ އެއްވެސް ޙާލެއްގައި ޖޭސްމީނަށް ފަސޭހަ އިމްތިހާނަކަށް ނޫނެވެ. އެޔަށްވުރެ ބޮޑަށް ޖޭސްމީން ޒަކްވާން ދެކެ ލޯބިވެއެވެ. ޒަކްވާންގެ ހިތް ފަތަހަ ކުރެވޭތޯ އެކި ގޮތްގޮތުން ކުރަމުން އައި މަސައްކަތުން ލިބުނު އަލި މަގު ވެސް، އެންމެ ފަހުން ޖޭސްމީނަށް އަނދިރި ވީއެވެ. ކުރިއަށް ދާންވީ ގޮތް ނޭނގި ހުއްޓުން އެރީއެވެ.

ދަންވަރުގެ ވަގުތުތައް ލިވިޔާ އާއި ޒަކްވާން ހޭދަކުރަމުން ދިޔައީ އެކީގައެވެ. ލިވިޔާގެ ގޭގައި ޒަކްވާން ބައެއް ރޭރޭ ނިދަން މަޑުކުރި ކޮޓަރީގައި އެދެމީހުން ތިބެގެން ދިޔައީ ވާހަކަދައްކަމުންނެވެ.

"އަހަރެން އަބަދުވެސް.. އަބަދުވެސް.. ލިވިޔާ ދެކެ ލޯބިވޭ. ލިވިޔާ ނުފެނި ހުންނަން އަހަރެންނަށް އުނދަގޫވޭ. ލިވިޔާއަށް ހިތާމައެއް ލިބޭތަން ބަލަން އަހަރެންގެ ހިތަކަށް ކެތެއް ނުވޭ. އަހަރެންނަސް ލިވިޔާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެން ލިވިޔާ ދެކެ ލޯބިވިން.. އެއީ ސުކޫލު ދައުރު.." ވަރަށް ވެސް އިޙްސާސްތައް ނެރެގެން ޒަކްވާން ގެންދިޔައީ ލިވިޔާގެ ކުރިމަތީގައި އިނދެ ވާހަކަ ދައްކަމުންނެވެ. ޒަކްވާންގެ ވާހަކަތައް އަޑު އަހަމުން ލިވިޔާ ގެންދިޔައެވެ.

"އެކަމު، އަހަރެންގެ ލޯތްބަށް ލިވިޔާ އޭރު ނުރުހުނީ އަހަރެމެން ކިޔަވާތީ ކަމުގައި އަހަރެން ބެލިން. ލިވިޔާގެ ލޯތްބަށް އަހަރެން ނާއުއްމީދެއް ނުވަން. އަހަރެން ބޭރަށް ގޮސް ކިޔަވައިގެން ރާއްޖެ އައީ އެއްވެސް ޙާލެއްގައި ލިވިޔާ ލިބޭނެ ކަމަށް ޔަޤީންކޮށްގެން ނޫން. އެކަމު، ދުޢާ ކުރިން.." ޒަކްވާން ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަޑު ތުރުތުރު އަޅައެވެ.

"ނަމަވެސް، ކަންތައް އޭރު ދިމާވީ އަހަރެން ހީކުރި ގޮތާ މުޅީން ހިލާފަށް.. އަހަރެން ހީއެއް ނުކުރަން ލިވިޔާ ވެގެން ދާނީ އަހަރެންގެ ދޮންބެގެ ބައިވެރިޔާއަށް ކަމެއް. އެހިސާބުން އަހަރެން ލިވިޔާއާ ދުރުވާން މަސައްކަތް ކުރިން.. ނަމަވެސް، އަހަރެންނަށް އެކަން ވީ ފެއިލް." ޒަކްވާންގެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. ޒަކްވާންގެ ވާހަކަތައް އަޑުއަހަމުން ގެންދިޔަ ލިވިޔާގެ ދެލޯ ވެސް ވަނީ ފެންކަޅި ވެފައެވެ.

"ލިވިޔާ.. މިއަދު މިހެން ކަންތައް ވީމަ އަހަރެންނަށް ލިވިޔާ ދޫކޮށްލަން އުނދަގޫ ވީ. އަހަރެން އަދިވެސް ހީކުރީ އަހަރެންނަށް ލިވިޔާ ލިބޭނެ ކަމަށް. ދޮންބެ ކުރިޔަަސް، އެ ކުރީ ގޯސް ކަމެއް، އެއީ އަހަރެން ދަންނަ ޝަހުރު ދޮންބެ އެއް ނޫން. އޭނާ އެވަނީ މުޅީން ބަދަލު ވެފަ. ނަމަވެސް އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުގަ.. ލިވިޔާއާ ބެހޭ ގޮތުން އެ ވާހަކަތައް އިވުމުން އަހަރެން އެކަން ޤަބޫލު ނުކުރީ އަހަރެންނަށް އެނގޭ ލިވިޔާ އެހެން ނޫޅޭނެކަން. އެކަމު، ލިވިޔާ ދަސްނުވީ ދޮންބެއަށް.." ޒަކްވާންގެ ދެލޮލުން ކަރުނަތައް ފައިބަން ފެށިއެވެ.

"އަހަރެން މިއުޅެނީ ދޮންބެ ކުށްވެރި ކުރާކަށް ނޫން. ނޫނީ ދޮންބެއާ ލިވިޔާ އިތުރަށް ދުރުކުރާކަށް ނޫން. އެކަމުވެސް، އަހަރެންނަށް ނެތް މިއަދު ރީޒަނެއް އަހަރެންގެ ދޮންބެއާ ލިވިޔާ ގުޅެން ޖެހޭ. އަހަރެންގެ ދޮންބެއެއް ކަމަކު، ލިވިޔާ ޑިޒާރވެއް ނޫން ދޮންބެއަށް.." ޒަކްވާން އޭނާގެ އަތުގެ ނުފުށުން ކަރުނަތައް ފޮހެމުން ވާހަކަދައްކަމުން ދިޔައެވެ.

"ދެން ކީއްވެ މިހާރު އަހަރެންނާ ލިޔާން ދޫކޮށް ދާން ތިއުޅެނީ؟" ލިވިޔާ ބަލަން އިނީ ސީދާ ޒަކްވާންގެ ދެލޮލަށެވެ. ޒަކްވާން ގެންދިޔައީ އޭނާގެ ލޮލުން ކަރުނަ ފޮހެމުންނެވެ.

"އަހަރެންނަށް މަޖުބޫރުވީ.. އަހަރެންގެ ނަފުސު އަހަރެންނަށް މަޖުބޫރު ކުރުވަނީ. އަހަރެން ދެކުނީ ލިވިޔާ ކޮންމެވެސް ވަރަކަށް ދޮންބެއާ ދުރަށް ދާން މަސައްކަތް ކުރާނެ ކަމަށް. ލިޔާނާ ދޭތެރޭގައި ކަންތައް ވެެގެން ދިޔަ ގޮތުން. ބައްޕައެއް ހުރެ، އެނަން ނުލިބި.. އެކަމު، އަހަރެންނަށް ފެންނަނީ އެހެން މަންޒަރެއް. އަދިވެސް ލިވިޔާ.." ޒަކްވާންގެ އަޑު ބަންދުވީ ލިބެމުން ދިޔަ ހިތްދަތި ކަމުންނެވެ. މޫނުމަތީގައި އަތް އަޅައި ޒަކްވާން ރޯން ފެށީ ބޭނުން ވެގެން ނޫނެވެ. ނަމަވެސް އިތުރަށް އެންމެ ސިކުންތެއް ވެސް ކެތް ނުވެގެންނެވެ. ޒަކްވާނާ އެކުގައި ލިވިޔާ ވެސް ރޯން ފެށިއެވެ. އެއްވެސް މީހެއް އެއްވެސް އެއްޗެއް ނުބުނެ ގެންދިޔައީ ރޮމުންނެވެ.

"ޒަކްވާން.." މުޅި ކޮޓަރިތެރެއިން އިވެމުން ދިޔަ ރުއިމުގެ އަޑު ކުޑަކޮށް ހިނދިގެން ދިޔައީ ލިވިޔާގެ އަޑުންނެވެ. ލިވިޔާ ޒަކްވާނަށް ގޮވައިލުމުންނެވެ.

"ޒަކްވާން.. ތީ ކުށްހީއެއް.." ލިވިޔާ އެހެން ބުނުމާ އެކުގައި އިސްދަށަށް ޖަހައިގެން، މޫނުގައި އަތް އަޅައިގެން ރޮމުންދިޔަ ޒަކްވާން އޭނާގެ މޫނުމަތިން އަތް ނެގިއެވެ.

"އާނ! އަހަރެން ޝަހުރުގެ ފޮޓޯގަނޑަށް މިހާރު ބަލަނީ ޝަހުރު ދެކެ ލޯބިންއެއް ނޫން. އެއީ އެ ހަނދާންތަކުން އަހަރެންގެ ހިތަށް ކުޑަ ތަސައްލީއެއް ލިބޭތީ. އެއީ އަހަރެންގެ ޙަޔާތުގައި އަހަރެން ވަރަށް އުފާވެރިކޮށް އުޅުނު ދުވަސްކޮޅެއް، ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ވިޔަސް.." ލިވިޔާ ހިފައިލީ ޒަކްވާންގެ އަތުގައެވެ.

"ޒަކްވާން. އަހަރެންނަށް އެހީވެދީ! އަހަރެން ބޭނުން ވަނީ އެހަނދާން ތަކުން މުޅިން ދުރަށް ދާން. އަހަރެންނަށް އެނގޭ އަހަރެން ޝަހުރު ދެކެ ކުރިންވީ ލޯބި ނުވާކަށް. އެކަން މިހިތަށް ޔަޤީންކޮށްދީ ޒަކްވާން.. އަހަރެންނަށް އެހީވެދީ ޒަކްވާން.." ލިވިޔާ ބައްދައިލީ ޒަކްވާންގެ ގައިގައިގައެވެ. ވަރަށް ބާރަށެވެ. ޒަކްވާންގެ ހިތަށް ހީވީ ކުއްލި ފިނިކަމެއް ލިބުނުހެންނެވެ.

"ޒަކްވާނަށް ނޭނގުނަސް... އަހަރެން ޒަކްވާންގެ ހަރަކާތް ތަކަށް މިދަނީ ފާރަލަމުން. އަބަދުވެސް މަންމަމެން ބުނޭ، ޒަކްވާންތީ އަހަރެންގެ ޙަޔާތަށް އެންމެ ރަނގަޅު ބައިވެރިޔާއޭ. ލިޔާންއަށް އެންމެ ރަނގަޅު ބައްޕައޭ. އެކަން މިއަދު އަހަރެން ޤަބޫލު ކޮށްފިން.." ލިވިޔާގެ ދުލުން އެހެން ބުނުމާއެކުގައި ޒަކްވާންގެ ލޮލުން ކަރުނަ ފައިބަމުންދާ ޙާލުގައި، އޭނާގެ ތުންފަތުން ދުވެލީ އުފާވެރި ހިނިތުންވުމެކެވެ. (ނުނިމޭ)