ލައިފްސްޓައިލް

ފައިދިގު މަކުނެއް ހަފައި ފުރާނައަށް ނުރައްކާވެއްޖެ

ޔޫކޭ އަންހެނެއްގެ ގައިގައި ފައިދިގުމަކުނެއް ހެފުމުގެ ސަބަބުން ފުރާނައަށް ނުރައްކާ ވެއްޖެ އެވެ. މި މީހާގެ ފައިގެ ފަލަމަސްގަނޑުގައި ފައިދިގުމަކުނު ހަފާފައި ވަނީ ފާޚާނާ ތަށިމަތީގައި އިށީންތަނާ އެވެ. އެހެންކަމުން މިއީ ފާޚާނާ ތަށީގެ ސީޓު ދަށުގައި އުޅޭ އެއްޗެއްކަން ވަނީ ޔަގީން ވެފަ އެވެ.

ޖޯ ކެންޔޮން، 34، އަކީ ރޭޑިއޯ ޕްރޮޑިއުސަރެކެވެ. ފައިދިގުމަކުނު ހެފި ފަހުން އެތަނަށް ތަދުވާ ވަރުން ތިން ފަހަރެއްގެ މަތިން ކެންޔޮން މިހާތަނަށް އިމަޖެންސީކޮށް ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާފައި ވެއެވެ. އަދި މަކުނު ހެފިތާ ހަފުތާއެއް ވަރު ވީއިރު ކެންޔޮން އަށް ހިނގާބިނގާވެ އުޅުމަށާއި ނިދުމަށް ވެސް ދަތިވީ ކަމަށް އޭނާ ބުންޏެވެ.

ކެންޔޮން އަށް ފަރުވާ ދިން ޑޮކްޓަރުން އޭނާ ކައިރީ ބުނީ ފައިދިގުމަކުނު ހެފިތާ މާ ގިނައިރު ނުވެ އޭނާއަށް ހޮސްޕިޓަލަށް ނާދެވުނުނަމަ އޭގެ ވިހަ ހަށިގަނޑަށް ފެތުރި އޭނާގެ ފުރާނައަށް ނުރައްކާ ވީސް ކަމަށެވެ.

މީގެ އެތައް މަހެއް ކުރިން ދިމާވި މި ހާދިސާ ކިޔައިދެމުން ކެންޔޮން ބުނީ އެއް ދުވަހު ހެނދުނު ހޭލައިގެން ފާޚާނާ އަށް ގޮސް ތަށިމަތީގައި އިށީންތަނާ ވަރަށް ގަދަޔަށް ފައިން ދިލަނަގައިގަތީ އެވެ.

"އެ ތަދު ކިޔައިދޭން ވެސް ނޭނގޭހާ ގަދަ. ހީވީ ރޯކޮށްފައިވާ ސިނގިރޭޓު ބުރިއެއް މީހަކު އަހަރެންގެ ފަޔަށް ފިއްތާލިހެން. ފައިދިގުމަކުނެއް ދަތްއަޅައިގެން އަހަރެންގެ ފުރާނަ ދާވަރުގެ ނުރައްކަލެއް އިންގްލެންޑް ކަހަލަ ގައުމެއްގައި ކުރިމަތިވެދާނޭ މީހަކު ހިތަށް ވެސް ނާރާނެ. އެއީ ވަރަށް ބިރުވެރި ތަޖުރިބާއެއް،" ކެންޔޮން ބުންޏެވެ.

ކެންޔޮން ވަގުތުން އިމަޖެންސީ ނަމްބަރަށް ގުޅުމުން އެމީހުން އައިސް އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެވެ. އޭރު ފައިދިގުމަކުނު ދަތްއެޅިތަނުން ބޮޑު ފޮޅެއް ނަގާފައި ހުރި ކަމަށް ވެސް ކެންޔޮން ބުންޏެވެ. ޑޮކްޓަރުން އެ ފޮޅު ފަޅާލައި އެތަނުގައި ބޭސް އެޅި ނަމަވެސް އެތަނުގައި ރިއްސާ ވަރުން ކެތް ނުވެގެން އިތުރު ދެ ފަހަރު އޭނާ ހޮސްޕިޓަލުގެ އިމަޖެންސީ އަށް ދިޔަ ކަމަށް ކެންޔޮން ބުންޏެވެ. އަދި އެގޮތަށް ދާ ކޮންމެ ފަހަރަކު އެތަނުގައި ހެދިފައި ހުރި ވިހަ ފެންތައް ނަގައި ސާފުކޮށް އަލުން ބޭސް އަޅަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ހަފުތާއެއް ތެރޭ ތިން ފަހަރަށް އަހަރެން ހޮސްޕިޓަލުގައި ބާއްވައިގެން އެ ފޮޅު ފަޅައި އެ ތާ ހުރި ވިހަތައް ނަގައި ބޭސް އަޅާފައިވޭ،" ކެންޔޮން ބުންޏެވެ.

މި ހާދިސާއަށް މިހާރު އެތައް މަހެއް ފާއިތުވެފައިވީ ނަމަވެސް ފައިދިގުމަކުނު ދަތްއެޅިތަނުގައި ލީ ޒަޚަމްގެ ބޮޑު ލަކުނެއް އަދިވެސް ކެންޔޮންގައި ފައިގައި ހުރި ކަމަށް އޭނާ ބުންޏެވެ.

"އެ ދުވަހަށް ފަހު ކޮންމެ ދުވަހަކު ފާޚާނާ ސާފުކުރަން އަހަރެން އަމިއްލަ ނަފްސަށް ވައުދުވިން،" ކެންޔޮން ބުންޏެވެ.