(8 ނޮވެމްބަރު 2021އާ ގުޅޭ)
ލިވިޔާގެ ބުރަކަށީގައި މަޑުމަޑުން ފިރުމަމުން ޒަކްވާން ގެންދިޔައީ ލުއި ހިނިތުންވުމަކާ އެކުގައެވެ. އެތައް ދުވަހަކު ދުށް ހުވަފެން ޒަކްވާނަށް ހާސިލު ވެގެން ދިޔަ ކަހަލައެވެ.
"އަހަންނަށް އެހީވެ ދޭނަން ދޯ؟ ނުދާނަން ދޯ އަހަރެމެން ދޫކޮށްފަ؟" ޒަކްވާންގެ މޭގެ ތެރެއަށް ކޮށްޕައިލައިގެން އޮތް ބޯ ނަގަމުން، ލިވިޔާ ބަލައިލީ ޒަކްވާންގެ މޫނަށެވެ.
"އާނ އާނ! އަހަރެން އަބަދުވެސް ހުންނާނީ ލިވިޔާއާ އެކުގައި.. ލިޔާނަށް ބައްޕައެއްގެ ލޯބި އެންމެ ފުރިހަމަ ގޮތުގައި އަހަރެން ދޭނަން! މީ އަހަރެން ވާ ވަޢުދެއް." ޒަކްވާންގެ ޖަވާބުން ލިވިޔާއަށް ހިނިތުންވެވުނެވެ. އަނެއްކާ ވެސް ލިވިޔާ ބައްދައިލީ ޒަކްވާންގެ ގައިގައެވެ.
މުޅިން އައު ދުވަހަކަށް އިރުއެރީ، ލިވިޔާގެ ޙަޔާތަށް މުޅިން އެހެން ބާބެއް ފަށަމުންނެވެ. ޒަކްވާނާ އެކުގައި އައު ޙަޔާތެއް ފެށުމަށް ލިވިޔާ ނިންމީ އެއީ ލިވިޔާއަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާ ޤަބޫލު ކުރާތީއެވެ. އަދި ޒަކްވާންގެ ހަރަކާތްތަކަކީ އެކަމުގެ ސާފު ދަލީލުކަން ލިވިޔާ ޤަބޫލު ކުރީ އޭނާގެ ހިތުގެ އެންމެ ފުން މިނުންނެވެ.
ފެށުނު އައު ދުވަހާ އެކުގައި ޝީލާއަށް ކުރިމަތި ލާން ޖެހިފައި ވަނީ އާދައިގެ އިމްތިޙާނަކާ އެއް ނޫނެވެ. އޭނާގެ މަންމަގެ ގާތުގައި ޝީލާ އިންނަން ބޭނުންވާ ވާހަކަ ބުނާ ހިސާބުން ދެން ކަންތައް ވާނެ ގޮތް އަންދާޒާ ކޮށްލަން ވެސް ޝީލާއަށް ދައްޗެވެ. ނަމަވެސް އެކަން ކުރުން ނޫން އިތުރު ގޮތެއް ވެސް ޝީލާއަކަށް ނެތެވެ. އެޔަށް ވުރެ ބޮޑަށް ޝީލާ ހުރީ ފިރުޝާން ދެކެ ލޯބިވެވިފައެވެ. އެ ލޯތްބަށްޓަކައި މައިންބަފައިންނާ ދެކޮޅަށް ވެސް ޝީލާ އެ ކައިވެނި ކުރަން ބޭނުން ވެއެވެ. ނަމަވެސް ޝީލާ ޖެހިލުން ވަނީއެވެ. އެމީހުންގެ ދިރިއުޅުމަށް އިތުރު ތޫފާނެއް މައިންބަފައިންގެ ފަރާތުން އައިސްދާނެތީއެވެ. އެހެން ނޫނަސް ޝީލާ އަކީ މައިންބަފައިންނާ ދެކޮޅަށް ކަންތައް ނިންމަން ފަސްޖެހޭ މީހެކެވެ. އަބަދުވެސް މަންމައާ ގުޅިގެން ހުރިހާ ކަމެއް ކުރާނެއެވެ. "ހަޑި" އެއް ހާވަން ވިޔަސް، އެކަމަށް ވެސް މަންމައާ އެކުގައި ޝީލާ ހުންނާނީ ތައްޔާރަށެވެ.
ވިސްނަ ވިސްނާފައި އެންމެ ފަހުން ޝީލާ އެނދުން ތެދުވިއެވެ. ހިނގައިގަތީ ހުސްނާ އޮންނަ ކޮޓަރިއާ ދިމާލަށެވެ. ލަސްކުރަން ބޭނުން ނުވުމުން ހެނދުނު ހެނދުނާ އެވާހަކަ ކިޔައިދޭން ޝީލާ ބޭނުން ވީއެވެ. ލަސް ކުރާވަރަކަށް ޝީލާއަށް ވާނީ އުނދަގޫ ކަން އޭނާއަށް އެނގޭތީއެވެ.
"މަންމާ.." ދޮރުގައި ޓަކި ދީފައި ޝީލާ ގޮވައިލިއެވެ. ވަރަށް އަވަހަށް ހުސްނާ ދޮރު ހުޅުވައިލިއެވެ.
"ކިހިނެއް ވެފަ ތިހުރީ؟ ހާދަ ފާޑަކަށް! ވަދޭ!" ހުސްނާއަށް ޝީލާގެ މޫނުމަތިން ވެސް އޭނާ ހުރީ ބޮޑު ކަމެއް ބޭނުން ވެފައިކަން އެނގުނެވެ. ވަގުތަކީ މަންސޫރު ނެތް ވަގުތެއް ކަމުން، ކޮޓަރި އޮތީ އެދެމައިނަށް ހުސްވެފައެވެ.
"މަންމާ.." ޝީލާ އައި ގޮތަށް އައިސް އިށީންނީ އެނދުމަތީގައެވެ. ހުސްނާ ވެސް ޝީލާއާ ދާދި ގާތުގައި އިށީންނީ ޝީލާގެ ވާހަކަތައް އަޑު އަހާށެވެ.
"ހޫނ! ކީކޭ؟" ހުސްނާ ހުރީ ކެތްމަދުވެފައެވެ. ދައްކަން އުޅެނީ ކޮންފަދަ ވާހަކައެއް ބާއޭ ހިތަށް އަރާފައެވެ.
"މަންމާ! އަހަރެންނަށް ނޭނގެ މިވާހަކަ ދައްކަން ވީ ގޮތެއް ވެސް.. އެކަމު، އަހަރެން ބޭނުން މިވާހަކަ މަންމަ ގާތު ބުނަން.." ޝީލާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ބުނެލިއެވެ.
"އަނެއްކާ! އަނެއްކާ ކޮންފަދަ ވިޔާނުދާ ވާހަކައެއް ބުނަން ބާ މިކުއްޖާގަނޑު މިއުޅެނީ؟" ހުސްނާ ހިތާ ހިތާ ބުނެލިއެވެ. އަދި ބޮޑު ވައެއް އަނގައިން ބޭރުކޮށްލިއެވެ.
"އާނ! ބުނޭ! އަނެއްކާ ކޮން ވާހަކައެއް؟ މިއޮތް ހެނދުނާ އަހަރެންގެ މޫނު ހަރާބު ކުރަންތަ ތިއުޅެނީ؟ ހާދަ ހީވެއޭ!" ހުސްނާގެ ވާހަކަތަކުގައި ރުންކުރު ގޮތެއް ހުއްޓެވެ. އަނެއްކާ ވެސް ޝީލާ ފުން ކޮށް ނޭވާއެއް ދޫކޮށްލިއެވެ.
"މަންމާ.. އަހަރެން ބުނީ.. އަހަރެން ބުނީ.." ޝީލާ ހުއްޓުން އެރިއެވެ. އެއްވެސް އެއްޗެއް ނުބުނެ ދެލޯ ބޮޑުކޮށްގެން ހުސްނާ ބަލަން އިނީ ޝީލާގެ މޫނަށެވެ. އަނެއްކާ ވެސް ޝީލާ ވާހަކަ ކުރިއަށް ގެންދަން މަސައްކަތް ކުރިއެވެ.
"އަހަރެން މިހެން ސިންގަލް ކޮށް ހުންނަތާ ވަރަށް ދުވަސް ވެއްޖެއްނު! އަހަރެން ވެސް.. ބޭނުން ކައިވެނި ކުރަން.. މަންމާ!" ޝީލާ ބަލައިލީ ހުސްނާއަށެވެ. އެވަގުތު ހުސްނާގެ ދެލޯ ވަނީ އިތުރަށް ބޮޑުވެފައެވެ. ހުސްނާގެ މޫނު ވަގުތުން "ކުނި" ވި ކަހަލައެވެ. ޝީލާ ވާހަކައިގެން ކުރިއަށް ދިޔައެވެ.
"އާނ މަންމާ! އަހަރެން ބޭނުން މީހަކާ އިންނަން.. މިއުޅެނީ ކުއްޖަކާ ރައްޓެހި ވެގެން. މާލޭ ކުއްޖެއް ނޫން.. މުއްސަންޖެއް ވެސް ނޫން.. އެކަމު މަންމާ، އަހަރެން ވަރަށް ލޯބިވޭ އޭނަ ދެކެ! އަހަރެން.." ހުސްނާ "ހުއްޓާލާ!" ބުނި އަޑަށް ޝީލާ ބުނަން އުޅުނު ބަސް ހީވީ އޭނާގެ އަރުގެ ތެރޭގައި ތާށިވި ހެންނެވެ.
"ނޫން! ނުވާނެ ތިކަމެއް! އަހަރެން ގާތަށް ރުޅި ނާރުވާ މިތަނުން ދޭ! ކުރިން ދެ ކައިވެނި ވެސް ރޫޅުނީ.. ދެން ރޫޅުނީމަ ވާނީ ތިން ވަނަ ކައިވެންޏަށް.. އަދި ޝީލާ ތިކަން ކުރަން ތައްޔާރެއް ނޫން. އަނެއް ކޮޅުން ފަޤީރު މީހަކާ.. ނޫން ނޫން. ނުވާނެ. ބައްޕަ ވެސް ޤަބޫލެއް ނުވާނެ.. ޔަޤީން.." ހުސްނާގެ ވާހަކަތަކުން ޝީލާ ދެރަވެއްޖެއެވެ.
"އެކަމު މަންމާ. ޕްލީޒް! އަހަރެން... ކުރިން ކައިވެނިތައް ރޫޅުނީ ވެސް..." އަނެއްކާ ވެސް ޝީލާގެ އަނގަ ހުއްޓުވައިލީ ހުސްނާއެވެ.
"އަހަރެންނޭ ބުނަންތަ ތިއުޅެނީ؟ މަގޭ ކުރިމަތިން މިގަޑީ ދޭ! ޝީލާ ތިއުޅެނީ މަ ރުޅި އަރުވަން މިހާރު." ހުސްނާ އަޑަށް ބާރަށް ލާފައި ހަޅޭލަވައި ގަތެވެ. ވަގުތުން ޝީލާ ދުއްވައިގަތީ ކޮޓަރިން ނުކުންނާށެވެ.
***
ދުވަހަކަށް ފަހު ދުވަހެއް ވޭތުވަމުން ދިޔައެވެ. ވޭތު ވަމުން ދިޔަ ކޮންމެ ދުވަހަކީ ލިވިޔާއާ ޒަކްވާންގެ ގުޅުން އިތުރަށް ވަރުގަދަ ވަމުން ދިޔަ ދުވަހެކެވެ. ލޯބީގެ ގޮތުން ގުޅިގެން ޒަކްވާނާ ލިވިޔާ އުޅެމުން ދިޔައީ ވަރަށް ވެސް އުފާވެރި ކޮށެވެ. ކުޑަކުޑަ ލިޔާންއާ އެކުގައި ވަރަށް ވެސް ހިތްހަމަ ޖެހިގެން ލިވިޔާ އުޅެމުން ދިޔައިރު، ޒަކްވާންގެ އޯގާތެރި ކަމާއި ލޯބިން ލިވިޔާގެ ހިތާއި ސިކުނޑިން ޝަހުރުގެ ނަން ދިޔައީ މަޑުމަޑުން ފަޑު ވަމުންނެވެ. އެދެމީހުންގެ ލޯބީގެ ގުޅުމަށް ލިވިޔާގެ މައިންބަފައިން ވެސް ތިބީ ވަރަށް ރުހިގެންނެވެ. ލިވިޔާ ޖޭސްމީންގެ ގެޔަށް ގޮސް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެމީހުންގެ ލޯބި ފެށިގެން ދިޔަ ހިސާބު ޖޭސްމީނަށް ކިޔައިދިނެވެ. ޖޭސްމީނާ ޒަކްވާން ގުޅުނީ ލިވިޔާގެ އެދުމަށް ކަން އެންގިއެވެ. ނަމަވެސް ޒަކްވާންގެ ހިތުގައި އަބަދު އޮތީ ލިވިޔާކަން ޖޭސްމީނަށް އެންގީ ހަމަ ލިވިޔާއެވެ. ލިވިޔާގެ ވާހަކަތައް ޖޭސްމީން އަޑު އެހިއެވެ. ލިވިޔާއާ ޒަކްވާން ގުޅޭކަން އެނގުމުން ޖޭސްމީން އުފާވާ ކަމަށް ބުންޏެވެ. އެއީ ޖޭސްމީންގެ ލޯބި ހޯދަން ލިވިޔާ މަސައްކަތް ކުރުމުންނެވެ. ލިވިޔާ ހީކުރި ގޮތާ ޚިލާފަށް ޖޭސްމީން ވަރަށް "އަންޑަސްޓޭޑިން"އެވެ. ޖޭސްމީން މުޅި އުމުރަށް ޒަކްވާންގެ ދިރިއުޅުމުން ދުރަށް ދިޔައީ ލުއި ހިނިތުންވަމަކާ އެކުގައި އެމީހުންގެ ގުޅުމަށް މަރުޙަބާ ކިޔަމުންނެވެ.
ޔޫހާ އާއި ޝަހުރު ކިތަންމެ ލޯބިން އުޅުނު ކަމުގައި ވިޔަސް، ޝަހުރަށް އެއްވެސް ޙާލެއްގައި ހަޤީޤީ އުފަލެއް ނުލިބެއެވެ. ޝަހުރު ދޫކޮށް ޔޫހާ ދާނެކަން އެނގެތީ އަބަދުވެސް އޭނާގެ ހިތަށް ތަދުވެއެވެ. އެހުރިހާ ހިތްދަތި ކަމެއް ތަހައްމަލު ކުރަމުން ވެސް ޝަހުރު މަސައްކަތް ކުރީ ޔޫހާ އާއި ދެފަރާތުގެ ޢާއިލާ ހިތްހަމަ ޖައްސާފަ ބަހައްޓާށެވެ. އެކަން ކިތަންމެ ހާވެސް ރަނގަޅަށް ޝަހުރު ދިޔައީ ކުރަމުންނެވެ. ޔޫހާއަށް ދިރިއުޅެން ލިބިފައިވާ ކުޑަ ދުވަސްކޮޅުގެ ތެެރޭގައި ޔޫހާ އަބަދު ހިނިތުންވެފައި ހުންނަތަން ފެނުމަކީ ޝަހުރަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ.
ވޭތުވެގެން ދާ ކޮންމެ ދުވަހެއް ވެސް ޝީލާ ގެންދިޔައީ ފިރުޝާންއާ އެކުގައި އެމީހުންގެ ލޯބި ދިރުވަމުންނެވެ. މަންމަ ނުޤަބޫލު ވުމުން ވެސް ޝީލާ އެކަން ކުރިއަށް ގެންދަން ނިންމީއެވެ. ފިރުޝާން ގާތުގައި މަންމަ ޤަބޫލު ނޫން ވާހަކަ ވެސް ޝީލާ ކިޔައިދިިނެވެ.
***
1 މަސް ފަހެވެ.
ޝީލާގެ ކޮޓަރި ތެރޭގައި ހުސްނާ ވަރަށް ސިއްރުން ވަދެ، އެކޮޓަރި ތެރެ ބަލަމުން ދިޔައެވެ. ހުސްނާގެ ނިންމުމާ ދެކޮޅަށް ވެސް ޝީލާ އެކަން ކުރަމުން ދާކަން ހުސްނާއަށް ހީވާލެއް ބޮޑު ކަމުންނެވެ.
"ޝީލާ.." ހުސްނާ ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. އެ އަޑު ސިޓިންގރޫމްގައި އިން ޔޫހާއަށް ވަރަށް ރަނގަޅަށް އިވުނެވެ. ޝީލާގެ އެނދުމަތީގައި އޮތީ ފިރުޝާންގެ ފޮޓޯގަނޑެވެ. އެ ފެނިގެން ހުސްނާ ހުރީ ނިކަން ރުޅިގަދަ ވެފައެވެ. ވަރަށް އަވަސްކޮށްލަައިގެން ޝީލާ ފާޚާނާއިން ނުކުތެވެ.
"މަން.." ޝީލާ ހުއްޓުނީ ހުސްނާގެ އަތުގައި އޮތް ފޮޓޯގަނޑު ފެނުމާ އެކުގައެވެ. ސޯފާގައި އިން ޔޫހާ ވެސް ގޮސް މަޑުކޮށްލައިގެން ހުރީ އެމީހުން ތިބި ކޮޓަރީގެ ބޭރުގައެވެ.
"ކަލޭ އަދިވެސް އެ ކުޅިވަރު ކުޅެނީތަ؟ އަހަރެން ނޫނެކޭ ބުނީމަ ވެސް؟ ކޮބާ ކަލޭ ލަދު؟" ހުސްނާ ދަތްކުނޑި ވިކާފައި ދެއްކި ވާހަކަ ކޮޓަރިން ބޭރުގައި ހުރި ޔޫހާއަށް ދިޔައީ އިވެމުންނެވެ.
"ކަލޭ އޭ؟ މަންމަ ލަދެއް ނުގަނޭތަ ތިހެން އަހަންނާ ވާހަކަދައްކަން؟ އަހަރެންގެ ހުރިހާ ކައިވެންޏެއް ވެސް ހަލާކު ކުރީ ހަމަ މަންމަ. މަންމަ އަހަރެންގެ ކޮންމެ ކައިވެންޏެއްގެ ތެރެއަށް ވަންނަނީ. ކުޑަ އިރުންސުރެ ބިރު ދައްކައިގެން ބޮޑުކޮށްފަ ހުރީމަ ހީ ނުކުރާތި އަބަދު މަޑުން ހުންނާނޭ! އާނ. އަހަރެން އޭނަައާ އިންނާނަން.." ޝީލާގެ ލޮލުން ކަރުނަ އަންނަން މާ އިރެއް ނުނަގައެވެ. ހުސްނާ އިތުރަށް ރުޅިއައެވެ.
"ދެން ވެސް ހަމަ ވާނީ ތިހެން..ލާހިކެއް ނޫން އޭނާއާ ގުޅޭކަށް.." ހުސްނާ ވާހަކަދައްކަމުން ދިޔައީ ވަރަށް ރުޅި އައިސްގެން ހުރެއެވެ.
"ނުވާނެ! އެއްކަމެއް ވެސް ނުވާނެ. ޝަހުރުގެ ދިރިއުޅުން ހަލާކުކޮށްފަ ދެން އަހަރެންގެ ދިރިއުޅުން ހަލާކެއް ނުކުރެވޭނެ.." ޝީލާ ބުނި ޖުމުލަ ކޮޓަޜިގެ ބޭރުގައި ހުރި ޔޫހާގެ ކަންފަތުގައި ޖެހުމާއެކުގައި ޔޫހާ ހުއްޓުން އެރިއެވެ. ޔޫހާއަށް ލިބުނީ ކުއްލި ޝޮކެކެވެ. (ނުނިމޭ)