ބޮލީވުޑް

ބިގް ބޮސް 15: ރާގޭޝް އާ ބައްދަލުވުމުން ޝަމީތާއަށް ރޮވިއްޖެ

ރާގޭޝް ބާޕަޓް އާއި ޝަމީތާ ޝެޓީ އަކީ ދާދިފަހުން ނިމުނު "ބިގް ބޮސް އޯޓީޓީ"ގައި ވެސް ބައިވެރިވެ ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމުގެ ސަބަބުން ޚާއްސަ ގުޅުމެއް އުފެދިފައިވާ ދެ މީހުންނެވެ. މި ދެ މީހުންގެ މެދުގައި ސީރިއަސް ލޯބީގެ ގުޅުމެއް އޮތް ކަމަށް އެމީހުން އަދި އެއްބަސް ނުވިޔަސް އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ އެމީހުން އުޅެނީ ރައްޓެހިވެގެން އެވާހަކަ ސިއްރުކޮށްގެން ކަމަށެވެ.

"ބިގް ބޮސް އޯޓީޓީ" ނިމުނު ފަހުން ދެ މީހުން އަލުން ބައްދަލުވެ ރަނގަޅަށް ލޯބި ފައްކާ ނުވަނީސް ޝަމީތާ ވަނީ ކަލާޒް ޓީވީގެ "ބިގް ބޮސް ސީޒަން 15"ގައި ބައިވެރިވެ ބިގް ބޮސްގެ ގެޔަށް ވަދެފަ އެވެ. އެހާތަނުން އަނެއްކާވެސް ރާގޭޝް އާއި ޝަމީތާ ދުވަސްކޮޅަކަށް ނަމަވެސް ވަކިވާން ޖެހުނީ އެވެ.

ރާގޭޝް އާ ނުލާ ވަރަށް އެކަނިވެރިކޮށް ޝަމީތާ ބިގް ބޮސްގެ ގޭގައި އުޅެނިކޮށް ކުއްލިއަކަށް ވައިލްޑް ކާޑު އެންޓްރީއެއްގެ ގޮތުގައި ރާގޭޝް ވަނީ ބިގް ބޮސްގެ ގެޔަށް ވަދެ ޝަމީތާ އާ ބައްދަލުކޮށްފަ އެވެ. ގޮރިއްލާއެއްގެ ހެދުމުގައި ހުރި ރާގޭޝް ފެނުމުން ޝަމީތާއަށް އުފަލުން ރޮވުނުތަން ފެނިފައި ވެއެވެ.

ރާގޭޝް ބުނިގޮތުގައި އޭނާ އާއި ޝަމީތާ އަލުން ބިގް ބޮސްގެ ގެއިން ބައްދަލުވުމަކީ އެމީހުންގެ ފޭނުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއް ކަމަށާއި މިހާރު އެމީހުން އަލުން ބައްދަލުވުމުގެ ފުރުސަތު ލިބި ފޭނުން ހިތްހަމަޖެހޭނެ ކަމަށެވެ.

ރާގޭޝް އާއެކު ވައިލްޑް ކާޑު އެންޓްރީގެ ގޮތުގައި ލަވަކިޔުންތެރިޔާ ނެހާ ބަސީން ވެސް ބިގް ބޮސްގެ ގެއަށް މިފަހަރު ވަދެފައި ވެއެވެ. ނެހާ އަކީވެސް ބިގް ބޮސް އޯޓީޓީގައި ވަރަށް ފޯރި އަރުވާލި މީހެކެވެ.

ބިގް ބޮސްގެ ފޭނުން ބުނަނީ ކުރިޔަށް އޮތް ދުވަސް ތަކުގައި މި ޝޯ ވަރަށް ޝައުގުވެރި މިސްރާބަކަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ރާގޭޝް އާއި ޝަމީތާގެ ލޯބީގެ މާތައް ފޮޅެމުންދާތަން ބަލަން ކެތް މަދުވެފައިވާ ކަމަށެވެ.